ކޮންމެ ކަމަކަށްވެސް ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ވަގުތުގެ މުހިންމުކަން އެކި ގޮތްގޮތަށް މުހިންމެވެ. އެގޮތުން ރަނގަޅު ވަގުތުގައި ކަންކަން ކޮށްދިނުމާއި ބަސްބުނުމާއި އަދި އެ ދަރިންނާއި އެކު ހޭދަ ކުރާ ވަގުތު ގިނަ ކުރުމެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ދިވެހި ރާއްޖޭގައި ހިނގައިދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ހިޔާލީ ވާހަކައެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ވަގުތުގެ މުހިންމުކަން މި ވާހަކައިން ވަރަށް ސާފުކޮށް ދޭހަވާނެއެވެ.

ހަރުދަނާ ކަމާއި ތައުލީމީ ރޮނގުން ރަން ވަނަތަކެއް ހާސިލު ކުރަމުން ބޮޑުވަމުން އައި ޒުވާން އަންހެނެކެވެ. ތައުލީމީ ހަޔާތް ނިންމާލުމަށްފަހު ޒަވާޖީ ހަޔާތެއް ފެށީ ދިރިއުޅުމުގައި ކާމިޔާބީ އެދިގެންނެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އޭނާއަށް ރަށުން ހަރުދަނާ ވަޒީފާއެއް ލިބުނެވެ. އެއާއި އެކު އެ ދެމަފިރިންނަކީވެސް އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ދެމީހުންނެވެ. އޭނާގެ ފިރިމީހާ ވަޒީފާ އަދާ ކުރަނީ ރިސޯޓެއްގައެވެ. މަދު މަދުން، ދޭތެރެ ދޭތެރެއިން ރަށަށް އާދެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެދެމަފިރިންނަށް ލޯބި ލޯބި ދަރިއަކު ލިބިއްޖެއެވެ. ފިރިހެން ކުއްޖެކެވެ. އެކުއްޖާ ކިރިޔާ ކަނދުރާ ހަރުލަންދެން ދެމަފިރިން އެ ކުއްޖާގެ ގާތުގައި ވަގުތު ހޭދަކުރިއެވެ. ނަމަވެސް ޗުއްޓީތައް ހަމަ ވުމާއި އެކު އެ ކުއްޖާގެ ބައްޕަ ރިސޯޓަށް ދިޔައެވެ. ހަރުދަނާ ވަޒީފާއެއްގައި އުޅެމުން އައި އެ ހަރުދަނާ މަންމަވެސް ވަޒީފާއަށް ނިކުންނަން ޖެހެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނަށް ވަޒީފާއަށް ދިއުމުގެ ކުރިން އެ މަންމަ، އެ ކުއްޖާ ފެންވަރުވާ ނަލަކޮށްގެން އެ ކުއްޖާ "ނެނީ" އަކާއި ހަވާލުކުރެއެވެ. އެކުއްޖާގެ މަންމަ އަނބުރާ އެކުއްޖާ ބަލާ އާދެވީ ކޮންމެ ދުވަހަކުވެސް އަސުރު ވާ ފަހުންނެވެ. މިއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ އާދައެވެ.

މިފަދަ ގޮތަކަށް އެކުއްޖާ ބޮޑުވަމުން އައިސް އުމުރުން ދިހަ ބާރަ އަހަރުވެއްޖެއެވެ. އެ ދެމަފިރިންނަށް އިތުރު ކުއްޖެއްވެސް ލިބިއްޖެއެވެ. އެ ދެމަފިރިންގެ ދޮށީދަރި ފުރާވަރަށް އެރި އިރު ބަލައިގެން ޤުރުއާން ކިޔަވާކަށް، ދިވެހި ކިޔާކަށް، އަކުރެއް ފިއްޔެއް ލިޔާކަށް ނޭނގެއެވެ. އަމުދަކުން މޮށެ އުޅެނީ ހުުތުރު ބަހުންނެވެ. ކޮށް އުޅެނީ ވިޔާނުދާ ކަންކަމެވެ. ސުކޫލުގައި މުދައްރިސުންގެ ބަހެއް ނާހާތާ ސުކޫލުގައި ހިމޭނުންވެސް ނީންނަނީއެވެ. މިހާލުގައި އެތައް ފަހަރަކު ރިޕީޓުވަމުންގޮސް އެންމެ ފަހުން ސުކޫލު ނިންމައިވިއެވެ. އޭރު އެދަރިފުޅު އުޅެމުން ދަނީ ރަށުގެ އެންމެ ވިޔާނުދާ ކުދިންނާއި އެކުގައެވެ. ސިނގިރޭޓަކީ ފެން ފަދައިން ބޮއެ އުޅޭ އެއްޗެކެވެ. މަސްތުވާ ތަކެތި ބޭނުން ކުރާކަމެއް ނުކުރާ ކަމެއް ދެނަހުރި މީހަކު ނެތެވެ. އުޅުމެއް ނެތްތާ ގުޅުމެއްވެސް ނެތީއެވެ.

މިއީ ހަރުދަނާ ވަޒީފާއެއްގައި ހުރި ހަރުދަނާ މަންމައެއްގެ ދަރިއެކެވެ. ހަގަށް ހުރި ދަރިފުޅުވެސް ބޮޑުވަމުން ދަނީ ހަމަ އެފަދަ ގޮތަކަށެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ އެ ދަރިފުޅު ރަށުތެރޭގައި ގިނަވެގެން އުޅެއުޅެ ހުއްޓައެވެ. ކުއްލި ގޮތަކަށް އެ ދަރިފުޅުގެ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދާންޖެހުނެވެ. ތޫނު އެއްޗަކުން ބިރުދައްކައިގެން ފޭރުނު މައްސަލައެއް އަމިއްލަ އިއުތިރާފުން ސާބިތުވެގެންނެވެ. އެއްކަލަ ހަރުދަނާ ވަޒީފާގައި ހުރި މަންމަގެ ހިތް ކުދިކުދި ވިއެވެ. އެއާއި އެކު އެ މުޖުތަމައުން އިހުމާލުގެ އިނގިލި އެ ހަރުދަނާ ވަޒީފާގައި ހުރި މަންމައާއި ދިމާލަށް އަމާޒުވާން ފެށިއެވެ. މީހުންގެ ބަދު ބަހާއި ނަފުރަތާއި މަލާމާތް ރައްދުވާން ފެށިއެވެ. އެ ދަރިފުޅުގެ ބައްޕަ އަދިވެސް ރިސޯޓުގައި ކަމެއް ވީހެން ކިރިޔާ ހީވި ކަހަލައެވެ. ވަޒީފާގައި އަވަދި ނެތިއެވެ.

އިހުމާލުގެ އިނގިލި އިންތިހާއަށް ގިނަވުމުން، ހަރުދަނާ ވަޒީފާގައި ހުރި އެއްކަލަ ހަރުދަނާ މަންމަގެ ހަރުދަނާކަމެއް ނެތްކަން އެ މަންމައަށް އިހުސާސްވާން ފަށައިފިއެވެ. އެއާއި އެކު އަމިއްލައަަށް އެ މަގާމު ދޫކޮށްލިއެވެ. ހަގަށް ހުރި ދަރިފުޅު އިސްލާހުކޮށް ހަރުދަނާ ކުރުމުގެ އަޒުމު އެ މަންމަގެ ހިތުގައި ބިންވަޅު ނެގިއެވެ.

އާދޭހެވެ! އެ ދެމަފިރިންނަށް އެ ކުއްޖާއަށް ނުދެވުނީ ވަގުތެވެ. ހާއްސަކޮށް އެ ކުއްޖާގެ މަންމަގެ ވަގުތުތަކެވެ. ވަޒީފާ އާއި ފައިސާ އަކީ ހިތްހަމަ ޖެހުން ކަމުގައި ދެކި، ދަރިފުޅަށް އިހުމާލު ވީއެވެ. އެދަރިފުޅަށް ތަރުބިއްޔަތެއް ދޭނޭ ވަގުތެއް ނުހޯދުނީއެވެ. ހަމަ އެކަނި ސަރުކާރު ބަންދު ދުވަސްތަކާއި އެހެން ދުވަސްތަކުގެ ރޭގަނޑަކީ އެ ދަރިފުޅު ތަރުބިއްޔަތު ކޮށްދޭ ވަގުތުކަމުގައި ހީކުރެވުނެވެ. އެވަގުތު ތަކުގައިވެސް ގިނަފަހަރަށް ދެވެނީ ތަރުބިއްޔަތެއް ނޫނެވެ. ޖެހެނީ ކޮންމެވެސް ސަކަރާތެކެވެ. ނުވަތަ ކުޅެނީ ކޮންމެވެސް ކުޅިވަރެކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ވަގުތުގެ މުހިންމު ކަން ވަރަށް ވެސް ބޮޑެވެ. ކުއްޖާގެ ބެލެނިވެރިން ހާއްސަކޮށް މައިންބަފައިން އެ ކުއްޖާއާއި އެކު ހޭދަކުރާ ވަގުތު ގިނަ ކުރަންވާނެއެވެ.