އެއްވެސް ކަމަކާއި މެދު އިންސާނާ ވިސްނާ ފިކުރު ކުރާނަމަ އެ ކަމަކުން އިންސާނާއަަށް އެތައް ފިލާވަޅުތަކެއް ލިބޭނެއެވެ. އެތައް ދަރުސްތަކެއް ލިއްބައިދޭނެއެވެ. އެތައް އިބުރަތްތަކެއް ހާސިލްކުރެވޭނެއެވެ. އެހެންކަމުން އިންސާނާއީ އަބަދުވެސް މިފަދައިން ކަންކަމާއި މެދު ވިސްނާ ފިކުރު ކުރާ މީހަކަށް ވާން ޖެހޭނެއެވެ.
އިންސާނާ ވިސްނާ ފިކުރު ކުރަންވީ ކަންކަމުގެ ތެރެއިން ކީރިތި ޤުރުއާނާއި އެ ފޮތުގެ އާޔަތްތައް ހިމެނެއެވެ. އެ ފޮތުގެ ކޮންމެ އާޔަތަކީ އެ އާޔަތަކާއި ނުވަތަ އެ އާޔަތެއްގެ މާނައާއި ދޭތެރޭ ވިސްނައިފިނަމަ، އެއިން އެތައް ވާހަކަތަކެއް ބުނެދޭނޭ އާޔަތްތަކެކެވެ. އެހެނީ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ވިސްނާ ފިކުރު ކުރާ މީހުންނަށް ހެކިތަކެއް ނުވަތަ އިބުރަތްތަކެއް ވާނޭކަމަށް އައިސްފައި ވުމެވެ. މި ލިޔުމުގައި މި ބަލާލަނީ، ނިދުމާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ އާޔަތަކާއި އެ އާޔަތަކުން ބުނެދޭ ވާހަކަ ތަކަށެވެ.
ނިންޖަކީ ވަރަށް އާދަޔާހިލާފު ކަމެކެވެ. އޭގެ އަޑި ނޭނގޭ ފުން ކަނޑެކެވެ. އެ ކަނޑެއްގެ ތެރެއަށް ކޮންމެ އިންސާނަކުވެސް ޣަރަގުވެގެންދާ ފަދަ އެއްޗެކެވެ. ނިންޖަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ޖިސްމާނީ ބައިން، ބޭރުފުށުގެ މަސައްކަތްތައް ހުއްޓޭ ކަމެކެވެ. ނަފްސާނީގޮތުން، ވިސްނާ ވިސްނުންތަކާއި ކުރެވޭ ހިޔާލުތައް ހުއްޓޭ ކަމެކެވެ. ރޫޙާނީ ގޮތުން، ހަށިގަނޑުގައި ފުރާނަ ވާ ކަމުގެ އިހުސާސް ނުކުރެވޭ ކަމެކެވެ. ނަމަވެސް މިކަންކަމުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުގައި ތަރުތީބުވެ ހިނގާ ޖިސްމާނީ ހަރަކާތްތަކަކާއި ސިކުނޑީގެ ތެރޭގައި ދައުރުވާ އިހުސާސް ނުކުރެވޭ ސިގުނަލްތަކެއް ހިނގަމުންދާނެއެވެ.
އާދޭހެވެ! ކީރިތި ޤުރުއާނުގެ އައްޒުމަރް ސޫރަތުގެ 42ވަނަ އާޔަތުގައި ނިންޖާއި ބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (42)
މާނައީ: نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." މިއާޔަތުގައި އެވާ " މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ." މި ބަސްފުޅުން އެނގެނީ ނިދުމާއި އެކު އިންސާނާގެ ފުރާނަ އޭނާގެ ހަށިގަނޑާއި ވަކިވާ ކަމެވެ. އިބްނު ކަޘީރު ލިޔުއްވާފައިވާ ޤުރުއާނުގެ ތަފްސީރުގައިވެސް ފާހަގަ ކުރައްވަނީ، އިންސާނާ ނިދުމުން އޭނާގެ ފުރާނަ މާތް ﷲ ހިއްޕަވާ ކަމަށެވެ. ނަމަވެސް މި އާޔަތުގައި އައިސްފައިވާ، މަރުނުވެ ނިދާފައިވާ މީހާގެ ފުރާނަ ހިއްޕެވުމަކީ "ކުޑަ" ހިއްޕެވުމެވެ. "ބޮޑު" ހިއްޕެވުމަކީ، މަރުވެ ނުވަތަ މަރުވާ މީހާގެ ފުރާނަ ހިއްޕަވާ ހިއްޕެވުމެވެ.
އިބްނު ކަޘީރު، އޭނާގެ ތަފްސީރު ފުރިހަމަ ކުރައްވާ ގެންނަވާފައިވަނީ މާތް ރަސޫލާގެ ހަދީޘްފުޅުތަކެކެވެ. އޭގެ ތެރެއިން، ބުޚާރީއާއި މުސްލިމުގައި އައިސްފައިވާ ހަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ކުރެ ކޮންމެ މީހަކު، ނިދަން އޮށޯތުމުގެ ކުރިން، ތަންމަތިތައް ފޮޅާ ސާފު ކުރާށެވެ. އެހެނީ އެ ތަންމަތިތަކުން ތިޔަބައިމީހުން ފޭބިފަހުން، އެ ތަންމަތިތަކަށް އަރާފައިވަނީ ކޮން އެއްޗެއްކަން ތިޔަބައިމީހުންނަކަށް ނޭނގޭނެއެވެ. އަދި މިފަދައިން ދުޢާ ކުރާށެވެ. ﷲ ގެ އިސްމަފުޅުގެ ބަރަކާތުން އަހުރެންގެ އަރިކަށި ބާއްވައިފީމެވެ. އަދި އަހުރެންގެ އަރިކަށި އުފުލޭނީ ވެސް މާތް ﷲ ގެ އިޒުނަފުޅާއި އެކުގައެވެ. (ނިދީގައި) އަހުރެންގެ ފުރާނަ ހިއްޕަވައިފިނަމަ، އެ ފުރާނައިގައި ބަރަކާތް ލައްވާށިއެވެ. އަދި އެ ފުރާނަ ނުހިއްޕަވާ އަނބުރާ ރައްދު ކުރައްވަވައިފިނަމަ، އިބަރަސްކަލާންގެ ޞާލިހް އަޅުން ރައްކާތެރިކޮށްދެއްވާ ފަދައިން އަޅުގެ ފުރާނަ ރައްކާތެރި ކުރައްވާށިއެވެ."
މި ހަދީޘް ފުޅުގައި އެވާ "އަނބުރާ ރައްދު ކުރެއްވުން" މި ބަސްފުޅުން ދޭހަވަ ކަމަކީ ނިދީގައި އިންސާނާގެ ފުރާނަ، ކުޑަ ހިއްޕެވުމަކުން މާތް ﷲ ހިއްޕަވާ ކަމެވެ.
މިނޫނަސް ނިދީގައި އިންސާނާގެ ފުރާނަ މާތް ﷲ ހިއްޕަވާކަން ހާމަ ވާ އެތައް ކަމެއް ހުންނާނެއެވެ. މިއީ ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްގެ ކުޑަކުޑަ މިންވަރަކާއި މެދު އިންސާނާ ވިސްނާ އޭނާގެ ފިކުރު ހިންގުމުން ހާމަވެގެންދިޔަ ކަންކަމެވެ. އެހެންކަމުން އަހަރެމެންނީ، ވިސްނާ ފިކުރު ކުރާ ބަޔަކަށް ވަމާ ހިނގާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން