މިއީ މާލޭގައި ދިރިއުޅެމުންދިޔަ ރާއްޖެތެރޭ ދެމަފިރިއެއްގެ ހަޔާތުގައި ދިމާވި ހަގީގީ ހާދިސާއެކެވެ. މިވާހަކަ މި ހިއްސާކޮށްލަނީ މި ހާދިސާއިން އިބުރަތެއްލިބި ފިލާވަޅެއް އުގެނުމުގެ މަގުސަދުގައެވެ.

ނުހަނު ލޯބިން ދިރިއުޅެމުން ދިޔަ އެ ދެމަފިރިންގެ ވަޒީފާވެސް ހަމަ ޖެހިފައި އޮތީ މާލޭގައެވެ. އެހެންކަމުން އެދެމަފިރިން އުޅެމުން ދަނީ މާލޭގައި ކުއްޔަށެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ މި ދެމަފިރިންގެ ދިރިއުޅުމުގައި ކުނޑިޖެހެން ފެށުނީ އަނބިމީހާ އަށް ދެކެވެންފެށުނު ކުށްހީ ތަކެއްގެ ސަބަބުންނެވެ. 

ދެ މީހުންނަކީވެސް މީސްމީޑިޔާ ބޭނުން ކުރަމުންދާ ދެމީހުންނެވެ. ފިރިމީހާވެސް އަނބިމީހާވެސް ފޭސްބުކާއި އިސްޓަގުރާމާއި ސްނެޕް ޗެޓުފަދަ މަންސަތައް ބޭނުން ކުރަމުން ދެއެވެ. އެތަންތަނުން އެމީހުންގެ އެކުވެރިންނާއި ދިމާވެ ބައްދަލުވެއެވެ. އެމީސް މީހުންގެ ދިރިއުޅުން އެމީހުން އެ މަންސަތަކުގައި ހިއްސާކުރަމުން ދެއެވެ.

އަނބިމީހާގެ އަކީ މީސްމީޑިޔާ ހޭވުމުގައި ކުޅަދާނަ މީހެކެވެ. މިހެން އުޅުމުގެ ތެރޭގައި އޭނާގެ ރައްޓެހި އެހެން އަންހެނަކު، މާ ޝާހީ ދިރިއުޅުމެއް އުޅޭ މަންޒަރު މީސް މީޑިޔާއިން ދައްކަމުން ގެންދިޔައެވެ. އަގުބޮޑު ކާއެއްޗެހީގެ ފޮޓޯ އާއި އަގުބޮޑު ގަހަނާތަކާއި ރީތިމޮޅު ހެދުންތަކާއި ކޮލިޓީ ރަނގަޅު އެންމެ ފަހުގެ ފަރުނީޗަރު ގެއައް ވައްދާތީ ދައްކަމުން ގެންދިޔައެވެ. އަނބިމީހާގެ ލޮލަށް އެމަންޒަރުތައް ފެންނަމުން ދިޔައެވެ. އެފަދަ މަންޒަރުތައް ތަކުރާރުވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެއާއި އެކު އަނބިމީހާވެސް އެފަދަ ދިރިއުޅުމަކަށް ދަހިވެތި ވާން ފަށައިފިއެވެ. އެކަމުގެ ވާހަކަ އާއި ޝަކުވާ ތަކުރާރުކޮށް ފިރިމީހާ ގާތު ކުރެވެން ފަށައިފިއެވެ. އެވެނި މިވެނި އެއްޗެއް އޭނާ ގެންގުޅެއޭ، ތިމަންނާވެސް އެވެނި މިނެވި އެއްޗެއް ބޭނުމޭ ބުނެ، އެ ފަދަ ދިރިއުޅުމެއް ހޯދައި ނުދެނީ ކީއްވެތޯ ސުވާލުކޮށް ޝަކުވާކުރަން ފެށިއެވެ.

ދެމީހުންގެ ދިރިއުޅުމުގައި ކޫރުއެޅެން ފެށީ އެހިސާބުންނެވެ. ކޮންމެވެސް ވަރަކަށް ގުޅުން ހީނަރުވެފައިވަނިކޮށް އެއްދުވަހަކު އެދެމީހުން މަގުމަތީގައި ހިނގާފައި ދަނިކޮށް އަނބިމީހާގެ އެއްކަލަ ރަހުމަތްތެރިޔާ ފެނިއްޖެއެވެ. އޭނާ ހުއްޓިގެން ހުރީ ފަރުނީޗަރު ފިހާރައެއް ދޮށުގައެވެ. އެމަންޒަރު ފެނި އަނބިމީހާ ފިރިމީހާގާތު އަނެއްކާވެސް އެމީހުން އައު ފަރުނީޗަރެއް ގަންނަނީ ކަމަށާއި ތިމަންނަމެން މިއުޅެނީ އަހަރުތަކެއް ކުރިން ގަނެގެން ގެންގުޅުނު ފަރުނީޗަރުތަކެއް ހިފައިގެން ކަމަށްބުނެ އަނެއްކާ ޝަކުވާކުރިއެވެ. ފިރިމީހާ އެކަމާ ވަރަށްވެސް ދެރަވިއެވެ. ފިރިމީހާ ބޭނުންވީ އެ އަންހެންމީހާ ހަމަ ހަގީގަތުގައިވެސް އެ އެއްޗެހި ގަންނަނީތޯ ބަލާށެވެ. ފިރިމީހާ ހިނގައިގަތީ އެ އަންހެންމީހާ އާއި ދިމާލަށެވެ. އޭނާގެ ފަހަތުން އޭނާގެ އަނބިމީހާވެސް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދިޔަ ތަނާ އެ އަންހެން މީހާ ފިހާރަ ހުރަސްކޮށް ދާންފެށިއެވެ. އަދި ގޯޅިއަކުން އެޅިއެޅިއެވެ. އޭނާގެ ފަހަތުން މި ދެމީހުން ގޮސްގޮސް ތިއްބާ އޭނާ ގޮސް ވަނީ ކުރިންވެސް އޭނާ އުޅެމުންދިޔަ އެޕާޓުމެންޓަށެވެ. އެއީ ކުޑަ ތަނެކެކެވެ. އެ ބުނާ ޝާހީ އުޅުމެއް ހަމަ ގައިމުވެސް އެތާކު ނޫޅެވޭނެއެވެ.

އިރުކޮޅެއްފަހުން އޭނާގެ ސްނެޕްޗެޓުގައި މޮޅު ފަރުނީޗަރެއްގެ ފޮޓޯ އެއް ލިއެވެ. ހަމަ ޔަގީނުންވެސް އެއީ އޭނާގެ ގެއެއްނޫނެވެ. އެހެނީ އެ ފަރުނީޗަރަކީ އެ ފިހާރައިގައި ހުރި ފަރުނީޗަރެކެވެ. އެފޮޓޯގާވެސް އެކަން ސާބިތުވަނޭ ހެކިތަކެއް ހުއްޓެވެ.

ކޮންމެއަކަަސް އާއިލާއެއްގެ ތެރޭ ނުވަތަ ދެމަފިރިން ތެރޭ ޖެހޭ މިފަދަ މައްސަލަ ތަކުގައި ހަގީގަތް ނުބަލާ ގޮތް ނިންމުމާއި ހީވާ ހީވުމަކީ ހަގީގަތް ކަމުގައި ގަބޫލުކުރެވުން ހިމެނެއެވެ. އަދި ބަޔަކު އުޅޭހާ ގޮތަކަށް އުޅެން ބޭނުން ވުމަކީވެސް ޒުވާން ދެމަފިރިންގެ މެދުގައި މައްސަލަ ޖައްސުވާ އެއް ސަބަބެވެ. މީސްމީހުންގެ މީސްމިޑިއާ މަންސަތުގައި އެމީހުން ހިއްސާކުރާ މައުލޫމާތަކުން އެމީހުންގެ ހަގީގީ ސޫރަ ނުފެނިދާނެއެވެ. އަދި ނުވެސް ފެންނާނެވެސް މެއެވެ. އެއީ ލޯމައްޗަށް އޮޅުވާލެވޭ އޮޅުވާލުމަކަށްވެސް ވެދާނެއެވެ.