ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ތަފާތު މިޒާޖެއްގެ މީހެކެވެ. ނަމަވެސް ގިނަބައެއްގެ ތެރޭގައި އުޅޭނަމަ މި މިޒާޖުން ތަނާއި ހާލަތަށް ބައްޓަން ކުރަންވާނެއެވެ. ވަޒީފާތަކުގައި އުޅޭ މީހުންނީ އެ ވަޒީފާތަކުގައި އިހުލާސްތެރިކަމުގެ ހެޔޮ ނިޔަތް އަބަދުވެސް އިސްކުރަން ޖެހޭނޭ މީހުންނެވެ. މި ލިޔުމުގައި މި ހިމަނާލަނީ އިހުލާސްތެރިކަމެއް ނެތް ޓީޗަރަކަށް ލިބުނު ފުން ހިތާމައެއްގެ ވާހަކައެވެ.

އެއީވެސް އެހެން ޓީޗަރުންނާއި އެއް ފަންތިއެއްގެ ޓީޗަރެކެވެ. އޭރު ޑިޕްލޮމާ ނިންމާފައި ހުރި އެ ޓީޗަރު، ޑިގްރީ ފެށީ އަމިއްލަ ކޮލެޖަކުންނެވެ. ހަމަ އެ ކޮލެޖުން މާސްޓާސްވެސް އެ ޓީޗަރަކު ފުރިހަމަކުރިއެވެ. ނަމަވެސް ސޫކުލުތެރެއިންނާ ރަށުތެރޭގައި ކިޔާތީ އިވޭ އަޑަކީ އެ ޓީޗަރަކު ކިޔަވުމުގައި ހަދަން ޖެހުނު ފިލާވަޅުތަކާއި އެސައިމެންޓުތައް ހެދީ ބަޔަކަށް ނުވަތަ މީހަކަށް ފައިސާދީގެންނޭ ބުނާ އަޑެވެ. ހިތާމައަކީ މި ވާހަކަތަކަށް އެ ޓީޗަރަކު އެއްވެސް ރައްދެއް ނުދޭތީއެވެ. އަދި ކިއެއް، އެ ވާހަކަތަކަށް ފަހުރުވެރިކަމާއި އެކު އާނ ބަސްބުނެ ބޮޑާވެލައެވެ.

މަސައްކަތުގައި ފަރުވާކުޑަ ކަމުގެ ވާހަކަ ދެއްކުމަށްވުރެ ނުދެއްކުން ރަނގެވެ. ގަޑިއަށް ސުކޫލަށް ދެވެނީކީ ނޫނެވެ. ބްރޭކަށް ގެއަށްދާ މީހާ ތިން ހަތަރުގަޑި އިރުކޮށްފައި އެބަ އާދެއެވެ. އަމިއްލަ އެތައް ވިޔަފާރިއެއް ކުރަމުން އަންނަ މި ޓީޗަރު ސުކޫލުގައި އިނދެފައި ގެއަށް ދަނީ އޭނާގެ އަމިއްލަ ވިޔަފާރި މުއާމަލާތްތައް ފުރިހަމަ ކުރާށެވެ. ސުކޫލުގެ މާހައުލުގައިވެސް އެ ޓީޗަރަކު ދަނީ ވިޔަފާރި ކުރަމުންނެވެ. ވިޔަފާރީގެ ހިސާބު ކިތާބު ބަލަހައްޓާ ގަޑިއަކީ ސުކޫލުގައި އިންނަ ވަގުތުކަމުގައި ހަދައެވެ. ވިޔަފާރި އާއި އެނޫންވެސް އަމިއްލަ ކަންކަން ކުރުމަށް ރަސްމީ ދުވަސްދުވަހު ސަލާމްބުނެއެވެ.

ކުލާސްތަކުގައި ގަޑި ނަގައިދެނީ ނަމަކަށޭ ބުނެވިދާނެއެވެ. ކިޔަވައިދިނުމެގެ ރޫހެއް ޝައުގެއް ހިތުގައި ނެތިއެވެ. ކުޅިވަރާ އެހެނިހެން އެފަދަ މުނިފޫހިފިލުވުމުގެ ކަންކަމަށް އިންތިހާއަށް ފޯރި ހުންނަ އިރު، ސުކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވަނީ ހާލަކުން ފަހަރަކުއެވެ. ބައިވެރިވިޔަސް ވަނީ ހިތާއި ދެކޮޅަށެވެ. އެއޮށް ބޮޑު ސުކޫލުގައި އެ ޓީޗަރާއި ގުޅުން ގާތް ހަމަ އެންމެ ޓީޗަރެއްވެސް ނުހުރެއެވެ. މަސައްކަތުގައި ފަރުވާކުޑަ ކަމާއި ދޯހަޅިކަމުން ޓީޗަރުކަމުން ވަކިކުރަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ސިޔާސީ ބާރުގަދަ ފަރާތްތަކާއި ގުޅިގެން ނުފޫޒާ ބާރުން އެކަން ހުއްޓުވީތީއެވެ. ކުރުގޮތަކަށް ބުނާނަމަ، މުސާރަ ލިބޭތީ، އެ މުސާރަ ހޯދަން ސުކޫލަށް ދިޔަ ޓީޗަރެކެވެ.

ބޮޑުވަމުން އަންނަ އެ ޓީޗަރުގެ ދަރިން އެހެން ސުކޫލެއްގައި ކިޔެވިނަމަވެސް، ރަށުތެރޭގައި ދެކެވޭ ވާހަކަތާއި އަޑުތައް އިވެއެވެ. އެކުދިންގެ އެ ބައްޕަ، ޓީޗަރަކަށްވެ ހުރެ އުޅެމުންދާ ގޮގް އެ ދަރީންނަށް އެނގެއެވެ. އެތަނުން އެންމެ ދޮަށްޓަށްހުރި މަންޖެގެ ފަހު އަހަރެވެ. އެންމެ މަތީ ގުރޭޑުގައި ކިޔަވަމުން ދިޔައެވެ. ނަމަވެސް ކަންދިމާކުރިގޮތުން އެ ސުކޫލުގައި މާއްދާއެއް ކިޔަވައިދޭ ޓީޗަރު ބަލިވެގެން އެހެން ޓީޗަރެއް ހޯދިއެވެ. ވަގުތީ ގޮތުން "ޕާޓް ޓައިމް" ކޮށް ވިޔަސް އަންނާނޭ ޓީޗަރެކެވެ. އެއްކަލަ ޓީޗަރު، ސިޔާސީ ބާރާއި، މި މަގާމުން ލިބޭނޭ ފައިސާގެ ދަހިވެތިކަމުގައި ކުރިމަތިލިއެވެ. އަދި އެކަން ހާސިލުވެސް ކުރިއެވެ. އެއާއިއެކު އެއްކަލަ ފަރުވާކުޑަ، މަސައްކަތުގައި އިހުލާސްތެރިކަމެއް ނެތް ޓީޗަރު މި ޖެހުނީ އޭނާގެ އަމިއްލަ ދަރިއަށް ކިޔަވާދޭށެވެ.

އެ ދަރިވަރަށް އޭނާގެ ބައްޕަގެ އިހުލާސްތެރިކަން ނެތްކަން އަމިއްލައަށް ތަޖުރިބާ ކުރެވުނެވެ. ނޭނގޭ އެއްޗެއް ބުނެދިނުން އެ ޓީޗަރަށް ނުވަތަ އެ ދަރިފުޅުގެ ބައްޕައަށް ވީ ބޮޑު "މުސީބާތަކަށެވެ". އެ ކުލާހުގެ ކުދިންގެ ފަހު އަހަރުކަމުން އިތުރު ފައިސާ ލިބޭނޭ މަގެއްގެ ގޮތުން ޓިއުޝަންވެސް ނަގައިދިނެވެ. ހަމަ ނަމެއްގައެވެ.

ކޮންމެއަކަސް އިމްތިހާނު ހަދާ އޭގެ ނަތީޖާއަށް އިންތިޒާރު ކުރަމުން ދިޔައެވެ. ބައިނަލްއަގުވާމީ އިމްތިހާނެއްކަމުން އެ އިމްތިހާނު ކަރުދާސް ބަލާ ހަދަނީ ބައިނަލްއަގުވާމީ ޖަމުއިއްޔާއަކުންނެވެ. އެންމެފަހުން ނަތީޖާތައް އައި އިރު، ދެ ކުދިން ފިޔަވާ އެހެން ހުރިހާކުދިން އެ މާއްދާއިން ފެއިލް ވިއެވެ. އެއްކަލަ ޓީޗަރުގެ އެ ދަރިފުޅުވެސް އޮތީ ފެއިލް ވެފައެވެ. އެއީ އެ ސުކޫލުގެ ތާރީހުގައި ދުވަހަކު ނުދެކޭ ހިތި ނަތީޖާއެކެވެ. އެއްކަލަ ޓީޗަރުގެ ދަރިފުޅު އެ މާއްދާއިން ފެއިލްވެފައި ހުރުމުން އެ މަންޖެ ކިޔަވަން ބޭނުންވި އެއްޗެއް ކިޔެވޭގޮތެއް ނުވިއެވެ. ކޯހަށް ޝަރުތު ހަމަނުވާތީއެވެ. ދެން އަނެއްކާ މި ޓީޗަރު ކުރިމަކަކީ ފައިސާއިން އެކަން ވޭތޯ ބެލީއެވެ. ނަމަވެސް ލަދުހުރި، ހިތްދަތި ކަމަށް ވެގެން ފިޔައީ މި ޓީޗަރުގެ އެއްކަލަ ދަރިފުޅުގެ ފަރާތުން މި ބައްޕަ ބޭޒާރުވެގެން ދިއުމެވެ. އެ ދަރިފުޅަށް ބައްޕަގެ އެ އަމަލުތަކަށް ކެތް ނުވެން އެކަން ހާމަކުރީއެވެ. މައްސަލަވެސް ޖެއްސީ އަމިއްލަ ބައްޕައާއި ދެކޮޅަށެވެ. އެ ބައްޕަ އެ ދަރިއަށް ހެޔޮއެދިގެން ވިޔަސް އެކުރަނީ ގޯސްކަމެއްކަން އެ ދަރިފުޅަށް އެނގުނު އިރު، މާސްޓާސް ފެންވަރުގެ މި ބައްޕަ، ނުވަތަ މި ޓީޗަރަށް އެކަން ނޭނގުނީއެވެ.

އެންމެފަހުން ވަޒީފާއިން ވަކިކޮށް ވިޔަފަރީގެ އެތައް ހިޔާނާތަކާއި ސުކޫލުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރުމާއި އަދިވެސް އެތައް ކުށްތަކެއް ޓީޗަރުގެ މައްޗަށް ސާބިތުވެ، ޓީޗަރުކަމުން ގައިދީއަކަށް ވީއެވެ. ފުން ހިތާމައެއްގައި އިން އެ ޓީޗަރުގެ ދަރިފުޅު ހިތާމައިގެ މައްޗަށް ހިތާމަ ކުރެއެވެ. އަދި އެއަށްވުރެ ފުން ހިތާމައެއް އެ ޓީޗަރު ކުރާނޭކަން ޔަގީނެވެ.

އާދޭހެވެ! މަސައްކަތުގައި އިހުލާސްތެރިނުވާ މީހާ ނުވަތަ ނުވެވޭ މީހާ މަސައްކަތެއް ކުރާނަކަމެއް ނެތެވެ. ތިމާމެންގެ ދަރީންނަށް ރިވެތި އަހުލާގެއް ނޫނީ ދަސްކޮށް ނުދޭށެވެ. ދިވެހިން ކިޔާތީ އަޑުއަހަމެވެ. "ވަށްކަން ނުކުރިއަސް ޒިލޭބީ ކެވިދާނެއެވެ!"