ކޮންމެ އިންސާނަކީވެސް ދުނިޔޭގެ ޠަބީއަތުގައި ޖަމާއަތެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މީހެކެވެ. މިފަދަ ޖަމާއަތްތަކުގައި އުޅޭހިނދު، އިޖްތިމާއީ މައްސަލަތަކަށް ކޮންމެ މީހަކުވެސް ފާރަވެރިވާން ވާނެއެވެ. އިޖްތިމާއީ ކަންކަމަަށާއި ޖަމާއަތުގެ މަސްލަހަތަަށް އިސްކަންދޭން ވާނެއެވެ. މުޖުތަމައުގައި ެެއުޅޭ އެހެން އަފުރާދުންގެ ހައްގުތަކަަށް ރައްކާތެރިވާން ވާނެއެވެ. ކަން އޮންނަން ޖެހޭ މިސްރާބަކީ މީ ކަމުގައި ވީނަމަވެސް، އިޖްތިމާއީ ކަންކަމަަށް އަަދުގެ ޒުވާނުންގެ ޝައުގުވެރިކަން ވަރަށްވެސް ކުޑައެވެ.

ދިވެހިރާއްޖެ އުފެދިފައިވާ ގޮތުން، އާބާދީ ބިނާވެގެން މިދަނީ ކުދި ކުދި މުޖުތަމައުތަކެއްގެ މައްޗަށެވެ. އާދޭހެވެ، ކުދި ކުދި ރަށްތަކެއްގެ މައްޗަށެވެ. އެހެންކަމުން އެ ކުދި ކުދި އާބާދީތަކުގެ އިޖްތިމާއީ ގުޅުން ތަކަކީ އޭގެ ޠަބީއަތުގައި ވަރަށްވެސް ވަރުގަދަވާން ޖެހޭނޭ ގުޅުންތަކެކެވެ. އެ އާބާދީ ތަކުގެ އިޖްތުމާއީ ހަރަކާތްތަކަކީ ނުހަނު ފަސޭހަކަމާއިއެކު، ވެ ނިމެން ޖެހޭނޭ ކަންކަމެވެ. އެ މުޖުތަމައުތަކުގެ އަފުރާދުންގެ ފުރިހަމަ އެއްބާރުލުމާއި އެކުގައެވެ. ރަަށުގެ އިޖްތިމާއީ ކަންކަމުގައި ހުއްބުލްވަޠަނުގެ ލޯބި ޖެހިގެންނެވެ.

އިޖްތިމާއީ މަސައްކަތްތަކުގައި އަދުގެ ގިނަ ޒުވާނުން ބައިވެރި ނުވަނީ ކީއްވެތޯއެވެ؟ ކޮންމެ އިޖްތިމާއީ މަސައްކަތަކީ އެ މަސައްކަތުން އާމްދަނީއެއް އަދި މާލީ މަންފާއެއް ކުރާނޭ ކަންކަމެއް ނޫނެވެ. ފަހަރުގައި މިއީ މިފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ޒުވާނުން ބައިވެރި ނުވާ ސަބަބެއް ކަމުގައި ވެދާނެއެވެ. އެންމެ އާދައިގެ މިސާލަކަަށް ބަަލައިލާނަމަ ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްގައި އާންމުނަށް ގޮވާލެވޭހިނދު، އެ ހަރަކާތުގައި ބައިވެރިވާ ޒުވާނުން މަދުކަން ފާހަގަވެއެވެ. "ހަލޯ، ތީ ދެން ކީއްކުރަން ކުރާ ކަމެއް!"، "ތީ މޮޔައިން ކުރާ ކަންކަން!"، "އޭ، މަށަކަށް ނުކެރޭނެ!"، " މަ އެބައުޅެންތަ މޮޔަވެގެން!" މިއީ މިފަދަ ކަންކަމުގައި ބައިވެރިވާން ޖެހުނުހެން އަދުގެ ގިނަ މީހުންނަށް ބުނެވޭ އާންމު ބަސްތަކެކެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މިއީ ހަގީގަތުގައި އަހަރެމެންގެ ކާބަފައިންނަށް ކުރެވޭ މަލާމާތެކެވެ.

މިފަދައިން އިޖްތިމާއީ މަސައްކަތްތަކުން ދުރަށް ދެވޭ މީހުންނަށް ފަހަރުގައި އަހަރަމެންގެ ކާބަފައިންގެ ހަޔާތުން އިބުރަތް ހާސިލް ކުރެވިފައި ނުވަނީ ކަމަަށް ވެދާނެއެވެ. އަހަރެމެން ދިވެހިންގެ ކާބަފައިންނަކީ އިޖްތިމާއީ ކަންކަމާއި މަސައްކަތްތަކުގައި ލާމަސީލު ބައެކެވެ. އިޖްތިމާއީ ހަރަކާތްތަކުގައި ހީވާގި މުރާލި ބައެކެވެ. މިއަދުވެސް ރާއްޖޭގެ ކޮންމެ ރަަށެއްގައިވެސް، އެރަށެއްގެ ކާބަފައިން ނުކުމެ، އިޖްތިމާއީ މަސައްކަތަކުން ބިނާކުރި އިމާރާތެއް، ފާރެއް ނުވަތަ މަރާމާތު ކުދި އިމާރާތެއް ނުވަތަ ބަނދަރެއް ނުވަތަ ބޭރުތޮށްޓެއް އޮންނާނެއެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ހިތްތަކުގައި ހުއްބުލް ވަޠަނުގެ ވިންދު ވަރަށް ގަދައަށް ޖަހަމުން ދިޔަ ބައެކެވެ. އާމްދަނީއެއް، މުސާރައެއް އަދި މާލީ ފައިދާއެއް ނުވިނަމަވެސް އިޖްތިމާއީ މަސައްކަތްތަކުގައި ނުހަނު ހިތްވަރާއި ޖޯޝާއި އެކީ އުޅުނު ބައެކެވެ. އަދުގެ މި ޖީލަކީ އެޖީލު ބަނޑުއަޅާ ވިހޭ ޖީލެކޭ ބުނަންވެސް ލަދުގަނެއެވެ. އިޖްތިމާއީ އެއްވެސްކަމެއް ކުރުމުގެ ޝައުގެއް ރޫހެއް، ގިނަ މުޖުތަމައުތަކުގައި މިއަދު ނެތެވެ. ސަރުކާރުގެ ބޮލަށް ހުރިހާކަމެއް އެއްކޮށްމެ ޖަހާލަނީއެވެ.

ކޮންމެ ރަށަކީ ތަފާތު ރަށެކެވެ. އެރަށެއްގައި އުޅޭނީ އެރަށެއްގެ ރައްޔިތުންނެވެ. އެ ރައްޔިތުން، އެ ރަށްތަކުގެ ތަރައްގީ އިސްނުކުރާނަމަ އެ ރަށްތައް ތަރައްގީއެއް ނުވާނެއެވެ. އެ ރަށްތަކުގެ އިޖްތިމާއީ ގުޅުންތަށް ހަރުދަނާ ނުކުރާނަމަ، އިޖްތިމާއީ މަސައްކަތުގެ ރޫހެއް އަދި ޝައުގެއް ނުވާނެއެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އިޖްތިމާއި ގުޅުންތައް ހަރުދަނާކޮށް، އިޖްތިމާއީ މަސައްކަތްތަކުގައި ބައިވެރިވުމުގެ ޝައުގާއި އެކު ބައިވެރިވާ މީހަކަށް ވާން ވާނެއެވެ.