ކަންކަމާއި މެދު އިންސާނުން ދެކޭ ގޮތް ވަރަށް ތަފާތުވެދާނެއެވެ. އެހެނީ ކޮންމެ އިންސާނަކުވެސް ވިސްނާނީ އޭނަަގެ ހިތާއި ސިކުނޑިން ގަބޫލުކުރާ ހަމަތަކެއްގެ މަތީގައި ހުރެގެންނެވެ. ކަންމިހެން ހުރުމާއި އެކު ކޮންމެ މީހަކީވެސް އަނެކުންގެ ވިސްނުމާއި ހިޔާލަށް އިހްތިރާމް ކުރަން ޖެހޭނޭ މީހެކެވެ.

ބަޔަކު މީހުން ތަނެއްގައި ދައްކާ ވާހަކައެއް ނުވަތަ މާ މޮޅު މީހަކު ދޭ ނަސޭހަތެއް ނުވަތަ ފޯރުކޮށްދޭ މައުލޫމާތެއް އެއީ ތިމާއަށް އެނގޭ، ތިމާ ދަންނަ މައުލޫމާތަކަށް ވުމުން އެ މައުލޫމާތެއް ދޭ މީހާ އާއި ދިމާލަށް ނުވަތަ އެ މައުލޫމާތެއް ފޯރުކޮށްދޭ ތަނަކަށް، މަލާމާތްކޮށް ޖޯކު ޖެހުމަކީ އަދުގެ މުޖުތަމައުގައި ވަރަށް އާންމު ކަމެކެވެ. ހުކުރު ދުވަސްދުވަހު އިއްވާ ހުތުބާގައި ދައްކާ ވާހަކަތުގެ ބޮޑު ބައެއް ތިމާ އަށް އެނގުމާއި އެކު ހުތުބާ ނިމި، ހުކުރު ނަމާދު ކުރުމަށްފަހުގައި މިސްކިތުން ފައިބަމުން އެވާހަކަ އެބަ ދެއްކެއެވެ. މިއީ ދެން ހުތުބާއެއްތޯ އެހެން މީހުން ކުރެން އެބަ ސުވާލު އުފައްދައެވެ. އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނޭ ވާހަކަތަކެއް ކަމަށާއި ކޮންމެވެސް އާ ވާހަކައެއް ހުތުބާގައި ކިޔުމަށް ބުނެވެއެވެ. 

އާދޭހެވެ! ފަހަރުގައި ތިބާގެ މައުލޫމާތު މުއްސަނދީ ކަމުގައި ވެދާނެއެވެ. ތިބާ ޢިލްމަށް މޮޅީ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ދަންނާށެވެ. އެއީ ތިބާއަށް އެކަނި އިއްވި ހުތުބާއެއް ނޫނެވެ. އަދި އެފަދައިން އާންމުކޮށް ފޯރުކޮށްދޭ މައުލޫމާތެއް ނަމަވެސް އެއީ ތިބާއަށް އެކަނި ފޯރުކޮށްދޭ މައުލޫމާތު ތަކަކަށް ނުވާނެއެވެ. އެއީ އެތައް ބަޔަކަށް އާންމުކޮށް ފޯރުކޮށްދޭ މައުލޫމާތު ތަކެކެވެ. އެހެންކަމުން އެފަދަ މައުލޫމާތުތަކާއި އެފަދަ ހުތުބާ ތަކަށް ނިސްބަތްކޮށް މަލާމާތާއި ޖޯކުގެ ބަސް ރައްދުކުރުމަކީ ވަރަަސްވެސް ދަށުދަރަޖައިގެ ކަމެކެވެ.

މުޖުތަމައުގައި މައުލޫމާތު މަދު ހޭލުންތެރިކަން ކުޑަ މީހުންވެސް އުޅޭނެއެވެ. އެންމެންނީ ތިބާ ފަދަ މޮޅު މީހަކަށް ނުވެދާނެއެވެ. އެހެންކަމުން އިސްވެ ދެންނެވުނު ފަދަ ހުތުބާއެއް ނުވަތަ މައުލޫމާތު ތަކަކުން ތިބާ އަށް ފައިދާއެއް ނުކުރާ ކަމަށް ތިބާ ގަބޫލުކޮށް މަލާމާތް ކުރިނަމަވެސް، އެއިންވެސް ފައިދާކުރާނޭ ބަޔަކު ތިބޭނެއެވެ. ނޭނގޭ އެތަށް ބަޔަކަށް އެއިންވެސް އެތައް މައުލޫމާތެއް ލިބޭނެއެވެ. އަދި ކިއެއްތަ އެނގުނު ނަވެސް އެއީ ހަނދާން އާކޮށްދިނުމެކެވެ. ހަނދާން އާކޮށްދިނުމަކީ މުސްލިމްތަކުންނަށް ފައިދާ ކުރާނޭ ކަމެކެވެ.

އެހެންކަމުން މިފަދަ އާންމު ހުތުބާތަކާއި މައުލޫމާތުތައް ތިބާއަށް އެނގުނުނަމަވެސް، ނޭނގޭނޭ ބަޔަކުވެސް ތިބޭނޭކަން ހަނދާންކުރާށެވެ. މިފަދަ އާންމު ހުތުބާތަކާއި މައުލޫމާތުތަކަށް ޖޯކު ޖަހާ މަލާމާތް ކޮށްގެން ނުވާނެއެވެ. އެއީ ތިބާއަށް އަދި އެހެންމީހުންނަށްވެސް އެނގޭ މައުލޫއެއް ކަމުގައި ވީނަމަވެސް މެއެވެ. ގަބޫލުކުރަން ޖެހޭ ކަމަކީ ތިބާއަށް އެނގޭ ކޮންމެ އެއްޗަކީ އަނެކާއަށް އެނގޭނޭ އެއްޗެއް ނޫންކަމެވެ. އަދި އަނެކާއަށް އެނގޭ ކޮންމެ އެއްޗަކީ ތިބާއަށްވެސް އެނގޭނޭ އެެއްޗެއް ނޫންކަމެވެ. އެހެން ކަމުން އަނެކުންނާއި މުޅި މުޖުތަމައަށް އިހްތިރާމް ކުރަން ދަސްކުރަން ވާނެއެވެ.