ދަތިހާލުގައި އުޅޭ މީހުން އަބަދުވެސް ދުނިޔޭގައި އުޅޭނެއެވެ. ކޮންމެ މުޖުތަމައެއްގައިވެސް އުޅޭއެވެ. އެހެން މީހުންގެ ފަރާތުން އޯގާތެރިކަމުގެ ފިރުމުންތަކަށް އެދި އާދޭސް ކުރާނޭ ބަޔަކުވެސް އަބަދު ތިބޭނެއެވެ. އެއާއި އެކު އެފަދަ ފިރުމުމެއްގެ ބޭނުމަށްވުރެ ބޮޑަށް ފައިސާގެ އެހީތެރިކަން ބޭނުންވެފައިވާ ތިބޭ ފަރާތްތައް އަބަދުވެސް ދުނިޔޭގައި އުޅޭނެއެވެ. ކޮންމެ މުޖުތަމައެއްގައިވެސް ތިބޭނެއެވެ.

އެހީތެރިކަމަަށް ބޭނުންވެފައިވާ ފަރާތްތަކަށް ހެޔޮފޯރުވާ އެހީތެރި ވުމަކީ ވަރަށްވެސް މާތް ސިފައެކެވެ. އަދި އެއީ ކެރި ކުޅަދާނަ ވެގެންވާ މީހުން ކޮށްދޭން ޖެހޭނެކަމެއްވެސް މެއެވެ. އަނެކާއީ ތިބާފަދަ އިންސާނެއްކަން ޤަބޫލުކުރަން ވާނެއެވެ. އިންސާނިއްޔަތު އިސްކޮށް މުއްބާރު ކުރުން ދޫކޮަށް އެހީތެރިވުމަކީ އޮތްކަމެކެވެ. ނަމަވެސް ބައެއްފަހަރު އެހީއަށް އެދި އާދޭސް ކުރާ ނުވަތަ ސަލާންޖަހާ މީހުންގެ އަމަލުތަކާއި ހަރަކާތްތައް ހުންނަގޮތުން އެފަދަ ފަރާތްތަކަށް އެހީތެރިވުމުގައި ޖެހިލުން ވެވޭ ހާލަތްތައް އާދެއެވެ. ހަށިގަނޑު ވަރުގަދަ ޖާނުން ބޮޑެތި ފިރިހެނުން މަގުމަތީގައި ކަރުދާސް ފަތުރައިގެން އަތްދިއްކޮށްގެން ތިބުމުން އެމަންޒަރު ބަލަން ދަތިވެއެވެ. ފަހަރުގައި އެމީހެއްގެ ހަށިގަނޑު ވަރަގަދަކޮށް ފެންނަން ހުރި ނަމަވެސް، އޭނާގެ ކިބައިގައި ބޮޑު ބައްޔެއް ވަނީ ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ އެމީހެއްގެ ހަގީގަތް ހޯދާ ބެލުމަށްވުރެ އެމީހަކަށް އެހީތެރިވުމެވެ.

މިއީ މާލޭގެ މަޖީދީމަގުގައި އެހީތެރިކަމަަށް އެދި އަތް ދިއްކޮށްގެން އިން ފިރިހެނަކަށް މީހަކު ދިން އެހީއެއްގެ ވާހަކައެވެ. މި ވާހަކަ މި ހިއްސާކޮށްލަނީ މަންޒަރު ދުށް ފަރާތެއްގެ އިޒުނައާއި އެކީގައެވެ. އެހީއަށް އަތް ދިއްކޮށްގެން އެމީހަކު އިންނަތާ ކިތަންމެ އިރެއްވެއްޖެއެވެ. އެމަންޒަރު ފެނުނީ ރާއްޖެތެރެއިން މާލޭގެ ހަސްފަތާލަކަށް ބަލި މީހަކު ގޮވައިގެން އައިސް އުޅުނު ޒުވާން ފުރައިގެ ރާއްޖެތެރެ ފިރިހެނަކަށެވެ. މި ޒުވާނާގެ ވާހަކަތަކުން އެކަން ޔަގީންވެއެވެ. އެ ޒުވާނާއަށް އޭނާ ފެނުމާއި އެކު ޒުވާނާގެ މިސްރާބު ބަދަލުކޮށް އެހެން ދިމާލަކަށް ދިޔައެވެ. ފެންނަ ފެނުމުގައި އެމީހާއަށް އެހީތެރިކަން ފޯރުކޮށް ނުދޭން ދިޔައީހެން ހީވެދާނެއެވެ. ނަމަވެސް އިރުކޮޅެއްފަހުން އެ ޒުވާނާ އައީ ޕާރުސަލެއް ހިފައިގެންނެވެ. އެއީ ގައިމުވެސް ކާއެއްޗެއްކަން ޔަގީނެވެ. އެ ޒުވާނާ އެ ޕާރުސަލް ކޮތަޅު އޭނާގެ އަތަށް ރައްދުކުރުމަށްފަހު އެނބުރި ދިޔައެވެ. އެ ޕާރުސަލުގެ ސަބަބުން އޭނާގެ މުޅި މޫނު އުޖާލާވެގެން ދިޔައެވެ. ހިނިތުންވެ އެ ޒުވާނާ ފެނޭތޯ ހޯދަން ފެށިއެވެ. ނަމަވެސް އެ ޒުވާނާ އޭނާއަށް ގެއްލުނެވެ.

މިއީ އިންސާފު ކުރުމަކާއި ނުލާ މީހަކު މީހަކަށް ވެދިން އެހީތެރިކަމެކެވެ. ނަމަވެސް ބައެއް މީހުން، އަނެކާ އިންސާފުކުރަމުން ގެންދެއެވެ. ފަހަރުގައި މަކަރާއި ހީލަތުންވެސް އެހީއަށް އެދި އަތްދިއްކޮށްގެން ތިބެދާނެއެވެ. އެހެންނަމަވެސް މީހަކަށް އެހީތެރިވުމުގައި އަނެކާގެ ހަގީގަތް ހޯދާ، އަނެކާގެ ފަސްބައި ބަލާ ހެދުމަކީ ރީތި އާދައަކަށް ނުވެދާނެއެވެ. އެފަދަ ކުދި ކުދި ސަދަގާތަކީ ހިތްހެޔޮކަމާއި އޯގާތެރިކަމާއި އެކީ، އިންސާނިއްޔަތު އިސްކޮށް ދެވޭ ސަދަގާތްތަކެވެ. އެހީތެރިކަމަށް އެދޭ ފަރާތަކަށް ފޯރުކޮށްދެވޭ އެފަދަ ސަދަގާތަކީ ދުވަހަކުވެސް ގެއްލެނިވެގެންދާނޭ އެއްޗެއް ނޫނެވެ.