އާއިލާ ރޫޅުމަކީ މިއަދުގެ ދިވެހި މުޖުތަމައުގައި ވަރަށްވެސް އާންމުވެއްޖެ ކަމެކެވެ. ބައެއް މީހުން މިއީ އާދައިގެ ކަމެއް ކަމުގައި ދެކިގެން މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް މިކަމުގެ ބިރުވެރިކަމާއި މިކަމުގެ ގެއްލުމަކީ ދުވަހަކުވެސް ފޫބެއްދޭނޭ ގެއްލުމެއް ނޫނެވެ. މިއީ މިފަދައިން ވީރާނާވެގެން ދިޔަ ކުއްޖެއްގެ ހަޔާތުގެ ވާހަކައެވެ. މިއީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހަގީގީ ހާދިސާއެކެވެ. މިވާހަކައިގައި ބޭނުން ކުރާ ނަންތަކަކީ އެމީހުންގެ އަސްލު ނަންތަކެއް ނޫނެވެ.

ވިއާމުގެ އުމުރުން އެންމެ 12 އަހަރެވެ. ވިއާމަކީ އެރަށު ސުކޫލުގެ ގުރޭޑު 6 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. ކިޔެވުމަށް މާ މޮޅު ކުއްޖެއް ނޫން ނަމަވެސް ކޮންމެ އަހަރަކުވެސް ފާސްވެއެވެ. ހުރިހާ މާއްދާއަކުން ވެސް ފާސްވެއެވެ. ކިޔެވުމުގައި އެވުރެޖް ކުއްޖެކެވެ. އޭނާގެ އާއިލާގައި އޭނާއާއި އެކު ތިބެނީ ދެ ކުދީންނެވެ. އޭނާގެ ހަގަށް، އުމުރުން 6 އަހުރުގެ އަންހެން ކުއްޖެކެވެ.

ވިއާމުގެ މަންމަ އަކީ ގެވެހި، ގޭތެރޭގެ މަސައްކަތްތަކަށް ފަރިތަ އަންހެނެކެވެ. އޭނާގެ ބައްޕަ އަކީ ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ ފިރިހެނެކެވެ. ވިއާމުގެ އުމުރުން 12 އަހަރުގައި އޭނާގެ މަންމަ އާއި ބައްޕައާއި ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އޭނާގެ ބައްޕަ އޭނާގެ މަންމަ ވަރިކުރިއެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ އޭނާގެ ބައްޕަ އެހެން އަންހެނަކާއި ގުޅުނެވެ. ވިއާމު އާއި އޭނާގެ ކޮއްކޮ އާއި އޭނާގެ މަންމަ ފުން ހިތާމައެއްގައި އުޅެމުން ދިޔައެވެ.

ދުވަސަތައް ފާއިތުވަމުން ދިޔައީ ވިއާމުއާއި އޭނާގެ ކޮއްކޮއަށް ބައްޕައެއްގެ ލޯބި މަހުރޫމު ވަމުންނެވެ. ނަތީޖާއަކަށްވީ ވިއާމު މި ދުނިޔެ މަތިން ފޫހިވުމެވެ. ކަމެއް ކުރާ ހިތް ނުވުމެވެ. ކިޔަވާހިތްވެސް ނުވުމެވެ. ކިޔެވުމަށް ފަރުވާވެސް ކުޑަކުރެވުމެވެ.

ދެފަހަރެއްގެ މަތިން ރިޕީޓުވުމަށް ފަހުގައި ވިއާމު ގުރޭޑު 10 ނިންމާލައިފިއެވެ. އިތުރަކަށް އޭނާ ކިޔަވާކަށް ބޭނުމެއް ނުވެއެވެ. އަމުދުން ވަޒީފާއެއްވެސް އަދާކުރާ ހިތެއް ނުވެއެވެ. އޭނާގެ މަންޒިލަކަށްވީ މާލެއެވެ. 

ވިއާމުގެ މަންމަގެ ނުރުހުމުގައި ނަމަވެސް ވިއާމު މާލެ އައީ ވަޒީފާ އަދާކުރުމަށް ބުނެއެވެ. ނަމަވެސް މާލޭގައި އޭނާ ހޭދަ ކުރި ފުރަތަމަ ހަފްތާގައި އޭނާ ރަނގަޅު ވަޒީފާއެއް އަދާކުރިއެވެ. ފަހުން މަސްތުވާ ތަކެތި ވިއްކުމުގެ ވަޒީފާއެވެ. މި ހާލުގައި މަސްތުވާތަކެތި ވިއްކާ ބޭނުން ވެސް ކުރަން ފެށިއެވެ. އޭނާ އުޅެމުން އައި ގެއިން އޭނާ ބޭރުކޮށްލިއެވެ. މަގުމައްޗަށްގިނަވެ އައްޑާތަކުން ބޯހިޔާވަހިކަން ހޯދަން ފެށިއެވެ. އާއިލާއާއި ގުޅުން މުޅިންހެން ކަނޑާލިއެވެ.

ވިއާމުގެ މަންމަގެ ލަގޮނޑިއަށް ކެތް ނުވި ނަމަވެސް އެފަކީރަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ވިއާމުގެ ބައްޕައަށް ވިއާމަކީ ކާކުކަންވެސް މިހާރަކު ނޭނގޭނެއެވެ.

މިފަދަ ހިތި ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން ވިއާމުގެ މަންޒިލަކަށް ވެގެން ދިޔައީ ދަގަނޑު ތޭރިތަކެއްގެ ބިއްދޮށެވެ.

ކުށެއް ނެތް މައުސޫމު ކުޑަކުޖެއްގެ ހަޔާތް ބަރުބާދުކޮށްލީ އޭނާގެ މައިންބަފައިންގެ ވަކިވެ ދިއުމެވެ. މަގު ގެއްލެން މަޖުބޫރުވީ އާއިލާ ރޫޅުމުގެ ސަބަބުންނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން އާއިލާގެ ތެރެއިން ލިބެން ނެތުމުންނެވެ.