އަދާކުރާ ވަޒީފާގެ ގޮތުން އަހަންނަށް އަބަދު އޮންނަނީ ފުރަންޖެހިފައެވެ. އަތޮޅުތެރެއަށް ދަތުރުކުރުމަކީ ނުހަނު ޝައުޤުވެރިވާ ކަމެކެވެ. ރަށްފުށުގެ ހަމަހިމޭން މާހައުލު އަހަންނަށް ވަރަށް ކަމުދެއެވެ. ކޮންމެ އަތޮޅަކުން މަދުވެގެން ދެތިން ރަށަށް ޒިޔާރަތްކޮށްލުމަކީ ވެސް ހިތުގައި ކަނޑައަޅައިގެން އުޅޭ އަޒުމެކެވެ. ރަށްރަށުގެ 'ލޭންޑް ޔޫސް ޕްލޭން' ހެދުމަށްޓަކައި އަތޮޅުތެރެއަށް ދާން ލިބޭ އެއްވެސް ފުރުސަތެއް ދޫކޮށެއްނުލަމެވެ. ދާ ކޮންމެ ރަށެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ފެންނާނެ އެތައް ހާސް ފޮޓޯއެއް ނަގަމެވެ. 'ދަތުރުވެރިޔާ'ގެ ނަމުގައި ފޭސްބުކްގައި ޕޭޖެއް ހަދައިގެން އެ ފޮޓޯތައް އާންމުންނާ ހިއްސާކުރަމެވެ. ލިބޭ ތަރުހީބު ވަރަށް ބޮޑެވެ. މީހުން ހީކުރަނީ އަހަންނަކީ ފޮޓޯގްރާފަރެއް ކަމުގައެވެ. ރަށްރަށުގައި ހުންނަ އާސާރީ ތަންތަނުގެ ފޮޓޯތަކަށް ލިބޭ ތަރުހީބު ވަކިން ބޮޑެވެ. އެހެންކަމުން އެފަދަ ތަންތަނުގެ ފޮޓޯ ނަގަން މާ ބޮޑަށް ޝައުޤުވެރިވެއެވެ.
އެފަހަރު އަހަރެންގެ މަންޒިލަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮތް ރަށެކެވެ. އާބާދީ މަދު، ބިން ބޮޑު ރަށެކެވެ. ރަށުގެ ފަސްގަނޑުގައި ފައިޖެހުމާއެކު ބަޔާންކުރަން ދަތި އުފަލެއް ހިތަށް ވެރިވިއެވެ. ހީވީ ކުރީގެ ދިވެހި ފިލްމެއްގެ މަންޒަރުތައް ފެންނަހެންނެވެ. ރަށުގެ ޤުދުރަތީ ރީތިކަމާއި، ދިވެހީންގެ ދިވެހިވަންތަ ދިރިއުޅުން ފެންނަ މަންޒަރުތައް ކެމެރާގައި ރައްކާކުރުމަށް އަވަސްވެގަތީމެވެ. ރަށުގައި މީހުން ދިރިއުޅެނީ ވަރަށް ކުޑަ ސަރަހައްދެއްގައެވެ. ތެޅިގަލުން ރާނާފައި ހުރި ގެތައް ހުރީ ވަރަށް ކައިރިކައިރީގައެވެ. މީހުން އުޅޭ ގެތައް ކައިރީގައި ކޮންމެ ވެސް ވަރަކަށް ދަނޑުބިންތައް އޮވެއެވެ. ދަނޑުތަކުގެ ބިތްދޮށުން ފެށިގެން ދެން އޮންނަނީ ގަސްބޯ ޖަންގައްޔެވެ.
ނަސީބުދިމާކުރި ގޮތުން އެ ރަށަކީ އަހަރެންގެ ސްކޫލު ދައުރުގެ ރައްޓެއްސެއްގެ ރަށެވެ. އަހަންނާ ނަދީމް، މަޖީދިއްޔާގައި އެއް ކުލާހުގައި ދެ އަހަރު އުޅުނީމެވެ. ނަދީމަކީ ވަރަށް ހިތްހެޔޮ، ސަކަ މިޒާޖެއްގެ ވެރިއެވެ. އަށްއަހަރު ފަހުން ބައްދަލުވީއިރު ވެސް އޭނާ އަކަށް ބަދަލެއްނާދެއެވެ. ކުރީގެ ގާތްކަމާއި، އެކުވެރިކަން ހަމަ އެ ގޮތުގައި އޮތެވެ.
އިއްތިފާޤުން އަހަރެންގެ ހުރުމާއި ކެއުން ހަމަޖެހިފައި ވަނީ ނަދީމްގެ ބޮޑުދައިތަގެ ގެއިންނެވެ. އެއީ ރަށު ކައުންސިލްގެ އިދާރާއާ ޖެހިގެން ހުރި ގެއެކެވެ. އަހަރެން ދިޔުމުން ނަދީމަށް ލިބޭ ހުރިހާ ހުސްވަގުތުތައް ހޭދަކުރީ އަހަންނާ އެކުގައެވެ. ފޮޓޯ ނެގުމަށް އަހަރެން ހުންނަ ޝައުޤުވެރިކަން ފެނިފައި އޭނާ ވެސް އެކަމާ ވަރަށް ގަޔާވިއެވެ. މީގެ ކުރިން ރަށްރަށަށް ގޮސް ނަގާފައި ހުރި ފޮޓޯތަކާއި، ފޭސްބުކް ޕޭޖަށް ލިބޭ ތަރުހީބު އެނގުމުން އޭނާ ވަރަށް ތަޢުރީފުކުރިއެވެ.
"ތި ސަރުކާރު ވަޒީފާ ދޫކޮށްލާފަ ފޮޓޯ ސްޓޫޑިއޯއެއް ހުޅުވާ. މާ ރަނގަޅު އާމްދަނީއެއް ލިބޭނެ!" ނަދީމް އޭނާގެ ޚިޔާލުފާޅުކުރިއެވެ.
"މީ ހަމަ ހޮބީއެއްގެ ގޮތުން ކުރާ ކަމެއް! އެހެން ނޫނަސް މިހާ ގިނަ ރަށްރަށް ދަތުރު މި ކުރެވެނީ ސަރުކާރުގައި އުޅޭތީ އެއްނު؟" އަހަރެން ބުނީމެވެ. "މި ރަށުގަ އޮވޭ ދޯ ވަރަށް ބޮޑު ކުޅިއެއް! ކޮންމެހެން ވެސް އެތަނަށް ދާން ވާނެ!"
"ވަރަށް މައުލޫމާތު ހޯދައިގެން ދޯ ތި އައީ. . . އަނެއްކާ ސިއްރު ރައްޓެއްސަކު ހުރީތަ؟" ނަދީމް އަހަންނާ ދިމާކޮށްލިއެވެ.
"ނޫނޭ! ގޫގްލް މެޕުން ބަލާލިއިރު ފެނުނީ" އަހަރެން ހެމުން ބުނީމެވެ.
"ކުޅިއަށް ވުރެ މިއްފު އަށް މާ ކަމުދާ ކަހަލަ ތަނެއް އޮންނާނެ!" ކުއްލިއަކަށް ކަމެއް ހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް ނަދީމް ބުންޏެވެ. "މި ރަށުގަ އޮންނާނެ ވަރަށް ކުރީގެ ގަބުރުސްތާނެއް! އެއީ ކުރީގަ ވަރަށް ނާމާން ތަނެކޯ! އެތަނުގަ ހުންނާނެ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތެއްގެ ނާމާން ގަހެއް!"
"އެހެންތަ؟ އެހެންވީމަ ކޮން އިރަކުން ތި ތަންތަން ބަލަން ދާނީ؟" އަވަސްއަވަހަށް އަހަރެން އެހީމެވެ. "އަހަރެން ވަރަށް ލައިކްވޭ ފޮޓޯ ސްޓޯރީ ހަދަން" އަހަންނަކީ ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާއި، ފުލޯކު ވާހަކަތަކާއި ގުޅޭ މައުލޫމާތު ހޯދާ ހިތްވާ މީހެކެވެ. ފޮޓޯތަކުގެ 'ކެޕްޝަން'ގައި އެކަހަލަ ކުދިކުދި ވާހަކަކޮޅުކޮޅު ލިޔެލުމުން އާންމުންނަށް ވެސް ވަރަށް ކަމުދެއެވެ.
"އަދި ދުވަސް އެބަ އޮތެއްނު؟ ހަމަޖެހިލައިގެން ވެސް ތަންތަނަށް ދެވިދާނެ" ނަދީމް ބުންޏެވެ.
ފުރަތަމަ ދެ ދުވަސް އެއްކޮށް ދިޔައީ އޮފީހު މަސައްކަތުގައެވެ. ހުސްވަގުތެއް ލިބުނީ ތިންވަނަ ދުވަހު މެންދުރުފަސްވީ ފަހުންނެވެ. އަޞުރު ނަމާދުން ފޭބިގޮތަށް، ކޮނޑުގައި ކެމެރާ އަޅުވައިގެން ރަށުތެރެއަށް ނުކުތީމެވެ. ރަށުގައި މީހުން ދިރިއުޅެނީ އިރުމަތީފަރާތުގައި ކަމަށްވާތީ މެންދުރުފަސްވާއިރު ގިނަ ގެތައް ކައިރިއަށް ހިޔާވެއެވެ. މިދިލި ގަސްތަކާއި، ބަނބުކެޔޮ ގަސްތައް ދަށުގައި ކުޑަކުދިން ކުޅެން އުޅެއެވެ. ރޯނުވަށައި، ފަންގިވިނދެ ހަދަން އަންހެންވެރިން ހޮޅުއަށިތަކަށް ނުކުމެއެވެ. އެއީ ބަލައި ފޫހިނުވާނެ މަންޒަރުތަކެކެވެ. ދިވެހިންގެ ދިވެހިވަންތަ ދިރިއުޅުން ހަމަލޮލަށް ފެނުމުގެ ފުރުސަތު ލިބުނީއެވެ. އެމަންޒަރުތައް ކެމެރާގައި ރައްކާކުރަމުން ގެންދިޔައިމެވެ. ފޮޓޯނަގައި، ވީޑިއޯ ކުރީމެވެ.
ބޮލުގެ އިސްތަށިގަނޑު ނުރަވެ، ހަންގަނޑަށް ރޫޖެހިފައިވާ ދުވަސްވީ އަންހެނަކު ހޮޅުއަށީގައި ރޯނުވަށަން އިން ގޮތް އަހަންނަށް ވަރަށް ކަމުދިޔައެވެ. އެކި ގޮތްގޮތަށް އެ "މާމަ"ގެ ފޮޓޯތައް ނެގީމެވެ.
"އިރާދަކުރެއްވިއްޔާ މި ފޮޓޯ ކަލަންޑަރެއްގަ ޖަހާނަން" މާމައަށް ކެމެރާ ދައްކާލީމެވެ. މާމަގެ އަނގަ ތަންމިނަށް ހުޅުވާލާ ހީނލިއިރު، އަނގައިގައި އެންމެ ދަތެއް ވެސް ނެތެވެ. އަވަސްއަވަހަށް ކެމެރާގައި އެ ހިނިތުން ވެސް ރައްކާކުރީމެވެ.
"ކޮބާ ރެޑީތަ؟ ހިނގާ ދާން!" ނަދީމް އައީ އެވަގުތެވެ. "އަހަރެން ހުންނާނެ ބައިސްކަލެއް ވެސް ހޯދާފަ. ގޭދޮށަށް ގޮސް ބައިސްކަލު ނަގައިގެން ދާނީ"
އިންޖީނުލީ އެއްވެސް އުޅަނދެއް އެރަށަކު ނުގެންގުޅެއެވެ. ދާންޖެހޭ މާ ދުރު ތަނެއް ނޯވެއެވެ. އެއްޗެހި ދުއްވާނެ މަގުތަކެއް ނުހުރެއެވެ. މަގެކޭ ބުނާވަރުގެ އޮންނަނީ ދެ މަގެވެ. އެއީ ރަށުގެ ހުރަހަށް އޮންނަ 'ހުރަސްމަގާއި' ރަށުގެ ދިގަށް އޮންނަ 'ބޮޑުމަގެވެ.'
ދެ މީހުން ދެ ބައިސްކަލަށް އަރައިގެން ބޮޑުމަގަށް ނުކުތީމެވެ. ބޮޑުމަގޭ ކިޔަސް އެ މަގުގެ ފުޅާމިނުގައި ހުންނާނީ ހައެއްކަ ފޫޓެވެ. މިދިލިގަސްތަކާއި، ފުނަގަސްތަކުން މަތި އޮންނަނީ ބެދިފައެވެ. އަހަރެން ހީކުރި ވަރަށްވުރެ އެ މަގު މާ ދިގެވެ. ރަށުގެ ހުޅަނގުކޮޅަށް މަގު ނިމޭއިރު އޮންނަކީ ދެކަފިވެފައެވެ. ދެކުނު ފަރާތަށް އޮންނަނީ ކުޑަ މިސްކިތް މަގެވެ. އުތުރުފަރާތަށް އޮންނަ މަގަށް ކިޔަނީ ބޮނބިތަޅާމަގެވެ.
ރަށު މީހުން ކިޔާ ނާމާން ގަސް ހުންނަނީ ކުޑަމިސްކިތް މަގުގައެވެ. އެއީ ބެރެބެދި ގަހެކެވެ. އެއީ ކުރިން ދުވަހަކު ވެސް އަހަރެން އަހާފައި ނުވާ ނަމެކެވެ.
ބައިސްކަލުގައި ވަދެވޭ ވަރަށް ވުރެ ބޮޑަށް އެ މަގު އޮތީ ވާވެފައެވެ. އެހެންކަމުން އަހަރެމެން އެ މަގަށް ވަނީ ހިނގާފައެވެ. އެއްވެސް މީހަކު އެ ހިސާބަށް އައިސް އުޅޭ ކަމުގެ ނިޝާނެއް ވެސް ނެތެވެ.
"މީ މަގެއް ނޫނެއްނު؟ ޖަންގައްޔެއްނު؟" ހިނގަންއޮތް ހަނި މަގުގައި ފަޅާފައި ހުރި ދިގު ވިނަގަސްތަކާއި، މިރިހިގަސްތައް ދެ ފަރާތަށް ކަހަމުން އަހަރެން ބުނީމެވެ.
"މީ މީހުން އައިސްއުޅޭ ހިސާބެއް ނޫނޭ!" ނަދީމް ކުރިއަށް ޖެހިލައި، އަހަންނަށް މަގު އަލިކޮށްދޭން ފެށިއެވެ. "މީ ވަރަށް ނާމާން ތަނެއްގެ ގޮތުގައި ލޭބަލް ވެފަ އޮންނަ ތަނެއް! އަހަރެމެން ކުޑައިރު ނުކެރޭނެ އެއްވެސް ގޮތަކަށް މި ހިސާބަށް އަންނާކަށް!"
އެ މަގުން ގޮސް ނުކުމެވުނީ ނަދީމް ބުނި ގަބުރުސްތާނު ތެރެއަށެވެ. ވިނަގަސްތަކުން ގަބުރުސްތާނުގެ ބިންމަތި އޮތީ ފޮރުވިފައެވެ. އެކަމަކު މަހާނަތަކުގައި ޖަހާފައި ހުރި ގާތަކުން ބައެއް ފެންނަން ހުއްޓެވެ. ކުރިން އެތަނުގައި ހުރި ކަމަށް ބުނާ މިސްކިތުގެ ތަރާގަނޑު ވެސް ފެންނަން އޮތެވެ. އެ ބުނާ ބެރެބެދި ގަސް ހުރީ މަހާނަގާތަކުގެ ބިތްދޮށުން ވަލުތެރޭގައެވެ. ފެންނަފެނުމަށް އެއީ ވަރަށް ދުވަސްވީ ގަހެކެވެ. ބިޔަކޮށް ހެދިފައިވާ ކަށި ގިނަ ގަހެކެވެ.
"މީ އެހާ ނާމާން ގަހަކަށްވީ ރަތް މަލެއް އަޅާތީތަ؟ ނޫނީ ގަހުގައި ކަށި ގިނަކަމުންތަ؟" ކެމެރާގެ ލެންސުން ގަހަށް ބަލަން ހުރެ އަހަރެން އެހީމެވެ.
"ތިއެއް ނޭނގެ މަށަކަށް. ކުރީޒަމާނުގައި މިތަނަށް އަންނަ މީހުން މޮޔަވަނީޔޯ! ބެރެބެދިގަހު ޖިންނި އަވަލަނީޔޯ!" އެ ގަހާ ބެހޭގޮތުން ރަށުތެރޭގައި ދެކެވޭ ބައެއް ޔޯލަ ވާހަކަތައް ނަދީމް ކިޔައިދިނެވެ.
"ތި ވާހަކަ ވާނެ ހަމަ ކޮންމެހެން ވެސް ފޮޓޯގަ ޖަހަން" އަހަރެން ބުނީމެވެ.
"އަދި އެނގޭތަ؟ މުޅިން ވެސް މޮޔަވަނީ ފިރިހެނުން. މިތާ އުޅެނީ އަންހެން ޖިންނި އެކޯ! އެ ޖިންނި ބޮނބިތަޅާ މަގުން ވެސް ފެނެޔޭ ކިޔާ!" ނަދީމް އިތުރަށް ތަފުސީލުކޮށްދިނެވެ.
"ހަމަ ތެދެއް؟" ވަރަށް ސީރިއަސްވެފައި އަހަރެން އެހީމެވެ. "އެހެންވީމަ ހުރިހާ ނުރައްކަލެއް އޮތީ އަހަރެމެންނަކަށްނު؟ ހިނގާ އަވަހަށް މިތަނުން ދާން!" އަހަރެން ބިރުގަންނަ ގޮތް ދައްކާލީމެވެ.
ނަދީމް ހީނގަތެވެ. "ފޮޓޯ ނަގާ. . ފޮޓޯ ނަގާ! ފޮޓޯ ނަގާކަންނު މި ތަނަށް އައީ"
"މެމޮރީ ފުލް ވަނީ" އަހަރެން ބުނީމެވެ.
"ތީ މިއްފުމެން ކަންކަމަށް ރެޑީވާ ގޮތް. މި ރަށަށް އައި ދުވަހުން ފެށިގެން ފޮޓޯ ނަގަން އަންނަން ކިޔަނީ. އެކަމަކު ކެމެރާގަ ހުސްތަންކޮޅެއް ނެތް!" ނަދީމް އަހަންނާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ.
"މިއަދު އަދި މި އައީ ބަލާލާކަށްނު؟ ރަނގަޅަށް ރެޑީވެގެން މާދަމާ އަންނާނީ" ހަޤީޤަތުގައި ކެމެރާގެ މެމޮރީ ފުރިފައި ހުރިކަން އަހަންނަށް ނޭނގުނީއެވެ. ފޮޓޯ ނަގަން އަންނަންވެގެން ކެމެރާ ޗާރޖު ވެސް ކުރީމެވެ.
އެތަނުން ނުކުމެގެން އަހަރެމެން ދިޔައީ ބޮނބިތަޅާ މަގަށެވެ. އެއީ އަބަދުވެސް މީހުން ހިނގާބިނގާވެ އުޅޭ މަގެއްކަން އެނގުނެވެ. އެ މަގުން ގޮސް ނުކުމެވެނީ ވަރަށް ރީތި، ބޮޑު ކުޅިއެއް ކައިރިއަށެވެ. ކުޅިއާ ކުޅީގެ ވަށައިގެންވާ ސަރަހައްދަކީ ޗަސްބިމެވެ. އާންމު ގޮތެއްގައި ޗަސްބިމުގައި ހެދޭ ހުރިހާ ވައްތަރެއްގެ ގަސްގަހާގެހި އެ ހިސާބުގައި ހުއްޓެވެ. ދޫނިސޫފާސޫފިތަކާއި، ކުޅިއާ ގުޅުން ހުރި ދިރުންތަކުން އެ ސަރަހައްދު ވަނީ މުއްސަނދިވެފައެވެ. ކަކުލާ ހަމައަށް ހެދިފައިވާ ފެހިކަން ގަދަ ވިނަތައް ވެސް ހަމަ އެހާ ޗާލެވެ.
"މާޝާﷲ. ކޮންފަދަ ރީތިކަމެއް! ﷲގެ ކުޅަދުންވަންތަކަން!" އަހަރެން ހުރީ އަޖައިބުވެފައެވެ. މީގެކުރިން ފިލްމަކުން ވެސް ނުދެކޭހާ ރީތި މަންޒަރެކެވެ. ހީވަނީ މޮޅު ކުރެހުންތެރިއަކު ކުރަހާފައިވާ ތަސްވީރެއްހެންނެވެ. ވައިމަޑު ދުވަހެއް ކަމުން އޮއިވަރު ވަނީ މުޅިން ހުއްޓިފައެވެ. ފެންގަނޑު އޮތީ އޮމާންވެފައެވެ.
"އަހަރެން ހިއެއް ނުކުރަން މި ކުޅި މިހާ ރީތި ވާނެ ކަމަކަށް" އެތަނަށް އާދެވުނުލެއް އަހަންނަށް މާ ލަހެވެ. "އަހަރެން ބޭނުންވަނީ މި ތަން ވީޑިއޯކުރަން. ޑޮކިއުމެންޓްރީއެއް ހަދަން" ވަރަށް އުއްމީދީގޮތަކަށް އަހަރެން ބުނީމެވެ.
"އޭނނ؟ ޑޮކިއުމެންޓްރީއެކޭ؟" އަޑަށް ބާރުލާފައި، ފާޑެއްގެ ރާގެއްގައި ނަދީމް އެހިއެވެ.
"ކިހިނެއްވީ؟ އަހަންނަށް ނުވާނެހެން ހީވަނީތަ؟" އަހަރެން ފޮނިވެލީމެވެ.
"މި ތަނާ ގުޅޭ ޑޮކިއުމެންޓްރީއެއް ހަދަން އައި މާލޭ މީހަކު ވެސް މިރަށުން ދިޔައިރު ހުރީ މޮޔަވެފައޭ މަންމަމެން ކިޔާ. އެ މީހާއާ ވެސް ބެރެބެދި ގަހު ޖިންނި އަވަލީއޭ ކިޔަނީ" ނަދީމް ބުންޏެވެ.
"މުޅި އޮޑީގައި ހަސަނުގެ ދެފައި ދޯ!" އަހަރެން ހެމުން ބުނީމެވެ.
"ކީއްވެތަ މި މަގަށް ބޮނބިތަޅާމަގު ކިޔަނީ؟ އެއަށްވުރެ މާ ގުޅެއެއްނު ކުޅިމަގު، ނޫނީ ކުޅިއަށްދާމަގު ކިޔަން" އަހަރެން ހިތުން މޮޅު ހިޔާލެއް ދިނީމެވެ.
"މި ތަނަށް މީހުން އަންނާނީ ބޮނބިތަޅަން. ކުޅީގަ އޮންނާނީ ހުސް ބޮނބި. ކުޅުދުއްފުށީ ރޯނަށް ވުރެ، މި ރަށު ރޯނުގެ މަޝްހޫރުކަން ވަކި ކުޑައެއް ނުވާނެ" ނަދީމް ހިނިގަނޑެއް ޖަހާލިއެވެ.
"ހަމަ ތެދެއް؟ ކޮންމެހެން ވެސް ޖެހޭނެ ބޮނބިތަޅާތަން ފޮޓޯ ނަގަން" އަހަރެން އަދި ދުވަހަކު ވެސް ބޮނބިތަޅާތަނެއް ނުދެކެމެވެ.
"ބޮނބިތަޅާތަން ފެންނާނީ ހެނދުނު އައިސްގެން. ހުކުރު ދުވަހު ހެނދުނު އަންނާނީ" ނަދީމަކީ ސްކޫލް ޓީޗަރެކެވެ. އޭނާ އަށް ހެނދުނު އާދެވެނީ ހަފްތާ ބަންދުގައި އެކަންޏެވެ.
"ފަތިހު އަންނަން ޖެހުނަސް މަގޭ މައްސަލައެއް ނެތް. މިރަށުން ދާންވާއިރަށް އަހަރެންގެ ޕޭޖަށް ވިހިހާސް 'ލައިކްސް' ލިބުނިއްޔާ އެ ނިމުނީ" ވަރަށް ޖޯޝާއެކު އަހަރެން ބުނީމެވެ.
އެރޭ ނިދުމުގެ ކުރިން ކެމެރާގައި ހުރި ހުރިހާ ފޮޓޯތަކެއް ލެޕްޓޮޕަށް އަޅާފައި، ކެމެރާގެ މެމޮރީކާޑު ހުސްކޮށްލީމެވެ. ބޭނުންވީ ހެނދުނުހެނދުނާ ފޮޓޯނަގަން ދާށެވެ. ހުކުރު ދުވަސް އަންނަންދެން އަހަންނަށް ކެތްނުވާނެތީއެވެ.
ޖެހިގެން އައި ދުވަހެވެ. ފަތިސް ނަމާދުކޮށްގެން، ކެމެރާ ހިފައިގެން ގެއިން ނުކުތީމެވެ. ނަދީމްމެންގޭ ކައިރިއަށް ގޮސް، އެގޭ ގޯތިތެރޭގައި ހުރި ބައިސްކަލު ނެރެގެން އެއަށް އަރައި ދުއްވާލީމެވެ. އޭރު އަދި ރަނގަޅަށް އަލި ވެސް ނުވެއެވެ. ފަތިހުގެ ފިނިކަން ވެސް ޖައްވުގައި ހުއްޓެވެ. ބައިސްކަލުގައި ދުއްވާފައި ދިޔައިރު ކުޑަކޮށް ހީގަންނަ ގޮތް ވެސް ވިއެވެ. އެކަމަކު ފޮޓޯ ނެގުމުގެ ޝައުޤުގައި އެހެން އެއްވެސް ކަމަކާ މާ ބޮޑަކަށް އަޅައެއް ނުލެވުނެވެ. ފަތިހުގެ ހިތްގައިމު ވަގުތު ކުޅި ކައިރި އޮންނާނެ ގޮތަކާމެދު ހިޔާލުކުރަމުން، ބައިސްކަލު ދުއްވުނީ ކިހާ ބާރަށް ކަމެއް ނޭނގެއެވެ. ވަރަށް އަވަހަށް އެ ހިސާބަށް ދެވުނެވެ. ބައިސްކަލުގަނޑު މަގުމައްޗަށް ދޫކޮށްލާފައި ދުއްވައިގަތީމެވެ. ރޭގަނޑުގެ އަނދިރިކަން ފިލައި، މަޑުމަޑުން ދުނިޔެ އަލިވެގެން އަންނަ ގޮތުގެ ވީޑިއޯއެއް ކުރަން ކެމެރާ ސެޓުކުރީމެވެ. ހަޤީޤަތުގައި އެގަޑީގައި ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ހިނދުކޮޅެއްގެ ތެރޭގައި ހަމަ ކުއްލިއަކަށް މުޅި މާހައުލު އަލިވެދެއެވެ.
ރެކޯޑުކުރި ވީޑިއޯ ކަމުދޭތޯ ބަލައިލަން ޕްލޭ ކޮށްލީމެވެ.
"ޔެސް! ޔެސް!" ބޭއިޚުތިޔާރުގައި އަހަންނަށް ބުނެވުނެވެ.
އަލިވިލޭ ވަގުތު ކުޅިއާ ކުޅީގެ ބިތްދޮށުގައި ހުރި ކަނޑޫގަސްތައް ފެންނަ ގޮތުގެ ވަރަށް ފުރިހަމަ ވީޑިއޯއެއް ކުރެވުނެވެ. ކައިރީގައި މީހަކު ހުރި ނަމަ އެމީހަކަށް އަހަރެންގެ އަނގައިގައި ހުރި ހުރިހާ ދަތެއް ފެނުނީހެވެ. އެހާ ވެސް ބޮޑަށް އަހަރެން ހުރީ އުފާވެފައެވެ. ތިންހަތަރު ފަހަރު އެ ވީޑިއޯ ޕްލޭ ކޮށްގެން ބެލީމެވެ. ތިންވަނަ ފަހަރަށް ވީޑިއޯ ޕްލޭ ކޮށްލުމުން އަހަންނަށް އިތުރު ކަމެއް ފާހަގަކުރެވުނެވެ. އަލިވެގެން އައި ވަގުތު ކުޅީގެ ބިތްދޮށުގައި މީހަކު އިންތަން ފެނުނެވެ. ސިހިފައި އަހަންނަށް އެ ދިމާއަށް ބަލައިލެވުނެވެ. ހަމަ ހަޤީޤަތުގައި ވެސް އެތަނުގައި މީހަކު އިނެވެ. އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ޔަޤީނެއް ނޫނެވެ. އެމީހަކު އިނީ އުޑަފައިން އިށީނދެގެން، ކުޅީގެ ފެންގަނޑުން އަތްދޮންނަން އިން މީހަކު ހެންނެވެ. ހިތަށްއެރިއެވެ. އެމީހަކު ކުރާކަމެއް ވާނީ ބަލައިލާށެވެ. ބޮނބިތަޅަން އިން މީހަކަށް ވެސް ވެދާނެއެވެ.
ޗަސްބިމަށް ނާރައި، ހިކިފަސްތަނުން އެ ދިމާއަށް ދާން ހިނގައިގަތީމެވެ. ކައިރިވާ ވަރަކަށް އެއީ އަންހެނެއްކަން ޔަޤީންވިއެވެ. ބުރުގާ ނާޅާއި އިން އަންހެނެކެވެ. ތަޅާފައި ހުރި ބޮނބިތަކެއް ކުޅީގެ ފެންގަނޑުން ދޮންނަނީއެވެ. ފޮޓޯއެއް ނަގަން އުޅެފައި، ދެ ވަނަ ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ. އެއީ އަހަންނަށް ހީކުރެވުނު ގޮތަށް މެދު އުމުރުގެ އަންހެނެއް ނޫނެވެ. ޒުވާނެކެވެ. ވަރަށް ރީތި، ޅަނދޮޅު އަންހެން ކުއްޖެކެވެ. އެހެންކަމުން ހުއްދަ ނުހޯދައި ފޮޓޯނަގާކަށް ނުކެރުނެވެ.
"ފޮޓޯއެއް ނެގިޔަސް އެންމެ ރަނގަޅުތަ؟" އެކުއްޖާއާ ކައިރިވެލަމުން ހުއްދައަށް އެދުނީމެވެ.
އޭނާ ޖަވާބެއް ނުދިނެވެ. ރަކި ގޮތަކަށް ހީނލާފައި، މަސައްކަތުގައި މަސްއޫލުވިއެވެ. ހުއްދަ ލިބުނީކަމަށް ބަލާފައި ފޮޓޯ ނަގަން ފެށީމެވެ. ހިތްހަމަޖެހޭ ކަހަލަ ފޮޓޯއެއް ނުނެގިގެން އުޅެނިކޮށް އޭނާ ބޮނބިތައް ދޮވެ ނިންމާލާފައި އެތަނުން ތެދުވިއެވެ. ބޮނބިއަޅާފައި ހުރި މުޅޯށި ކިހިލީގައި ޖަހައިގެން ހިނގައިގަތެވެ.
"މަޑުކޮށްލަބަލަ" އަހަރެންގެ އަޑަށް އޭނާ ފަސްއެނބުރި ބަލައިލި ވަގުތު ފޮޓޯއެއް ނެގީމެވެ. އެއީ މިހާތަނަށް އަހަންނަށް ނެގުނު އެންމެ ފުރިހަމަ އެއް ފޮޓޯއެވެ. ކެމެރާ ހިފައިގެން ގޮސް އޭނާއަށް އެ ފޮޓޯ ދައްކާލީމެވެ. އޭނާ ލަދުން އިސްޖަހާލިއެވެ.
"މީހުންތައް އަންނަންވާއިރަށް ނިންމާލާފަ ތި ދަނީ ދޯ!" އޭނާއާ ވާހަކަދައްކާ ހިތުން އަހަރެން ބުނީމެވެ. އެކަމަކު އޭނާ އަނގައިން ނުބުނެ ދިޔައީއެވެ. އޭރު ކުޅީގެ އަނެއް ފަރާތުގައި ދެތިން އަންހެނަކު އުޅޭތީ ފެނެއެވެ. ޖީބުގައި އޮތް ފޯނު ނަގައި ގަޑި ބަލައިލި އިރު ހަތެއް ޖަހައިފިއެވެ. އެހެންކަމުން އިތުރަށް ފޮޓޯ ނަގަން މަޑުނުކޮށް ގެއަށް ދިޔައިމެވެ.
އެ ދުވަހު އަހަންނަށް ހުސްވަގުތެއް ލިބުނީ ހަވީރު ވީފަހުންނެވެ. ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަ ވެސް އުޅުނީ ކެމެރާގައި ހުރި ފޮޓޯތައް ލެޕްޓޮޕަށް އެޅޭތޯއެވެ. އެކަމަކު ލެޕްޓޮޕުން ދައްކަނީ ކެމެރާގެ މެމޮރީގައި އެއްވެސް ފޮޓޯއެއް ނެތް ކަމުގައެވެ. ދެން ބެލީ ލެޕްޓޮޕާ ކަނެކްޓްނުކޮށް ކެމެރާއިން ފެނޭތޯއެވެ. ކެމެރާގެ މެމޮރީގައި އެއްވެސް ފޮޓޯއެއް ސޭވް ވެފައެއް ނެތެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ފޮޓޯތައް ނެގީ ޚުދު އަހަރެންގެ އަތުންނެވެ. ވީޑިއޯ ވެސް ތިންހަތަރު ފަހަރު ޕްލޭ ކޮށްގެން ބެލީމެވެ. އެ ކުއްޖާގެ ފޮޓޯ އެ ކުއްޖާއަށް ވެސް ދެއްކީމެވެ.
ކެރާއަށް މައްސަލައެއް ޖެހުނީ ކަމަށް ހީކޮށް، އަވަސްއަވަހަށް ކޮޓަރިތެރޭގެ ދެތިން ފޮޓޯއެއް ނަގައި، ސޭވްވެފައި ހުރިތޯ ބަލައިލީމެވެ. ފޮޓޯ ނެގެއެވެ. އެކަމަކު ފޮޓޯތައް ފެންނާކަށް ނުހުރެއެވެ. ވަރަށް ހާސްވިއެވެ. ދެރަވެސް ވިއެވެ. އެއީ ވަރަށް އަގުބޮޑު ކެމެރާއެކެވެ. ރަށުގެ ޤުދުރަތީ ރީތި މަންޒަރުތައް ފޭސްބުކަށް ދޫކޮށްލަން ކޮށްގެން ހުރި އުއްމީދުތައް ވެސް ފެނަށް ވެގެން ދިޔައެވެ.
އެންމެ ފަހުން ނަދީމަށް ގުޅައިގެން ގެނައީމެވެ. ކެމެރާއަށް ދިމާވި މައްސަލަ ހައްލުކޮށްދެވޭތޯ، އޭނާގެ ފެންވަރުން މަސައްކަތްކޮށްދިނެވެ.
"މާ މޮޅު ވީޑިއޯއެއް ކުރެވުނޭ ކިޔައިގެން ފޮނިކަނޑާފަ! މީގަ ނެތެއްނު އެއްވެސް އެއްޗެއް!" ނަދީމް ބުންޏެވެ.
ނަދީމް ހީކުރީ އަހަރެން ސަމާސާއެއް ކުރީ ކަމަށެވެ. ފަތިހު ކުޅިކައިރިއަށް ގޮސް، ވަރަށް 'ޕާފެކްޓް ކްލިކް' ތަކެއް ނެގުނު ވާހަކަ އަހަރެން އޮންނާނީ ބުނެފައެވެ. އެކަމަކު އެ އަންހެން ކުއްޖާ ފެނުނު ވާހަކައެއް ނުބުނަމެވެ. ނުބުނެވުނުކަން ނަސީބޭ ހިތަށްއެރިއެވެ.
"މި ރަށުގަ ނޫޅޭނެތަ މިކަހަލަ އެއްޗެހި މަރާމާތުކުރާ މީހަކު؟"
"މަރާމާތުކުރާ މީހަކު އުޅޭނީ މިކަހަލަ އެއްޗެހި ގެންގުޅޭނަމަތާ! މާލެ ގޮއްސަ ހަދަން ބާއްވާ!" ކެމެރާ ދަބަހަށްލަމުން ނަދީމް އަހަރެންގެ މޫނަށް ބަލައިލިއެވެ.
"ތި ވަރަށް މާޔޫސްނުވެބަލަ. މީ މޮބައިލް ފޯނުގެ ޒަމާނޭ! ކޮންމެ މީހެއްގެ ޖީބުގަ ވެސް އޮންނާނެ ކެމެރާއެއް. މިހާރު މި އުޅޭ ކޮންމެ މީހަކީ ވެސް ޕޮޓޯގްރާފަރެއް!" ނަދީމް އައިސް އަހަރެންގެ ކޮނޑަށް އަތްވައްޓާލިއެވެ. "މިއަދު ހިނގާބަލަ ބީޗް ފޮޓޯ ނަގަން. ވަރަށް ރީތި ދޮންވެލިގަނޑެއް އޮންނާނެ. މިއްފު ތި ގެންގުޅޭ ފޯނުން ނެގޭ ފޮޓޯ ވެސް ވަކި ހަޑިއެއް ނުވާނެ" ނަދީމް ބޭނުންވީ އަހަރެންގެ ހިތްހަމަ ޖައްސައިދޭށެވެ.
ސަކީނާއްތަ އައިސް އަހަރެމެންނަށް ސައިބޯން ގޮވީ އެވަގުތެވެ. އަހަރެން ބަދިގެއަށް ދިޔައީ ވާޖިބުއަދާކުރުމުގެ ގޮތުންނެވެ. ސައިބުއިމުގެ ފޯރިއެއް ނެތެވެ. އަހަރެން ބޭނުންވީ ކެމެރާއަށް ދިމާވި މައްސަލަ ވީއެންމެ އަވަހަށް ހައްލުކުރެވޭނެ ގޮތެއް ހޯދާށެވެ.
"ބޮޑުދައިތަމެން ބުނަނީ ހަމަ ތެދެއް! އެ ބެރެބެދި ގަހަކީ ނާމާން، ސުންޕާ ގަހެއް!" މޭޒުދޮށުގައި އިށީންނަމުން ނަދީމް ބުންޏެވެ.
"ނަދީމް އެންމެފަހުން މިފްޒާލް އެ ގަސް ކައިރިއަށް ވެސް ގެންދިޔައީ؟" ސަކީނާއްތަ ނަދީމަށް ކަޅައަޅާލީ ނުރުހުންވެ ހުރެއެވެ. "މިހާރުގެ ކުދިން ކޮންމެ ކަމެއް ވެސް ހަދާނީ މަޖަލަކަށް. ބިރުގެ ކަންފުޅެއް ވެސް ނުހުންނާނެ. އަހަރެމެން ކުޑައިރު ބެރެބެދި ގަހޭ ބުންޏަސް ބިރުން ފިތްކަނޑައިގެންދޭ!"
"މިއްފު ނުވެސް ދެނެހުރި ބެރެބެދިގަހޭ ކިޔާ ގަހެއް ހުންނަކަން ވެސް. އެހެންވެ ހަމަ ކޮންމެހެން ވެސް ދާން ޖެހުނީ. އެހެންނޫނަސް އެއީ މި ރަށުގެ ރަމްޒެއްނު؟ ކުޑަމިސްކިތް މަގު ބެރެބެދި ގަސް" ނަދީމް ލާނެއްގޮތަކަށް އަހަންނާ ދިމާއަށް އެއް ލޯ މަރާލިއެވެ. ސަކީނާއްތަ އަށް އެތަން ފެނުނެވެ.
"އަނެއްކާ މިފްޒާލަށް ކަމެއް ދިމާވީތަ؟" ސަކީނާއްތަ އެހިއެވެ. (ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން