އިންސާނާ ދުނިޔޭގައި އުޅޭ އިރު، ކުރަން ބޭނުންވާ ކިތަންމެ ކަމެއް ހުންނާނެއެވެ. އެގޮތުން ކޮންމެ ކަމެއް ކުރަން ހިތުލި ނަމަވެސް އެކަމަކާއިމެދު ތިމާގެ ހިތުގައި ސުވާލުތަކެއް އުފެދޭ ހާލަތްތަކެއް އާދެއެވެ. އެފަދައިން ކަންތައް ވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ އިސްތިޚާރާ ނަމާދު ކުރުމެވެ. އެއީ ކަންކަމުގައި ހެޔޮގޮތް މިންވަރުކުރެއްވުމަށް އެދި ﷲ ގެ ހަޟްރަތުން މަދަދު އެދި ކުރާ ދެރަކުއަތުގެ ނަމާދެކެވެ. އިސްތިޚާރާ ކުރުމަށް ފަހު ފެންނަ ފެނުމަށް ބަލައި، އެންމެ ރަނގަޅު ގޮތަކައިގެން މަސައްކަތް ފަށާށެވެ. ފަށަންވާނީ އެކަމެއް ހިންމަވައި ދެއްވެވުން އެދި ދުޢާ ކުރުމާއިއެކުގައެވެ.
މިއަދުގެ ގިނަ މީހުން މި ނަމާދާއި މެދު އެއްވެސް ވަރަކަށް ނުވިސްނައެވެ. އެމީހެއްގެ ހިތަށް ވިސްނޭ ގޮތަކަށް ވިސްނުނު އިރަކު ކަންކަން ކުރަން ފަށަން މަސައްކަތް ކުރަނީއެވެ. ކުރަން އުޅޭ ކަންކަން ނުވުމުން ކޮންމެވެސް މީހެއްގެ ބޮލުގައި ތުހުމަތެއް އަޅުވާ، ފައިސާ އާއި އެހެންވެސް ކަންކަމުގެ ދަންޖާލުގައި ޖެހި ތިބެ މާޔޫސްކަމާއި އެކު ކަރުތައް އެލުވާލަނީއެވެ. ގޮތް ހުސްވެ ހަރުމުދާ ވިއްކާ ހިސާބަށްވެސް ދަނީ މަދެއްކޮށެއް ނޫނެވެ.
މިއީ އެއްގޮތަކަށްވެސް ކަންކަން އެގޮތަށް ކުރަން އޮތް ނިޒާމެއް ނޫނެވެ. ކަންކަން ކުރަން ފެށުމުގެ ކުރިން އިސްލާމްދީނުގައި ވަރަށް ފުރިހަމަ ނިޒާމެއް އޮތީ ތަރުތީބު ކުރައްވާފައެވެ. ކޮންމެ ކަމެއް ކުރަން ފެށި ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކަންކަން ކުރަން ފަށާށެވެ. އެކަލާންގެ ހަޟްރަތުން، ގޮތް ނިންމުމުގައި މަދަދުވެރިވުމަށް އެދޭށެވެ. ކަންކަމުގައި ކުރިއަށް ދާން ދަތިވި ނަމަވެސް ﷲ ތަޢާލާއަށް ދެންނެވުމާއިއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ.
ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވާ، އެކަމެއް ފަހިކޮށް ދެއްވެވުމަށް ﷲ ތަޢާލާގެ އެ މިންވަރުފުޅަށް ހުރަސް އެޅޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެހެން ކަމުން ކަންކަމުގައި މީހުންގެ ލަފާ އާއި މަޝްވަރާ ހޯދާ ފަދައިން ﷲ ތަޢާލާއަށް އިސްތިޚާރާ ކޮށް ދެންނެވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެކަލާންގެ ހަޟްރަތުގައި ގިނަގިނައިން ދެންނެވުމަކީ ﷲ ލޯބިވެވޮޑިގަންނަވާނޭ ކަމެކެވެ. އެހެންކަމުން އެއީ އެ މަސައްކަތެއްގައި ﷲ ބަރަކާތް ލެއްވުމަށްވެސް އޮތް ވަރަށް ފަހި މަގެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން