ގަސްގަހާގެހީގެ ތެރޭގައި ތަފާތު އެކި ވައްތަރުގެ ގަސްގަހާގެހި ހުރެއެވެ. ކޮންމެ ގަހަކީވެސް އޭގެ ޠަބީއަތުގައި ގުދުރަތްތެރިކަމު ފުރިހަމަ މިސާލެކެވެ. މިއިން ކޮންމެ ގަހެއްވެސް ދިރިހުންނަހާ ހިނދަކު، އަދާ ކުރާ މަސައްކަތް ތަކެއް ހުންނާނެއެވެ. އެއިން ކޮންމެ ގަހަކުން އިންސާނުންނަަަށް ކުރާ ފައިދާތައްވެސް ހުންނާނެއެވެ.

ބައެއް ގަސްގަހުން ލިބެނީ ބޮޑު ހިޔަލެވެ. އަނެއްބައި ގަސްގަހުން މޭވާ އާއި ތަރުކާރީ ފަދަ ކާނާ ލިބެއެވެ. ގަސްގަހަކީ ވައިސާފުކޮށްދޭ ދިރުންތަކެކެވެ. އެއީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ގުދުރަތީ ޗަމަންގައި ރަނިކަން ކުރާ ރާނީންނެވެ. ގަސްގަހާގެއްސަކީ އިންސާނުންގެ ހިތުގެ ފިނިކަމެވެ.

ގަސްހަގާގެއްސާއި އިންސާނުން މިވަނީ ވަރަށްބޮޑަށް ގުޅިލާމެހިފައެވެ. އެއާއި އެކު އިންސާނުން އުޅޭ މާހައުލުގައި ގަސް އިންދާ ހެއްދުމަށް ގިނަ ބަޔަކު ލޯބިކުރެއެވެ. މިއީ ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅީގައި އެބައިމީހުން ލޯބިކުރާ އާދައެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ އެބައިމީހުންގެ ގެވަޅުތެރޭގައި ގަސް އިންދާ ހައްދާ އުޅުނު ބައެކެވެ. ހިޔާ ލިބޭ ބޮޑެތި ގަސްތަކާއި މޭވާ އަޅާ ގަސްގަހެވެ. ގޭގެ ގެވަޅު ތެތޭގައި އެކި ޒާތްޒާތުގެ ގަސް ހައްދާފައި ހުންނަ އިރު ދެތިން ހަތަރު ރުކެއްވެސް އިންދާފައި ހުންނާނެވެ. މި ގަސްގަހުގެ ސަބަބުން މުޅި ގެވަޅުތެރެވާނީ ހިޔާވެފައެވެ. ބީހޭނީ ފިނި ތާޒާ ވައެވެ. ހަމައެކަނި ގެވަޅު ތެރެއެއް ނޫނެވެ. ގިފިލި ތެރޭގައިވެސް އަލަ ފާފަލާއި ކެޔޮ ފީންތައް ހައްދާ އުޅެއެވެ. މިއީ އެބައިމީހުން ލޯބިން ކުރަމުން އައި ކަންކަމެވެ. ގެއާއި ގެވަޅުތެރޭގެ ވާހަކަ އެކަނި ދެއްކޭކަށް ނެތެވެ. ބަންޑާރަ ބިންތަކުގައްޔާއި ވަލުތެރޭގައިވެސް ގަސްގަސްއިންދުމަކީ ދިވެހިން އެހާމެ ލޯބިކުރި ކަމެކެވެ. ރުއްރުކުގައި ނަން ޖެހުމާއި ނަންބަރު ޖެހުމަކީ ތޮޅި އަރާރުންވެ ބޮޑެތި ޒުވާބުތައް އުފެދި ހިނގައިދާ ކަންކަމެވެ.

ޒަމާން ބަދަލުވެ ތަރައްގީއާއި ތަހުޒީބަށް ލޯހުޅުވި، އާބާދީ އިތުރުވެ، ބިން މަދުވާން ފެށި މި ޒަމާނުގައި ގެވަޅުތެރޭގެ ޖާގަތައް އިންތިހާއަށް ކުޑަވިއެވެ. ނަމަވެސް ގަސްއިންދުމަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ފިލައިގެންނެއް ނުދެއެވެ. ގެވަޅުތެރޭ ނެތް ޖާގަކޮޅު ހޯދީ ގެއާއި ދިމާލު މަގުމަތިންނެވެ. މަގުމަތީގައި ގޭގެ ފާރުކައިރީގައި އެކި ވައްތަރުގެ ކުދި ކުދި ގަސްގަސް އިންދާ ހައްދައެވެ. އާންމު ގޮތެެއްގައި މިފަދައިން ހައްދާ އުޅެނީ ކޮޕީފަތާއި މިރުހެވެ. އެހެނީ ޒަމާނުއްސުރެ ދިވެހިން ލޯބިކުރީ ކާނާއެއް ލިބޭ ގަހެއް އިންދާ ހެއްދުމަށެވެ. ނަމަވެސް ޒަމާނާއި އެކު މިހާރު، ބަގީޗާ ގަސްގަހަކީވެސް ވަރަށްގިނަ ދިވެހީން އިންދާ ހައްދާ ގަސްގަހެވެ. އެކި ވައްތަރުގެ ރީތި މާ އަޅާ ގަސްގަސް ހައްދާ އުޅެއެވެ. ގޭގެ މަގުމަތީފާރު ކައިރީގައްޔާއި ގެވަޅު ތެރޭގައްޔާއި ނުވިތާކަށް ގޭގެ ސިޓިންރޫމު ތަކުގައިވެސް މިހާރު ގަސްގަސް ހައްދާފައި ހުރެެއެވެ. މާލޭގައި ދަތި ތަންކޯކޮޅުގައި އުޅޭ މީހުންވެސް ކޮންމެވެސް ތަނެއްގައި ފުޅިބުރިއެއް ނުވަތަ ޕޮޓެއްގައި ނަމަވެސް ގަހެއް އިންދާފައި ހުރެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ގުދުރަތްތެރިކަމަށް ލޯބި ކުރަމުން އައި ބައެއް. ގަސްގަހާގެއްސަށް ދިވެހިންގެ ހިތްތަކުގައި މިވާ ލޯތްބަކީ ދިވެހި ކާބަފައިންގެ ކިބައިން އަދުގެ ޖީލަށް ވާރުތަކޮށްފައިވާ ސިފައެއްކަމުގައި ބުނެވިދާނެވެ. ގަސްގަހުން ލިބޭ ހިތްހަމަ ޖެހުމާއި އެކު އެހެން ފައިތާކުގެ ބޭނުން ވެސް އިންސާނުން ކުރަންވީ އޭގެ ސަބަބުން އެހެން ކަންކަމަށާއި ތަކެއްޗަށް ގެއްލުމާއި ހާނިކަ ނުވާގޮތަށެވެ. ގަސްއިންދާ ހެއްދުމުގެ މި ރީތި އާދަ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިން ފޮހެވުނަ ދީގެއް ނުވާނެއެވެ.