ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ރަށުން ބޭރުގައި އޮސްޓްރިއާ އަތުން 2-0 އިން ޖަރުމަނު ބަލިވެއްޖެއެވެ.

މިއީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ، ޖަރުމަނު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

އަދި، މިއީ މިދިޔަ ސެޕްޓެންބަރު މަހުގައި އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރު ވެސް މެއެވެ. މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް މެޗުން ވީ އެއްވަރެވެ.

އޮސްޓްރިއާގެ އާނެސްޓް-ހަޕެލް-ސްޓޭޑިއޯން ގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ 29 ވަނަ މިނެޓުގައި ޖަރުމަނު ލީގުގައި ކުޅެމުން އަންނަ މާސެލް ސަބިޓްޒާ ކާމިޔާބުކުރި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އޮސްޓްރިއާ ކުރީގަ އޮވެގެންނެވެ.

އޮސްޓްރިއާ އާ ޖަރުމަނު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

 

ދެވަނަ ހާފުގެ ކުރީކޮޅު، ޖަރުމަނުގެ ހަލުވި ވިންގް، ލެރޯއީ ސާނޭ އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. ސާނޭ އަށް ރަތް ކާޑު ދެއްކީ، ބޯޅަ ނެތީސް އޮސްޓްރިއާގެ ފިލިޕް އެމްވީން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުގައި އޮސްޓްރިއާ އިން ޖެހި ދެވަނަ ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ގޯލްޖަހައިދޭން އެހީތެރިވެދިން ކްރިސްޓޯފް ބައުމްގާޓްނާ އެވެ. މިއީ އެ ޓީމުގެ މައިކަލް ގްރިގޯރިޝް ދިން ބޯޅައަކުން ބައުމްގާޓްނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު، ނާގަލްސްމަން ބުނީ، އޭނާގެ ޓީމުން ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރިނަމަވެސް، ދަނޑުމަތީގައި އެ ތަފާތު ނުދެއްކޭ ކަމަށެވެ. އަދި އޭނާގެ ޓީމުގެ ސެލްފް-ކޮންފިޑެންސް މަދުވާ ކަމަށާއި، ފާއިތިވެދިޔަ ދުވަސްތަކަށް ބަލާއިރު އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.