އެއީ މީގެ ދެ ހަފްތާ ކުރިއެވެ. އަވަށްޓެރި ޕާކިސްތާނުގެ ކަރާޗީގައި ހިނގައިދިޔަ ހާދިސާއެކެވެ. އަހަރެމެންގެ ގައުމުން ބޭރުގައި ނަމަވެސް، އަހަރެމެންނާ ގުޅުން ހުރި ކަމެއް ކަމުން، މިވާހަކަ ހިއްސާކޮށްލާނަމެވެ.

އެއީ ޒުވާނެކެވެ. ގާތްގަނޑަކަށް 25 އަހަރުގެ ޒުވާނެކެވެ. މުސްލިމެކެވެ. މުސްލިމު މަންމަ އަކާއި ބައްޕައެއްގެ ހުރި މުސްލިމު ދަރިއެކެވެ. ދީނީ ކަންކަމަށް މާބޮޑު ފަރުވާތެރިކަމެއް ދޭ ޒުވާނެއް ނޫނެވެ. ނަމަވެސް ރޯދަމަހު ރޯދައަށް ހުރެއެވެ. ރޯދައަށް ހުންނަނީ ހަަމަ އެކަނި ކެއުމާއި ބުއިމުން ދުރުވެގެންނެވެ. ސަޖިދައެއް ކުރާތީ މީހަކަށް ނުފެނެއެވެ. މިސްކިތައް ބުރާވެސް ނުލައެވެ. ފަހަރުގައި ގޭގައި ކުރަނީ ކަމަށްވެސް ވެދާނެއެވެ.

މި ޒުވާނާއަށް ދިމާވި އާދަޔާ ހިލާފު ވާހަކަ މީސްމީޑިޔާގެ ބައެއް މަންސަތަކުގައި ކިޔައިދީފައި ވެއެވެ. އެއީ އެއްދުވަހެއްގެ އަސުރު ނަމާދު ވަގުތެވެ. އާދައިގެ މަތިން އެ ޒުވާނާގެ އެކުވެރިންނާ ބައްދަލު ކުރަން ކުޑަ ކަޑަގަނޑެއް ޖަހަލަ ތާކަށް ކޮންމެ ދުވަހެއްގެ އެ ގަޑިއަށް ދެއެވެ. ދާ މަގުމަތީ މިސްކިތެއްވެސް ހުރަސްކުރަން ޖެހެއެވެ. ބަންގި ވަގުތެވެ. ނަމާދު ވަގުތެވެ. ނަމަވެސް މިސްކިތާ ދިމާލަށް ބޯވެސް އަނބުރާ ނުލައެވެ. ނަމުގައި މުސްލިމެކެވެ. ހުރީ ރޯދަ އަށެވެ. އެއީ މި ރޯދަމަހު ކޮންމެ ދުވަހެއްގައި އެ ޒުވާނާގެ އާދައެވެ.

ނަމަވެސް އެކަންކަން ބަދަލުވެ ދިޔައީ އެންމެ ދުވަހަކުންނެވެ. އެ ދުވަހުގެ އަސުރުނަމާދު ވަގުތު މިސްކިތް ހުރަސްކޮށް އެ ޒުވާނާގެ އެކުވެރިންގެ ގާތަށް ދިޔަ މަގުމަތީގައި ދިމާވި ކަމެކެވެ. ހަނި ގޯޅިއެއް އެޅިތަނާ ކުރިމަތީގައި އޮތް ބުޅަލެއް ތެޅިފޮޅެން ފެށިއެވެ. އަދި އެ ޒުވާނާ އާއި ދިމާލަށް ބާރަށް ގޮވަމުން ހޭރެމުން ދިޔައެވެ. އެ ޒުވާނާ އެ ބުޅާ ފައްސަން އުޅުނަސް އެ ބުޅާ ދުރަކަށް ނުދިޔަައެެވެ. އަންނަނީ ގަޔާ ދިމާލަށެވެ. މިއީ ބުޅަލުގެ އާދައެއް ނޫނެވެ. އެ ޒުވާނާ އަކީ ގޭގައި އޮޅުކޮށްގެން ބުޅާ ގެންގުޅޭ ވެސް ޒުވާނެކެވެ.

އެ ބުޅާ އެ ޒުވާނާ ދުލެއް ނުކޮށްލިއެވެ. ބާރަށް ގޮވަމުން އެ ޒުވާނާ އާއި ދިމާލަށް އާދެއެވެ. އެ ގޯޅިން އެހެން މީހުންވެސް ހިނގައެވެ. ނަމަވެސް އެ ބުޅާ އެ ޒުވާނާ ނޫން މީހަކަށް "މައްލަވަކޮށެއް" ނުހަދައެވެ. ކުއްލިއަކަށް އެ ޒުވާނާ އާއި ދިމާލަށް އެބުޅާ ދުއްވައިގަތެވެ. އެ ޒުވާނާއަށްވެސް ބިރުން ދުއްވައިގަނެވުނެވެ. ބޭއިހްތިޔާރުގައި އެ ޒުވާނާއަށް ދުއްވައި ގަނެވުނީ މިސްކިތް ހުރި މަގާއި ދިމާލަށެވެ. އެ ޒުވާނާއަށް ވަދެވުނީވެސް މިސްކިތުގެ ގެވަޅު ތެރެއަށެވެ. އެ ހިސާބުން ފަހަތުން އެ އައި ބުޅާ އެ ޒުވާނާއަށް ގެއްލިއްޖެއެވެ. ފެންނާކަށްވެސް ނެތެވެ.

ބިރުން ހުރި އެ ޒުވާނާ އެ ދުވަހުގެ އަސުރުނަމާދު މިސްކިތުގައި ކުރިއެވެ. އެ ޒުވާނާ ފަހުން ބުނެފައިވަނީ އޭގެ ފަހުން ކޮންމެ ނަމާދަކަށް މިސްކިތަށް އެރޭ ކަމަށެވެ. އެ ބުޅަލުގެ ހާދިސާއަކީ އެ ޒުވާނާ އަށް ތެދުމަގު ލިބުނު ހާދިސާއެއް ކަމަށް އެ ޒުވާނާ ބުނެއެވެ. ނަމަވެސް ފަހުން އެ ބުޅާ ގެއްލުނު ގެއްލުމުން އެއީ ހަގީގަތުގައި ވެސް ބުޅަލެއްތޯ ނުވަތަ ނޫންތޯ ބުނެދޭކަށް އެޒުވާނާއަކަށް ނޭނގެއެވެ. ނަމަވެސް އެއީ އެ ޒުވާނާގެ ހަޔާތް ބަދަލުކޮށްދިން ހާދިސާއެކެވެ.