އަހަރެންނެކޭ އެ އަންހެންް މީހާ އެކޭ މިއަދު މި ޖެހެނީ އެއް ހާލެކެވެ. ހަގީގަތް ހޯދުމަށް ދެމީހުންވެސް މިއަދު މިއޮތީ މަސައްކަތް ކުރަން ޖެހިފައެވެ. މީހުން އެ އަންހެނާއަށް މޮޔައޭ ކިޔަސް، އަހަރެން އޭނާ މޮޔައެއް ނުކުރަމެވެ. އެއީ އަހަރެންފަދަ، ހަގީގަތެއް ހޯދުމަށް ނުކުމެ އުޅޭ މުސާފިރެކެވެ.

*** 

އަހަރެން އިތުރަށް ހަދާނޭ ގޮތް ހުސްވިއެވެ. އެ އަންހެނާގެ ފަރާތުންވެސް ހަބަރުތަކެއް ލިބުނު ނަމަވެސް، އެ އަންހެނާއަށްވެސް ވާނުވާ ނޭނގޭތީއެވެ. ނަމަވެސް އެދުވަހުގެ ފަހުން އެ އަންހެނާއާއި އަހަރެންނާ ދެމެދު ކޮންމެވެސް ގުޅުމެއް ވާކަން އަހަރެން ގަބޫލުކުރީމެވެ. ފަހަރުގައި އެއީ އަހަރެންގެ މާމަ ކަމުގައި ވެދާނެތީއެވެ. އަހަރެންގެ މަންމަ ދެން ކޮބާ ހެއްޔެވެ؟ މަރުވީ ހެއްޔެވެ؟ މަރާލީހެއްޔެވެ؟

*****

އެ އަންހެން މީހާ އާއި ކޮންމެ ހަފްތާއަކު އެއް ދުވަހު އަހަރެން ދިމާ ކުރަމެވެ. ހުޅުމާލޭގެ އެ ހިސާބުންނެވެ. އެއީ ވެސް އެފަދަ އާދައިގެ ދުވަހެކެވެ. އެ އަންހެނާގެ މާޒީގެ އެކި އެކި ވާހަކަތައް އޭނާ ދިޔައީ ކިޔާދެމުންނެވެ. ކުއްލިއަކަށް މީހަކު ހަޅޭލަވާގަތް އަޑަށް އަހަންނާ އެ އަންހެނާވެސް ސިހުނެވެ. "ކަލޭ އަސިވެސް މަރު ނުވަނީތަ..!؟" ރުޅިވެރި ރާގަކަށް ފިރިހެނަކު ހޭރިގަތެވެ. ބޫޓަށް އަރައިގެން ކަސްރަތަށް ދުވަމުން ދިޔަ ބޮޑު ހަށިގަނޑެއްގެ ވެރި ފިރިހެނެކެވެ. ބޮލާއި މަތިމަހުގައި ނުރަ ހުއްޓެވެ! ތުނބުޅި ހުރީ ކުކުޅު ބިހެއްހެން އޮމާން ކޮށްލާފައެވެ. އެ ފިރިހެނާގެ ރަތްވެ ބޮޑުވެފާ ހުރި ދެލޯ ފެނުމާއި އެކު އެ އަންހެނާ ބިރުން ރޫރޫ އަޅައިގަތެވެ. އަހަރެންވެސް ބިރުގަތެވެ. އެއްވެސް މީހަކު ވާހަކައެއް ނުދެއްކިއެވެ. އެއީ ކާކުތޯ، ދެމީހުންކުރެވެސް އަހަރެން ތަކުރާރުކޮށް އަހަމުން ދިޔައީމެވެ. ދެމީހުން ދެމީހުންނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ! އެ އަންހެން މީހާ ރޯން ފެށިއެވެ. އަދި އަނިޔާ ނުކުރުމަށް ގޮވަމުން ދިޔައެވެ. އެ ފިރިހެނާ އެ އަންހެނާގެ ގައިގައި އަތް ނުލަނީސް ތަދުވާކަމަށް އެ އަންހެނާ ދިޔައީ ގޮވަމުންނެވެ. އަހަރެން އޭރުވެސް ހުރީ ވާނުވާގަައެވެ.

****

އެ އަންހެންމީހާ އިށީނދެގެން އިން ތަނުން ފަހަތަށް ޖެހެން ފެށިއެވެ. ކުއްލިއަކަށް ދުއްވައި ގަތެވެ. އަހަރެންވެސް ބިރުން ކޮޅަށް ތެދުވީމެވެ. އެ އަންހެން މީހާ ދުއްވައި ގަތުމާއި އެކު އެ ފިރިހެންމީހާ އަނބުރާލާފައި ދާން ހިނގައިގަތެވެ. "އަދި މަގޭ އަތުން ކަލޭ ވެސް ނިމޭނެ...!" އެ ފިރިހެންމީހާ ނިކަން ބާރަަށް ގޮވައިގަތެވެ. އަހަރެންނަށް އެވަގުތު ލިބުނީ ކޮންކަހަލަ ހިތްވަރެއް ކަމެއް ނޭނގުނެވެ. އަހަރެން އެޔޮަށްބޮޑު ފިރިހެން މީހާއާއި ދިމާލަށް ހަޅޭ ލަވައިގަތީމެވެ. އަދި މަޑުކުރަން ބުނީމެވެ. އެ މީހަކު އަޅާވެސް ނުލާ ހިނގަމުން ދިޔައެވެ. އަހަރެން ގޮސް އެމީހާގެ އަތުގައި ހިފީމެވެ. ފޮޅާލިއެވެ. ނަވެސް މަޑުކޮށް އަހަންނާއި ދިމާލަށް ބަލައިލިއެވެ.

"ކަލޭ ތީ ކާކު! ކިހިނެއްވެގެން އުޅޭ މީހެއް ކަލޭތީ؟" ރުޅިވެރި ރާގަކަށް އެމީހާ އަހަރެންނާ ދިމާލަށް ބުންޏެވެ! މުސްކުޅިއެއް ކަމަކު އެ މީހާގެ ރާގު ހަރުކައްޓެވެ. ގައިގެ ބާރުވެސް ދެރަވާނޭ ހެނެއް ހިޔެއް ނުވެއެވެ. " މީ... މީ... މީ ކަލޭގެ ކާފަ ދަރި..!" އަހަރެން ނެތް ހިތްވަރެއްލާފާ ނޭނގުމެއްގެ ތެރެއިން ގަސްތުގައި ބުނީމެވެ. އެ މީހާގެ މޫނުމަތިން ފާޅުވީ މުޅިން ތަފާތު ރުޅިވެރިކަމެކެވެ. މުޅި މޫނު ރަތްވެގެން ދިޔައެވެ. އެއީ އަހަރެން ހިތު ލަފަޔަށް ބުނި އެއްޗެކެވެ. އެއްވެސް ޔަގީންކަމެއް އޮވެގެން ބުނި އެއްޗެއް ނޫނެވެ. "މަގޭ ކާފަ ދަރިއޭ... ކަލޭ...!!؟؟" އެ ފިރިހެން މީހާ ރުޅިވެރިކަން ނިހާޔަތަށް ދައްކަމުން އެހިއެވެ.

 

ނުނިމޭ......