ހައްގުތަކުގެ ވާހަކައަކީ މިއަދު ވަރަށް އަޑުގަދަކޮށް އެއްބަޔަކު ދައްކަމުން ގެންދާ ވާހަކައެކެވެ. އަބަދުވެސް ކޮންމެވެސް މީހެއްގެ ކޮންމެވެސް ހައްގެއް އުނިވެގެން ނުވަތަ ހައްގެއް ގެއްލިގެން އެ ޝަކުވާ ކުރާތީ އަޑުއިވެއެވެ. އާދޭހެވެ! އިންސާނީ ހައްގުތަކީ ކޮންމެހެންވެސް ކަށަވަރުވާން ޖެހޭނޭ ހައްގެކެވެ.

އިންސާނާ އަބަދުވެސް އޭނާގެ އަމިއްލަ ހައްގުތައް ހޯދުމަށް ވަކާލާތުކުރެއެވެ. މުސާރައެއް ނުލިބުމާއި، ކޮންމެވެސް ކަމެއް ވުމަށް އެދުމާއި، އެވެނި މިވެނި ކަމެއް ނުކުރަންވެގެން އެވާހަކަ ދެއްކުމާއި، އެއީ އުޅެން ޖެހޭނޭ ގޮތް ނޫންކަން ބަޔާންކޮށްދިނުމަށް ވަކާލާތު ކޮށް ހަދައެވެ. މި ހުރިހާ ސަކަރާތެއްވެސް އިންސާނާ ޖަހަނީ އޭނާގެ އަމިއްލަ ހައްގު ކަށަވަރުކުރާށެވެ. ކޮންމެ އިންސާނަކަށްވެސް އޭނާއަށް ލިބިފައިވާ މިފަދަ ހައްގުތައް ކަށަވަރު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެކެވެ.

އިންސާނާ އޭނާގެ އަމިއްލަ ހައްގުތައް ހޯދުމަށް ރެއާއި ދުވާލު މަސައްކަތް ކުރާއިރު، އޭނާގެ ފަރާތުން އެހެން މީހުންނަށް އަދާކުރަން ޖެހޭ ހައްގުތަކުގެ މަތިން ގިނަފަހަރަށް އޮންނަނީ ހަނދާން ނައްތާލެވިފައެވެ. އިންސާނެއްގެ މައްޗަށްވާ އެހެން އިންސާނުންގެ ހައްގުތަކަކީ ގިނަ ހައްގުތަކެކެވެ. އެގޮތުން އެންމެ ބޮޑު ހައްގަކީ އޭނާގެ ވެރި ރަސްކަލާންގެއަށް އޭނާ އަދާކުރަންޖެހޭ ހައްގުތަކެވެ. މީގެ އިތުރުން މައިންބަފައިންގެ ހައްގަށް އެކަނި ބަލައިލި ނަވެސް، އެއީ ދުވަހަކުވެސް އަދާނުކުރެވޭފަދަ ބޮޑު ހައްގެކެވެ. އާއިލާ މީހުންނަށް އެކުވެރި ރަހުމަތްތެރީންނަށް އޮންނަ ހައްގުވެސް ވެއެވެ. މީގެ އިތުރުން ތިބާގެ ފަރާތުން ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށާއި ތިބާގެ ދަރީންނަށް އަދާކޮށްދޭންޖެހޭ ހައްގަކީ އަމުދުން ކުޑަ ހައްގެއް ނޫނެވެ. ތިބާގެ ވަށައިގެންވާ މާހައުލަށާއި ވެއްޓަށާއި ތިބާ ދިރިއުޅޭ މުޖުތަމައަށް ތިބާ އަދާކުރަންޖެހޭ ހައްގުތަކެއް ވެއެވެ. މިހެންގޮސް ކިތަންމެ ކިތަންމެ ހައްގެއް އިންސާނާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

ވީއިރު ތިބާ، ތިބާގެ ހައްގު ނުލިބިގެން އެހެން މީހުންގެ ފަހަތުން ވަށްވަށް ޖަހާއިރު، ތިބާގެ ފަރާތުން އެހެން މީހަކަށް އެމީހެއްގެ ހައްގު ނުލިބިފައި ހުރިތޯ ބަލާށެވެ. އާދޭހެވެ! ތިބާ އުރެދުމަކަށް އަރައިނުގަންނަހާ ހިނދަކު ތިބާގެ މައިންބަފައިން ތިބާއަށް ރުހޭނެއެވެ. އޭގެ މާނައަކީ ތިބާ އެމީހުންގެ ހައްގު އަދާކުރެވުނީއެއް ނޫނެވެ. އެއަށްވުރެ އެމީހުންގެ ހައްގު މާބޮޑެވެ.

ކަންއޮތީ މިހެން ކަމުގައި ވުނުން، ތިބާގެ ހައްގުތައް ކަށަވަރު ކުރުމަށް ތިބާ އުޅޭ އިރު، ތިބާގެ ފަރާތުން އެހެން މީހެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް އާދޭތޯ، ނުވަތަ އުނިކަމެއް ވޭތޯ ބެލުން ވަރަށްވެސް މުހިންމެވެ. އެހެނީ ތިބާގެ ހައްގު ހޯދަން އަނެކާގެ ހައްގު ނުދިނުމެއް ނުވަތަ ހަނިކުރުމެއް ނުވެއެވެ.