އިތުރުވަގުތުގައި ޖެހި ލަނޑާއެކު، 3-2 އިން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށް މަސް އޮޑި ސްޕޯޓްސް ކްލަބުން އެފްއޭއެމް އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމާއެކު މި ދެ ޓީމަށް ވެސް ވަނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިފައެވެ.
މަސް އޮޑިން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. އެ ޓީމުން މި ފަހަރުގެ ދެވަނަ ޑިވިޝަނުން ޖާގަ ހޯދީ މިދިޔަ އަހަރު ކުރިއަށްދިޔަ ތިންވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ މަސް އޮޑިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
މަސް އޮޑިން ލީޑްނެގިތާ ތިން މިނެޓުގެ ތެރޭގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ހުސެއިން ޝަރީފް އެވެ. މިއީ އިއްބެ އާއި އަބްދުﷲ ޒިޔާން ގުޅިގެން އުފެއްދި އެޓޭކަކުން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ވިކްޓްރީން ޖެހި ފުރަތަމަ ލަނޑު، 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) އެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން މަސް އޮޑި ކުރީގަ އޮވެގެންނެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ވިކްޓްރީ އިން އެއްވަރުކުރީ އެ ޓީމުގެ ކެޕްޓަން، އަކްރަމް އަބްދުލް ޣަނީ (އަކޫ) ކާމިޔާބުކުރި ގޯލުންނެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް އިތުރުވަގުތުގައި މަސް އޮޑި މޮޅުކޮށްދިން ލަނޑުޖަހައިދިނީ އޮޑީލީ ޗިޑީ ފެލިކްސް އެވެ.
ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް މަސް އޮޑި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އިސްލާމް ފިކްރީ ހޮވުނުއިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ނިއުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން