މައިންބަފައިން އަބަދުވެސް ދަރިންނަށް ހެޔޮ ގޮތް އެދޭނެއެވެ. އެހެނީ ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. މަޔަކު ދުވަހަކުވެސް، ދަރިއަކަށް ދެރަގޮތެއް ނޭދޭނޭ ބުނާތީ އަޑުއަހަމެވެ. އާދޭހެވެ! ކަން އޮތީވެސް މިހެންނެވެ. ނަމަވެސް މަގު ގެއްލިފައިވާ ބައެއް މައިންބަފައިންގެ ފަރާތުން އެމީހުންގެ ދަރިންނަށް ދެރަގޮތްތައް ކުރިމަތިވަމުން ނުދާ ވާހަކައެއް ނޫނެވެ. މިއީ ޖުމުލަކޮށް ކަން އޮތް ގޮތުގެ ވާހަކައެވެ.

އިންސާނާ ބޮޑުވެ، ފުރާވަރަށް އަރާ، އަދި އެއަށްވުރެ ބޮޑުވުމުންވެސް އެ ދަރިންކައިރި، މައިންބަފައިން އެވެނި މިވެނިގޮތަކަށް ކަންކަން ކުރާން ނަސޭޙަތްތެރި ވެއެވެ. އެއީ އެމީހުން ދަރީންނަށް ހެޔޮ އެދޭތީ ދޭ ނަސޭޙަތްތަކެވެ. ނަމަވެސް ބައެއް މީހުންނަށް ވާ ގޮތަކީ، ބޮޑުވެ ތަސައްރަފު ފުދުމުން، ދެން މައިންބަފަައިންނަށް ތިމާގެ މައްޗަށް ގޮތްކިޔާ ނުހެދޭނެއެވެ. އެހެނީ ތިމާއަށް ވެސް ވިސްނޭތީއެވެ. އަދި މައިންބަފައިންނަށް، ތިމާއަށް އެންމެ ރަނގަޅު ގޮތް ނޭނގޭނޭކަމަށްވެސް ބުނެ އުޅެއެވެ. އާދޭހެވެ! ފަހަރުގައި އެ މަންމަ އަށް ނުވަތަ ބައްޕައަށް، ތިމާއަށް އެންމެ މަންފާ ކުރާނޭ ގޮތް ފަހަރުގާ ނޭނގިދާނެއެވެ. ނަމަވެސް އެ މަންމައާއި ބައްޕަ ދުވަހަކުވެސް ތިބާއަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ.

އެވެނި މިވެނި އެއްޗެއް އަހަރެމެން ކިޔަވަނީ މަންމަ ބުނެގެންނޭ ނުވަތަ މައިންބަފައިން ބުނެގެންނޭ، ބުނަން އަހަރެމެން ޖެހިލުންވެއެވެ. ލަދުގަނެއެވެ. ފަސްޖެހެއެވެ. ކީއްވެހެއްޔެވެ؟ އެއީ ތިމާގެ ނިންމުމަކަށް ނުވާތީއެވެ! އެހެނަސް ތިމާ ވިސްނާލާށެވެ! ތިމާ މި ދުނިޔެއަށް އައިސްފައި ތިވަނީ ތިމާގެ ކޮން ވިސްނުމެއް، ހިޔާލެއް ހުރެގެން ހެއްޔެވެ؟ އެހެންކަމުން އެވެނި މިވެނި އެއްޗެއް ތިމާ ކިޔަވަނީ، ނުވަތަ އެވެނި މިވެނި ތަނަކު ތިމާ ވަޒީފާ އަދާ ކުރަނީ ތިމާގެ މަންމަ ނުވަތަ މައިންބަފައިން ބުނެގެންނޭ ބުނަން ލަދުގަނެގެން ނުވާނެއެވެ. ހަގީގަތުގައި އެފަދައިން ކަން ދިމާވެފައިވާ މީހާ، އެފަދައިން ބުނަން ފަހުރުވެރިވާން ވާނެއެވެ. އެފަދައިން ބުނުމަށް އުފާވާން ޖެހޭނެއެވެ. އެހެނީ އެކަމުން ތިމާ ތިޔަ އުފުލައިދެނީ ތިމާގެ މައިންބަފައިންގެ ދަރަޖައެވެ. ތިމާގެ ހިތުގައި އެ މައިންބަފައިންނަށް ދެވިފައިވާ ލޯތްބާއި ގަދަރެވެ.

ހަގީގަތަކީ މިފަދައިން އިންޓަރވިއު އެއްގައި ބުނެފިނަމަ، ދެވޭ މާކުސް މަދުވާ ކަމެވެ. ކޮލެޖު ތަކުގައި މިފަދައިން ބުނެފިނަމަ، ލެކްޗަރާއިންނާ އެހެން ދަރިވަރުން މަލާމާތް ކުރާ ކަމެވެ. އެފަދައިން ކަން ކުރާނީ ހަގީގަތުގައި އެ މީހުންގެ ހިތުގައި، އެމީހުންގެ މައިންބަފައިންނަށް ލޯތްބެއް ގަދަރެއް ނުވާ މީހުންނެވެ. ގަބޫލުކުރާށެވެ! ދުވަހަކުވެސް، ދުވަހަކުވެސް، ދަރިން، އެމީހުންގެ މައިންބަފައިންނަށް ވުރެ ބޮޑެއް ނުވާނެއެވެ. ނުވެސް ވެވޭނެއެވެ. އެހެންކަމުން މައިންބަފައިން ބުނެގެން، ކުރާކަންކަމުގައި އެމީހުންގެ ނަން ގެންނަން ހަގީގަތުގައި ފަހުރުވެރިވާން ވާނެއެވެ.

މައިންބަފައިން އެދޭ ކަމަކީ ފަހަރުގައި ތިމާއަށް އެންމެ މަންފާ ކުރާ ކަމަކަށް ނުވެދާނެއެވެ. އެހެނީ ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ. އެހެންނަމަވެސް އެއީ ތިމާގެ މައިންބަފައިންނެވެ. ހަގީގަތުގައި ތިމާއަށްވުރެ ބޮޑަށް ތިމާ އެނގޭނެ ބަޔަކީ އެމީހުންނެވެ. އެހެންކަމުން އެމީހުން އެދޭ އެދުންތަކުން ގެއްލުމެއް ލިބިދާނޭ ހިތާ، ދުވަހަކުވެސް އެއިން އެދުމަކަށް ފުރަގަސް ނުދޭށެވެ. އެހެނީ މައިންބަފައިން، ދުވަހަކުވެސް ދަރިންނަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ!