ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. ބަދަލުވުމުގެ މާނައަކީ އެ އެއްޗެއްގެ އަސްލު ބަދަލުކޮށްލުމެއް ނޫނެވެ. ބަހުގެ ރީތި ހަމަތަކާއި އުޞޫލުތައް އުވައިލުމެއް ވެސް ނޫނެވެ. އެމީހަކު ބޭނުންހައި ގޮތަކީ ގަވާއިދު ކަމަށް ގަބޫލުކުރުމެއް ވެސް ނޫނެވެ. އެ ބަދަލެއްގެ ސަބަބުން ބަހަށް ގެއްލުން ލިބޭ ނުވަތަ އުނިކަމެއް އަތުވެދާނޭ ބަދަލަކީ ރަނގަޅު ބަދަލެއްކަމަކަށް ހަމަގައިމުވެސް ހެޔޮ ވިސްނޭ މީހަކު ގަބޫލެއް ނުކުރާނެއެވެ.
މި ޒަމާނުގެ ބައެއް ޒުވާނުން އެ މީހުންގެ ތަޢުލީމީ ފެންވަރު ހާމަކުރުމަށްޓަކައި ދިވެހިބަހުގެ ރީތި ލަފުޒުތައް ދޫކޮށް ދިވެހިބަހާ ބީރައްޓެހި ބައެއް ލަފުޒު ބޭނުންކުރާކަމީ އެންމެންދަންނަ އާދައެކެވެ. އަދި ދިވެހިބަހުން ވަކި ކަމެއް ބަޔާންކޮށްދޭން ނޭނގޭކަމަށް އަމިއްލަޔަށް އިޢުތިރާފުވުމަކީ ބައެއް މީހުން އެ މީހުންގެ ގާބިލުކަން ދެއްކުމަށް ފަޚުރުވެރިކަމާއި އެކު ކުރާ ކަމެކެވެ. ނަމަވެސް ތިމާގެ އަމިއްލަ ބަހުން ޝުޢޫރެއް ހާމަކުރަން ނޭނގުމަކީ ލަދުވެތިކަމެކެވެ. ހިތާމަ ހުރި ކަމެކެވެ. އަދި ކިއެއްތަ ހުތުރުވެސް ކަމެކެވެ. އެހެނީ ދިވެހި ބަހަކީ ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާ ބަހެއްކަން ދިވެހި ކާބަފައިން ވަނީ ސާބިތުކޮށްދީފައެވެ. އެހެންކަމުން އަޅުގަންޑުމެން ބޭނުން ވާހަކައެއް ދިވެހިބަހުން ހާމަކޮށްދޭން ނޭނގުމަކީ ދިވެހިބަހުގެ ފަޤީރުކަމެއް ނޫނެވެ. އެއިން ދައްކައިދެނީ ތިމަތިމާމެންގެ ކިބައިގައި ހުރި ބަހަށް ކޮށިކަމެވެ. އަދި ތިމާމެންގެ ނާޤާބިލުކަމެވެ. ލަދާއި ހަޔާތުގެ ކަންފުޅެއްކަންވެސް ނެތްކަމެކެވެ.
ތަނާ ހާލަތާއި ނުބައްދަލު ބަސްތައް ބޭނުން ކުރެވޭ މަންޒަރަކީވެސް ގިނައިން ފެންނަ މަންޒަރެކެވެ. ނޭނގޭހާވެސް ކަމަކީ އެފަދަ ފަރާތްތަކުން އެ ބަސްތައް ބޭނުން ކުރަނީ ތަންދޮރު ނުދަނެހުރެކަމެވެ. ނުވަތަ މޮޅުކޮށްލަން ނުވަތަ ފަޚުރުވެރިލަން ކަމެވެ.
މިސާލަކަށް ދިވެހިބަހުގައި އޮންނަ "ދޯ"އަކީ ވެސް ވަރަށް މާނަހުރި ގޮތެއްގައި ވަރަށް އަސަރުގަދަ ކޮށް ބޭނުންކުރަން އޮންނަ އަދި ބޭނުންކުރެވޭ ލަފުޒެކެވެ. ނަމަވެސް މި ޒަމާނުގެ ގިނަ ޒުވާނުން ދައްކާ ވާހަކައިގައި ބޭނުންކުރާ ގިނަ "ދޯ"ތަކަކީ މާނައެއް ނެތް ހާސަރުތަކެކެވެ. އޭގެ ސަބަބުން އަޑުއަހާ މީހާއަށް ނުތަނަވަސްކަމެއް ލިބުން ފިޔަވައި އިތުރު ކަމެއް ނުވާނެއެވެ. ވާހަކަދައްކާ މީހާގެ ހަށިގަނޑުން ވެސް ހަކަތަ އިސްރާފުވުން ނޫންކަމެއް ނުވާނެއެވެ. ބަހަށް ކުރަފި އެރުވުން ނޫން ކަމެއް ނުވާނެއެވެ. އެހެންވީއިރު ދޯ ބޭނުންކުރަން ޖެހޭ ހަމައަކީ ކޮބައިތޯ ބަލައިލުން ވަރަށްވެސް ރަނގަޅެވެ.
"ދޯ"އަކީ އާނބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ޓަކައި ބޭނުންކުރާ އަކުރެކެވެ. މި ސުވާލުކުރަން ޖެހޭނީ އަޑުއަހާ މީހާއަށް އެނގޭ މަޢުލޫމާތަކުންނެވެ. ދޯ ބޭނުންކުރަންޖެހޭނީ ބުނާ މީހާ ބުނި ބުނުމަށް ތާއީދު ހޯދުމަށް ޓަކައި ނުވަތަ އެއްބަސްކުރުވުމުގެ ގޮތުން އަހާ އެހުމެއްގެ ގޮތުގައެވެ. އެހެން ކަމުން، މީހަކަށް އެކަމެއްގެ މައުލޫމާތު ނޭނގޭ ކަމަކާ ގުޅޭ ގޮތުން 'ދޯ'އޭ އެހީމާ ޖަވާބު ދޭން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ "ދޯ"އޭ އެހުމުން، ބަހުގެ ހަމަތައް ޖާގަދޭ ގޮތުން 'ނޫނެކޭ'އެއް ނުބުނެވޭނެތީއެވެ. އެކަމަކު ނޭނގޭ ކަމަކަށް އާނއެކޭ ބުނާނީ ވެސް ކިހިނެއްހެއްޔެވެ؟
"ދޯ" އަކީ ވަރަށް ފުރިހަމަ މާނައެއްގައި ޖުމުލައިގައި ބޭނުންކުރެވޭ ސުވާލެކެވެ. މި ޖަޒުބާތާއި މި މާނައިގައި ބޭނުންކުރާ އިނގިރޭސި ލަފުޒެއްވެސް ޑިކްޝަނަރީއަކުން ފެންނާކަށް ނެތެވެ. ދިވެހިބަސް ފޮތް (2011) ބުނާ ގޮތުން ވެސް "ދޯ" އަކީ މީހަކު ލައްވައި "އާނ ބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ބޭނުންކުރާ އަކުރެކެވެ." އެ މީހަކު ބުނި ބުނުމަށް އަނެކާގެ ތާއީދު ހޯދުމުގެ ގޮތުންނެވެ. މި ސުވާލަށް އަނެކާ ބުނާންޖެހެނީ އާނއެކޭ އެވެ. މި ފަދަ ސުވާލަކަށް ނޫނެކޭ ބުނުމަކީ "ސެންސް ރިލޭޝަންސް" ތިއަރީ އާ ޚިލާފުކަމެކެވެ. އަދި އެއީ "ސްޕީޗް އެކްޓް" ތިއަރީއާ ބީރައްޓެހި ކަމެއްވެސް މެއެވެ. އެކަމަކު ތިމާއަށް ނޭނގޭ ކަމަކާ މެދު "ދޯ"އޭ ބުނީމާ ދެން ބުނާނީ ވަކި ކީކޭތޯއެވެ؟ އެހެންވީމާ، އެ ކަމެއްގެ މަޢުލޫމާތު ނެތް މީހެއް ކުރެން ތާއީދު ހޯދުމަށްޓަކައި 'ދޯ'އޭ އެހުމަކީ ދިވެހިބަހުގެ އުޞޫލެއް ނޫނެވެ. ބަހުގެ ސުލޫކެއް ނޫނެވެ. މުޢާމަލާތުކުރުމުގެ އަދަބެއް ނޫނެވެ.
އެހެންކަމުން، ތިމާއަށް ދިވެހިބަސް ރަނގަޅަށް ނޭނގޭކަމަށް ބުނެގެން، ނުވަތަ ދިވެހިބަސް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ތިމާގެ ޤާބިލުކަން ދެއްކުމަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެއީ ފެޝަނެއް އަދި ޝަރަފެއްވެސް ނޫނެވެ. އެކަމުގެ ސަބަބުން ތިމާގެ ނާޤާބިލުކަން ހާމަވުން ފިޔަވައި އެހެން ކަމެއް ނުވާނެއެވެ. މީހުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓުން ނޫން ކަމެއްވެސް ނުވާނެއެވެ. އަދި ކިއެއްތަ އެއީ ދިވެހިބަހަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ވެސްމެއެވެ. އަގު ނުކުރެވޭނޭ ގެއްލުމެއްވެސް މެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން