ކޮންމެ މީހަކީވެސް ކިޔަވާ މޮޅު މީހަކަށްވެ ކޮންމެވެސް މަތީ މަގާމެއްގައި، ޖާހު މަތިވެރިކޮށް ތިބެން ބޭނުންވާނޭ މީހެކެވެ. ބައެއް މީހުން މިކަން ހާސިލު ކުރުމަށްޓަކައި ދުރު ބީރައްޓެހި ކަރަތަކަށްގޮސް ތަަޢުލީމު ހާސިލު ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއެވެ. ތިބާގެ މައިންބަފައިންނާއި ލޯބިވާ އާއިލާއާއި، ރަހުމު ކުރި ރަހުމަތްތެރިން ދޫކޮށްލާފައި ގޮސް ކިޔަވަން މަސައްކަތްކުރެއެވެ.

އާދޭހެވެ! މަތީ ފާހެއް ލިބުމަކީ ތިބާ އާއި ތިބާގެ މައިންބަފައިން އުފާކުރާނޭ ކަމެކެވެ. ނަމަވެސް އެމީހުން ދޫކޮށް ދުރު ކަރަތަކުގައި ތައުލީމު ހާސިލްކުރަމުން ދާއިރު ވިސްނާލަންޖެހޭނެ ކަމެއް އެބަ އޮތެވެ. އެއީ ތިބާގެ މައިންބަފައިން ތިބިހާލަތެވެ.

ތިބާ ކިޔަވަން މަސައްކަތްކުރާނަމަ ތިބާގެ މައިންބަފައިން އެކަމާއި ޝަކުވާނުކޮށްފާނެއެވެ. ނުހުރުން ނުވަތަ ނުތަނަވަސްކަން ފާޅު ނުކޮށްފާނެއެވެ. ނަމަވެސް މިކަމުގައި ބަލަންވީ އެމީހުން ޝަކުވާކުރެތޯއެއް ނޫނެވެ. ބަލަންވީ އެމީހުން ތިބީ އުފަލުންތޯއެވެ. އެމީހުން ތިބީ ހިތްހަމަޖެހިގެންތޯއެވެ. އެމީހުން ތިބީ ތިބާގެ އެހީއަށް ބޭނުންވެފަ ތޯއެވެ. އެމީހުންހެ ބަލި ހާލަތު ހުރީ ކިހިނެއްތޯއެވެ.

ތިބާގެ ފަރާތުން ތިބާގެ މައިންބަފައިން އެހީތެރިކަމެއް ބޭނުންވެފައި ތިއްބައި މައިންބަފައިން ދުނިޔެ ދޫކޮށްފިނަމަ އެކަން ފޫބެއްދޭނެ ހަމަ އެއްވެސް ހަމައެއް ނުއޮންނާނެއެވެ. އަދި މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވުނުކަމަކަށްވެސް އަމުދަކުން ނުވާނެއެވެ. ދާއިމީ ގޮވަތީގައި ތިބާ އެ ހާލަތާއި ކުރިމަތިލާނީ ތިބާގެ ކޮން ސެޓުފިކެޓެއް ހިފައިގެންތޯއެވެ.

ދުނިޔޭގައި އުޅެވޭވަރަށް ކިޔެވިއްޖެނަމަ ނުވަތަ މަސައްކަތެއް ދަސްވެއްޖެނަމަ އެހިސާބުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލާއަށެވެ. ފުރަތަމަ މައިންބަފައިންނަށެވެ. އަމިއްލަ އަނބިދަރިންގެ ޙައްޤުތައްވެސް ގެންނަން ޖެހޭނީ އޭގެ ފަހުގައެވެ.

މިއަދު މަސައްކަތްކޮށް އާމްދަނީ ހޯދައި މައިންބަފައިންނަށް އެހީތެރިވަމުންވެސް ކިޔެވޭނެ މަގުތައް ވަނީ ފަހިވެފައެވެ. ވީމާ ފުރަތަމަ ކަމަކަށް މައިންބަފައިންނަށް އެހީތެރިވާށެވެ. އޭގެ ފަހުގައި މަތީތަޢުލީމާއިގެން ކުރިއަށް ދިއުމުގެ ހިޔާލު ގެންގުޅޭށެވެ.

ތިމާގެ އެހީތެރިކަމެއް ނެތި މައިންބަފައިންނަށް އުފަލުގައި އުޅެވޭނެ ގޮތް ހަމަޖެހިފައިވާނަމަ މައިންބަފައިން ދޫކޮށް މަތީތަޢުލީމް ޙާޞިލްކުރަން ކިޔެވުމާއިގެން ކުރިއަށް ދިއުމަކީ ގޯހެއް ނޫނެވެ. ނަމަވެސް އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ މުހިންމުކަމަކީ އެމީހުންނާއި ކިތަންމެ ދުރުގައި ހުއްޓަސް އެމީހުންނަށްޓަކައި އަދާކުރަން ޖެހޭ ހައްގުތަކެއް ވާކަމެވެ. ދޮންބެ އާއި ދޮންތަ އާއި އަދިވެސް އާއިލާގައި އެތައް މެންބަރުންނެއް ތިއްބަސް، ތިބާގެ އެމީހުންނަށް އަދާކުރަންޖެހޭ ހައްދުން ފުކެއްވެސް އުނި ނުވާނޭކަމެވެ. 

މައިންބަފައިން އެކަނި ހާލައިގެން ދޫކޮށް ދިއުން އެއީ ކިރިޔާވެސް އެދެވޭ ގޮތަކަށް ނުވާނަމަ މައިންބަފައިންނަށް އެހީތެރިވުން އިސްކުރާށެވެ. އެމީހުން ހޭހަން ކޮށްދޭށެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ދޭށެވެ. އެއިރުން ދެދުނިޔޭގައިވެސް އެމީހަކަށް ކުރާނެ ފައިދާ މާބޮޑުވާނެއެވެ.