އިންސާނާ އުޅެމުން މިދާ ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އެތަނުގައި ވަފާތެރިންނާއި ކެހިވެރިން އެހާމެ ގިނަ ތަނެކެވެ. ހިތާމައަކީ ވަފާތެރިންނާއި ކެހިވެރިން ކުރިން ނޭނގޭކަމެވެ. ކޮންމެ މީހެއްވެސް، އެމީހެއްގެ އަސްލު ސޫރަ ފެންނަނީ އެމީހަކު އެ ކުރާ ކަމެއް ކޮށް ނިންމާލުމުންނެވެ. ވަފާތެރިވާ މީހާ ވަފާތެރި ވީކަން އެނގެނީ އޭނާ ކުރާ ކަމެއް ކޮށް ނިންމާލުމުންނެވެ. ކެހިވެރިއާ ދިނީ ކެއްސެއްކަން އެނގެނީވެސް އެ ކެއްސެއް ދީ ނިމުނީމައެވެ. ނުވަތަ އޭނާ ކުރާ ކަމެއް ކޮށް ނިމުނީމައެވެ. މިއީ މި ކެހިވެރި ދުނިޔޭގެ އާދައެވެ.

އެއްވެސް މީހެއްގެ ގޮތެއް މިއަދަކު ނޭނގެއެވެ. ދިވެހި ޅެންވެރިއަކު ބުނެފައި ވެއެވެ. "އެންމެ ކައިރީގައި ހީފާ އުޅޭ ރައްޓެހިން، ވާނޭ ފަހުން ބޭވަފާ......" މިއީ ދުނިޔޭގެ ކެހިވެރިކަން ވަރަށް ސާފުކޮށް އަންގައިދޭ ޝާއިރީ އިބާރާތެކެވެ. ޅެންވެރިޔާ މިހެން ބުނެފައި ވަނީ ކަމެއް ނުވެއެއް ނޫނެވެ. މިއަދު މިފަދަ ކިތަންމެ ކަމެއް ލޯ މަތިން ފެނިގެން އެބަ ދެއެވެ. ހާއްސަކޮށް އެކުވެރިން އެކުވެ ފަށާ ވިޔަފާރިތަކުގައި މިކަމުގެ އަސަރު ވަރަށްވެސް ބޮޑަށް ފެންނަން އެބަ ހުރެއެވެ. ކާމިޔާބު ކަމާއި އެކީ ކާމިޔާބު މަންޒިލަކަށް ދަތުރުކުރަމުން ދިޔަ އެތައް ވިޔަފާރިއެއް ރޫޅި ބަނގުރޫޓުވެފައިވަނީ މިދެންނެވި ސަބަބާއި ހެދިއެވެ. ވަފާތެރިއަކީ ކާކުކަމެއް ކެހިވެރިއަކީ ކާކުކަމެއް ނޭނގޭތީއެވެ. އެންމެ ކައިރީގައި އުޅޭ، އެންމެ އިތުބާރު ކުރެވޭ މީހާ ވެސް ބޭވަފާތެރި ވާތީއެވެ.

ރައްޓެހިންނާއި އެކުވެރިންގެ ވާހަކައަކުން ފަރުޖައްސާލެވޭކަށް ނެތެވެ. އެއްބަނޑު މީހުންނާއި މައިންނާއި ބަފައިންނާއި އާއިލާ މީހުންގެ ތެރޭގައިވެސް މިކަން އޮތީ މިހެންނެވެ. އާއިލާއެއް އެކުވެ ފަށާ ވިޔަފާރިތަކާއި ކުރާ މަސައްކަތްތަކުގައި ކެހިވެރިން ކެހި ދީފައި ހުންނަނީ މަދެއްކޮށެއް ނޫނެވެ. އާއިލާ މިހުންނަށެވެ. އާދޭހެވެ! ހަމައެކަނި ވިޔަފާރިތަކުގެ ވާހަކަވެސް ދެއްކޭކަށް ނެތެވެ. އާއިލާ ތަކުގައި އޮންނަ އާއިލީ ގުޅުންތަކުގައި ކެހިދޭ މީހުން މަދެއް ނޫނެވެ. އާއިލާ ތަކުގެ ތެރޭގައި ނުހަމަ ގުޅުންތައް ހިންގާ މީހުންނާއި އިތުބާރު ކުރެވޭ މަގާމުތަކުގައި ހުރެ އާއިލާގެ މައުސޫމު ތުއްތު ތުއްތު ކުދިންނަށް އަނިޔާވެރިވާ މީހުން ގިނައެވެ. ގެވެށި އަނިޔާތަކާއި ޖިންސީ އަނިޔާވެސް ކުރަނީއެވެ. އާދޭހެވެ! ދުނިޔެ މިއީ ކެހިވެރިން ގިނަ ތަނެކެވެ.

އޮޅުވާލާ މަކަރުހަދާ މީހުން އަހަރެމެންގެ ތެރޭގާ ހާދަހާވާ ގިނައެވެ. އޮޅުވާލާ މަކަރުހަދައިގެން ފައިސާ ހޯދަން ކިތަންމެ ބަޔަކަށް ގުޅައެވެ. މަކަރުވެރިންގެ ހީލަތްތެރި މަޅީގައި އެތައް ބަޔަކު ޖައްސާ އެބައިމީހުންގެ މުދާތަށް ނުހަންގުން ފޭރިގަނެފައި ވަނީ މަދެއްކޮށެއް ނޫނެވެ.

ކަންކަން މިހެން ހުރުމާއި އެކު މީހުނަށް އިތުބާރުކުރުން މިއަދު މި ވަނީ އުނދަގޫ ކަމަކަށެވެ. އެކުވެރިން އެކުވެ ފަށާ ވިޔަފާރިތައް ރޫޅިދަނީ ކޮންމެވެސް މީހަކު ކެހިވެރިވެގެންނެވެ. ނަމަވެސް އެ ވިޔަފާރި ކުރިއަށް ދާއިރު އެއިން އެކަކަށްވެސް މީހަކު ކެއްސެއް ދޭން އުޅޭ ކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. އާއިލާ މީހަކު ގޯނާއެއް ގެއްލުމެއް، އަނިޔާއެއް ހާނިކައެއް ދޭން އުޅޭ ކަމުގެ ކުޑަ ނަމަވެސް އިހުސާސެއް ނުކުރެވޭނެއެވެ. މަކަރާއި ހީލަތުން ދައްކާ މޮޅު ވާހަކަތަކުގައި އޮޅުވާލުމުގެ ކުޑަނަމަވެސް އަސަރެއް ނުހުންނާނެއެވެ. ހުރިހާކަމެއް ހާމަވަނީ އެ ކެހިވެރިން ކެހި ދީ ނިމުނީމައެވެ. ކަން ކޮށް ނިންމާލުމުންނެވެ. އާދޭހެވެ! ދުނިޔެއަކީ ކެހިވެރިން ގިނަ ތަނެކެވެ. އަދި ކެހިވެރިންނަކީ ކެހިދިނުމަށް ފަރިތަ ހީލަތްތެރި ބައެކެވެ.