އިންސާނާގެ ހަޔާތަށް އެތައް ބަދަލުތަކެއް އާދެއެވެ. އިންސާނާ އެންމެ ތުއްތު އިރުގައި ޖެއްސި ވައްތަރުތަކަކީ ބޮޑުވެގެން އޭނާ ޖައްސާނޭ ވައްތަރު ތަކެއް ނޫނެވެ. ޅަދުވަސްވަރުގައި އެކު އުޅުނު އެކުވެރިންނާއި ރައްޓެހީންނަކީ އަބަދު އެކުގައި ތިބޭނޭ ބައެއް ނޫނެވެ. ނަމަވެސް އެ އިންސާނާގެ މިޒާޖާއި އެ އިންސާނާގެ ޠަބީއަތަކީ ބަދަލުވުން ވަރަށް ނާދިރު އެއްޗެކެވެ. އާދޭހެވެ! ކަން އޮތީ އެހެން ކަމުގައި ވީނަމަވެސް، އެ ޠަބީއަތަށްވެސް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އިންސާނާ ހާސިލް ކުރަންބޭނުންވާ ކަންތައްތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އެތައް ގުރުބާނީއެއް ވާން ޖެހެއެވެ. ނަމަވެސް އެ ގުރުބާނީގެ ތެރޭގައި އެ އިންސާނާގެ މިޒާޖާއި ޠަބީއަތް ބަދަލު ކުރުން އެއީ އެންމެ އެދެވޭނެ ގޮތް ކަމުގައި ވެދާނެތޯއެވެ؟ ފަހަރުގައި ބައެއްމީހުން އެކަން އެގޮތަށް ދެކެފާނެއެވެ. އެހެންނަމަވެސް އެމެރިކާގެ ނަފްސާނީ ދިރާއަކުން (2017)، ދައްކާގޮތުގައި ކަމެއް ހާސިލްކުރުމަށް އެ އިންސާނާގެ މިޒާޖާއި ޠަބީއަތް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން އެމީހާގެ އަސްލު އޮޅި ގެއްލޭތީއެވެ. އެމީހާގެ ހަގީގަތް ވަންހަނާވާތީއެވެ.

އެފަދައިން މީހާގެ މިޒާޖު ބަދަލުކުރިކަމުގައި ވީނަމަވެސް އަސްލަކީ އޭނާގެ މިޒާޖަށް ބަދަލެއް ނާންނާނެ ކަމުގައި ދިރާސާވެރިން ދެކިލައްވައެވެ. އެހެނީ އޭނާ، އެ ބޭނުންވާ މިޒާޖު، އޭނާގެ އަސްލު މިޒާޖުގެ މަތިން ފަރުދާއެއްގެ ގޮތުގައި ދައްކުވާތީއެވެ. މިސާލަކަށް ރުޅިގަދަ މީހަކު، އޭނާ އަކީ ރުޅި މަޑު މީހެއްކަމުގައި ވާން އެދުނަސް، އަދި ރުޅި މަޑު މީހެއްގެ ގޮތުގައި އެހެން މީހުނަށް ދެއްކިގެން އުޅުނަސް ހަގީގަތަކީ އެއީ ހަމަ ރުޅިގަދަ މީހެއް ކަމެވެ. ސައިކޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި އެފަދަ މީހުން އެ ވަމުންދަނީ ހަގީގަތުގައި ވަރަށް ބޮޑު ގުރުބާނީއެކެވެ. އެ ރުޅީގެ މައްޗަށް އޭނާގެ ނަފްސު ގަދަ ކުރާ ކުރުމެވެ. ހަގީގަތަކީ އެއީއެވެ. ނަފްސުގެ މިޒާޖާއި ޠަބީއަތުގެ މައްޗަށް ނަފްސުގެ އެހެން އެދުމެއް ގަދަކުރާ ކުރުމެވެ.

މި ލިޔުމުގައު މިކަން މިހެން ބަޔާންކޮށްފައި އޮތުމުން، އިރެއްގައި ގޯސްކޮށް އުޅުނު މީހަކު އަދު ވަރަށް ރަނގަޅަށް އެބަ އުޅޭއޭ، އެއީ ދެން ކޮން ހަމައަކުން ވާނޭ ކަމެއްތޯ ސުވާލު އުފައްދަފާނެއެވެ. އާދޭހެވެ! އެއްވެސް މީހަކީ އެމީހެއްގެ މިޒާޖުގައި ރަނގަޅު އަދި ނުބައި މީހެއްވެސް ނޫނެވެ. ރަނގަޅާއި ނުބައަކީ މިޒާޖެއް ނޫނެވެ. އެއީ އޭނާގެ އަހުލާގެވެ. އެ އަހުލާގު ކިޔަމަން ކުރުމުގައި އިންސާނާގެ މިޒާޖާއި ޠަބީއަތް މުހިންމު ދައުރެއް އަދާކުރެއެވެ. ނަމަވެސް އެ ޠަބީއަތާއި އެ މިޒާޖުގެ މައްޗަށް އިންސާނާގެ ނަފްސު އިންސާނާ ކިޔަމަންކުރާ ގޮތަކުންނެވެ. އެ ކިޔަމަނުގައި އަބަދުވެސް ގަދަކުރާނީ އެ އިންސާނަކު ހިތުގައި ހިނގާ އެންމެ ގަދަ އެދުމެވެ. 

މިސާލަކަށް ބިރުގަންނަ މީހަކު އޭނާގެ އެ ބިރުގަތުމުގެ މައްޗަށް، އޭނާގެ ނަސްފު ކިޔަމަން ކުރާނީ އޭނާގެ ހިތުގައި ދެން ހުރި އެދުންތަކުގެ ބާރުންނެވެ. އޭނާ ކަމެއް ކުރުމަށް ހިތުގައި އޮތް އެދުމަކީ މާ ބޮޑު އެދުމެއް ނަމަ (ގަންނަ ބިރަށްވުރެ ބޮޑު އެދުމެއް ނަމަ) އެ ބިރުގެ މައްޗަށް އޭނާގެ ނަފްސު ގަދަކުރާނެއެވެ. ނަފްސާނީ ބާރުވެރިކަމަކީ މިޒާޖާއި ޠަބީއަތުގެ މޮޅު ފަރުމާއެކެވެ. އަދި އޭގެ މައްޗަށް އިންސާނާ އޭނާގެ ނަފްސު ކިޔަމަން ކުރާ ގޮތަކީ އަދި މުޅިން ތަފާތު ހުނަރެއް ނުވަތަ އުކުޅެކޭ ބުނެވިދާނެއެވެ. އަދި ކިއެއް ބައެއް ހާލަތްތަކުގައި އެއީ އެހާމެ ބުރަ އަދި ބޮޑު ގުރުބާނީއެކޭވެސް ބުނެވިދާނެއެވެ.

އަބަދުވެސް އިންސާނާ އެދެންވީ ރަނަގޅު މީހެއްގެ ގޮތުގައި ހުރުމަށެވެ. ފަހަރުގައި އެ އިންސާނާގެ މިޒާޖާއި ޠަބީއަތް އެކަމަށް ހުރަސް އަޅާފާނެއެވެ. އެހާލަތުގައި އެ އިންސާނާއަށް އޮތީ ހިތްވަޜާއިއެކު، މުޅިން އާ އަޒުމަކާއި އެކު، ހިތުގައި ރަނގަޅު މީހަކަށް ވުމަށް އޮތް އެދުންވެރިކަން ބޮޑު ކުރުމެވެ. އެހާރުން އޭނާގެ މިޒާޖާއި ޠަބީއަތުގެ މައްޗަށް ރިވެތި އަހުލާގު އަތްގަދަކޮށްފާނެއެވެ. އިސާހިތަކު އޭނާއީ ރަނަގޅު މީހެއް ކަމުގައިވެދެއެވެ. ނަމަވެސް ދަންނާށެވެ! އެއީކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ޝައިޠާނާގެ ވަސްވާހާއި އިބިލީހުގެ މަޅި އަބަދުވެސް އަހަރެމެން ވަށާލާފައި ވެއެވެ. ކުރިމަގު އަނދިރިކޮށް ފަސްބައިގައި އަބަދު އެލިގެން ތިބެއެވެ. އީމާންތެރިކަމާއި އިސްލާމް ކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގައި އަހަރެމެން މުސްލިމުންނަށް ލިބިހުރި ވަރަށްވެސް ބޮޑު ނިޢުމަތެކެވެ.