އެންމެ ގާތް މިތުރުންގެ މެދުގައިވެސް މައްސަލަތައް ޖެހެއެވެ. އެކަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކުވެރިއަކު ބުނެފިނަމަ ކޮންމެ ވާހަކައެއްވެސް އެއީ ތެދެއް ކަމުގައި ޤަބޫލުކުރެވޭތީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކުރެވޭ ވަރަށްވެސް ވިޔާނުދާ ކަމެކެވެ.
އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ގިނަ ބަޔަކަށް ބެލެނީ ދެކެވޭ ވާހަކަ އަކަށް ނޫނެވެ. އެވާހަކައެއް ދެއްކި މީހާއަށެވެ. ވާހަކައެއް ޤަބޫލު ކުރުމާއި ނުކުރުންވެސް ގިނަބަޔަކު ނިންމަނީ އެވާހަކައެއް ދެއްކި މީހެއްގެ ގޮތުންނެވެ. ކޮންމެހެން ދައްކާ ވާހަކައިގައި ބުރަދަނެއް ހުރެގެނެއް ނޫނެވެ.
އާދޭހެވެ! ފިތުނަ އުފެދޭނީ ވާހަކައެއް ބުނާ މީހާގެ ސަބަބަކުން ނޫނެވެ. ނަމަވެސް ބުނާ ބަހުގެ ސަބަބުންނެވެ. ދެކެވޭ ވާހަކައެއްގެ ސަބަބުންނެވެ. އެއީ ކޮންމެ މީހަކު ދެއްކި ވާހަކައެއް ކަމުވައި ވީނަމަވެސް ވެއެވެ. މިއީ ދުނިޔެ ތަމްސީލު ކުރަމުންދާ ހަގީގަތެވެ!
ދަންނާށެވެ! ވަކި މީހަކު ބުނާ ކޮންމެ ވާހަކައަކީ ތެދުކަމަށް ޤަބޫލުކުރުމެއް ނެތެވެ. ކިތަންމެ ރަނގަޅު މީހަކު ނަމަވެސް ނުބައި ވާހަކައެއް ދައްކަފާނެއެވެ. ނުވަތަ ދެއްކިދާނެއެވެ.
އިންސާނުންނަށް މައްސަލަތައް ކުރިމަތިވެ ފިތުނަވެރިކަން ޢާންމުވެގެން މިއުޅެނީ އިންސާނުން، އިންސާނުންނަށް "އަޅުވެތި" ވެވޭތީއެވެ. "ބޮޑުމީހާ" ކަމަށް އެމީހަކު ޤަބޫލުކުރާ މީހާ ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އެއީ ހަގީގަތް ކަމަށް ޤަބޫލުކުރެވެއެ. ނުވަތަ ތެދު ކަމަށް ޔަޤީންކުރެވެއެވެ.
އެކަން ބަދަލުކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ކޮންމެ މީހަކު ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދެއްކި މީހާއަށް ނުބަލާށެވެ! ދެއްކި ވާހަކައަށް ބަލާށެވެ.
"ބޮޑެތި" މީހުން އާންމުންނާއި ވާހަކަ ދައްކާއިރު "ބަނޑުގައި" އެއް މާނަ ބާއްވައިގެން ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާރި ކަމެކެވެ. ހަޤީޤަތުގައި އެންމެ ގިނައިން ފިތުނަ އުފެދެނީ އެފަދަ ވާހަކަތަކުގެ ސަބަބުންނެވެ. ފިތުނައިން ސަލާމަތްވާނީ މިއުޞޫލުން ކަންކަން ކުރެވިގެންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން