އެންމެ ފުރަތަމަ އިންސާނާ އާދަމްގެފާނު ހެއްދެވީ މަށިންނެވެ. ބިމުހުރި ވެލިންނެވެ. މިއީ ތުއްތު ކުއްޖާ އެންމެ ކުޑައިރު އުގެނޭ ދީނީ ތައުލީމުގައި ދަސްކުރާ އެއްޗެކެވެ. އިންސާނާ ދުނިޔޭގެ ބިމަށް ފޮނުއްވުމަށްފަހު، އަންހެނަކާއި ފިރިހެނަކާއި މެދުވެރިކޮށް އިންސާނީ ނަސްލު ދެމިގެން ދާނޭ ފުރިހަމަ ނިޒާމެއް މާތް ﷲ ވަނީ ލައްވާފައެވެ. ފިރިހެނާގެ ހަށިން އޮހޮރިގެންދާ މަނި ތިއްކަކުން އަންހެނާގެ ހަށިގަނޑުގައި ކުއްޖާ ޣަރުބަގަނެ ބޮޑުވަމުން ދެއެވެ.
މޮޑެވިފައިވާ ފުއްގަނޑެންހެން އިންސާނާ އޭނާގެ މައިމީހާގެ ރަހިމުގައި ބޮޑުވަމުން އަންނަނީ މި ދުނިޔެއަކީ ކޮންތަނެއްކަން އޭނާއަށް ނޭނގޭ ހާލުގައެވެ. އިންސާނާ ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އެއްވެސް ކުށެއް ނުކުރާ ޠާހިރު ފުރާނައެއްގެ ގޮތުގައެވެ. އަތުގައި ބާރެއް ފައިސާއެއް އަދި އެއްވެސް މާލެއް ނެތް ހާލުގައެވެ. ދުނިޔޭގެ އެއްވެސް ޢިލްމެއްވެސް ނެތް ހާލުގައެވެ.
އިންސާނާއަށް ދުނިޔެމަތީގައި ލިބޭ ކޮންމެ ނިޢުމަތެއް އޭނާ އަށް ލިބެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާއަށް އެކަން މިންވަރު ކުރެއްވުމުންނެވެ. ބައެއްމީހުންނީ އެމީހުންނަށް މާލީ ތަނަވަސްކަން އިންތިހާއަށް ލިބިގެންވާ މީހުންނެވެ. އަނެއްބައިމީހުންނީ ގިނަ ދަރީން ލިބިފައިވާ މީހުންނެވެ. އަނެއްބަޔަކީ ބޮޑެތި ޢިލްމުތައް ލިބިފައިތިބި މީހުންނެވެ. އަދި އެއްބަޔަކު އެމީހުންނަށް ތަފާތު މޮޅު ހުނަރުތައް ވަނީ ލިބިފައެވެ. މިއީ ހައްތަހާވެސް ބޮޑެތި ނިޢުމަތްތަކެވެ. މިއިން ކޮންމެ ނިޢުމަތަކީ އޭނާގެ ހިތްވަރުން މާތް ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތަތްކެކެވެ. އެއިން ކޮންމެ ނިޢުމަތެއްގެ ވެރި ފަރާތަކީ މާތް ﷲ އެވެ. އެއީ އެމީހެއްގެ އަމިއްލަ މިލްކެއް ނޫނެވެ.
ކަން މިހެން ހުރުމާއިއެކު ކޮންމެ ނިޢުމަތެއްވެސް ދެމިގެން ދިއުމަށް އެދޭނަމަ އެ ނިޢުމަތަކަށް ޝުކުރުވެރިވާން ޖެހެއެވެ. އެކި ނިޢުމަތްތަކަށް ޝުކުރު ވެރިވެވޭނޭ އެކި މަގުތައް އިސްލާމްދީނުގައި ވަނީ ލައްވާފައެވެ. އިންސާނާ އޭނާގެ މާލީ ތަނަވަސްކަމުގައި އުޅޭނޭ ތަނަކީ ދުނިޔޭގެ ފަސްގަނޑެވެ. އިންސާނާ އޭނާއަށް ލިބިފައި ހުރި ޢިލްމަކާއި ހުނަރެއް ދައްކާން އޮތް ތަނަކީ ދުނިޔޭގެ ފަސްގަނޑެވެ. މި އިން ހަމަ އެންމެ އެއްޗެއްވެސް އިންސާނާއަށް މިލްކުވެގެނެއް ނުވެއެވެ. ވީއިރު ދުނިޔޭގެފަސްގަނޑު މަތީގައި، މާތް ﷲ އޭނާއަށް ދެއްވި ނިއުމަތަށް ޝުކުރުވެރި ނުވެ، ބޮޑާ ކަމާއި ކިބުރުވެރިކަމާއި އެކުގައި ހިނގުމުގެ އެއްވެސް ހައްގެއް ނެތެވެ. ބިމުގައިވާ އެންމެ ވެލިފުކެއްގެ މައްޗަށްވެސް އިންސާނާއަށް ބޮޑާވެގަތުމުގެ ހަމަ އެއްވެސް ހައްގެއް ނުވާނެއެވެ. އެހެނީ މަށިން ހެއްދެވި މި އިންސާނާ އުޅެން ޖެހެނީ މާތް ﷲ އުފެއްދެވި މި ދުނިޔޭގެ ފަސްގަނޑު މަތީގައެވެ. އެ އިންސާނާ މަރުވުމުން، އެނބުރި ދާން ޖެހެނީ މި ފަސްގަނޑުގެ ދަށަށެވެ. ދުނިޔެމަތީގައި އިންސާނާ ބޮޑާވެގަތް އެއްވެސް އެއްޗެއް އޭނާއާއި ފަސްގަނޑުދަށަށް ގެންދެވޭކަށް ނޯވެއެވެ. ވިސްނާ ފިކުރުކުރާށެވެ. މިއީ އެއްވެސް ބާރެއް ނެތް ނިކަމެތި ބައެކެވެ. ވީއިރު އެއްވެސްކަމެއްގެ މައްޗަށް ބޮޑާވުމަކީ އިންސާނާގެ މައްޗަށް އޮތްކަމެއް ނޫނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން