ދުނިޔޭގައި ކުށެއް ނުކުރެވޭ އިންސާނަކު ނުހުންނާނެއެވެ. ކޮންމެ މީހަކަށްވެސް އޭނާގެ އާންމު ދިރިއުޅުމުގައި ކޮންމެވެސް ކުށެއް ކުރެވިފައި ހުންނާނެއެވެ. އަދި ބައެއް މީހުންނީ މިފަދަ ކުށްތަކުން ފޯވެފައި ތިބޭ ބައެކެވެ. ޖަމާއަތެއްގެ ތެރޭގައި އުޅޭ މިފަދަ ކުދި ކުދި ކުށްތައް ކުރެވޭ މީހުންގެ ކުށްތަށް ނުވަތަ އުނިކަން އެންމެނަށް ނުވަތަ ވަކިބަޔަކަން ހާމަ ނުކޮށް އެ އުނިސިފަ ފޮރުވުން ވަރަށްވެސް މުހިންމެވެ. އާދޭހެވެ! މީސްތަކުންގެ ކިބައިގާ ވާ އުނިސިފަތައް ތިބާ ފޮރުވާށެވެ.

އިންސާނުންގެ ކިބައިގައި ހުންނަ އުނިކަންނަން ނުވަތަ ކުރެވޭ ކުދި ކުދި ކުށްތަށް މުޖުތަމައަށް ބޭޒާރުކޮށް ފަލީހަތް ކުރުމަކީ ހަގީގަތުގައި ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. އެހެނީ އެއީ މުޖުތަމައުގައި ބައިބައިވުން އުފެދުމަށް މެދުވެރިވާނޭ ސަބަބެކެވެ. ހަސަދައާއި ރުޅިވެރިކަމާއި އަދާވާތްތެރިކަމަށް ދޮރުހުޅުވާ ތަޅުދަނޑިއެކެވެ. ކަން އޮތީ މިހެންކަމުން މީސްތަކުންގެ އުނި ސިފަތައް ނުވަތަ ކުދި ކުށްތައް ތިބާ ފޮރުވައިދޭށެވެ.

މީގެ އިތުރުން މި ރީތި ސިފައަކީ އެކުށެއް ކުރެވޭ މީހާ އިސްލާހުވާން ނުވަތަ އެކުށެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް ލިބޭ ވަރަށްބޮޑު ފުރުސަތެކެވެ. ނަމަވެސް އެމީހާކު ފަލީހަތްކޮށް ބޭޒާރު ކޮށްފިނަމަ، އިސްލާހު ވުމުގެ ވިސްނުމަށްވުރެ އޭނާގެ ހިތުގައި ހިނގާނީ ބަދަލުހިފުމާއި ރުޅިވެރިކަމުގެ ލެއެވެ. އެހެންކަމުން މިފަދަ ވާހަކަތައް ސިއްރުކޮށްދިނުމަކީ ހެޔޮލަފާ މުޖުތަމައެއްގެ ބަދަހިކަން އިތުރުކޮށްދޭނޭ ކަމެކެވެ.

އާދޭހެވެ! ތިބާ ކުރާ ކޮންމެ ހެޔޮކަމެއް ނުސީދާކޮށް ތިބާ އާއި ބައްދަލު ކުރާނެއެވެ. އެހެން ކަމުން މީހެއްގެ އުނިކަމެއް ނުވަތަ ކުޑަ ކުށެއް ސިއްރުކޮށްދީފިނަމަ، އެމީހަކަށް ކުށެއް ކުރެވޭ ދުވަހު އެހެން މީހުން އެމީހާގެ އެ ކުށުގެ ވާހަކަ ފަލީހަތް ނުކޮށް ސިއްރުކޮށްދޭނެއެވެ. މުއުމިނުންގެ ވިސްނުން ހުންނަން ވާނީ މިފަދައިންނެވެ. އަބަދުވެސް ހެޔޮކޮށް ނޫނީ ވިސްނައިގެން ނުވާނެއެވެ.

ކަންކަން ތަރުތީބުވެ ހިނގާ އުސޫލަކީ މިއީއެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އަނެކާގެ ކުދި ކުދި ކުށްތަކާއި އަނެކާގެ އުނި ސިފަތައް ސިއްރުކޮށްދޭ މީހަކަށް ވާން ހިނގާށެވެ. ހަމަ ޖެހޭ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނީ އޭރުންނެވެ. ކާމިޔާބު މުޖުތަމައެއް ބިނާކުރެވޭނީ އޭރުންނެވެ. ޖަމާއަތެެއް އާރަސްތު ކުރެވޭނީވެސް މިމަގުން ކަންކޮށްގެންނެވެ.