އިންސާނުންނީ އަބަދުވެސް ކުށް ކުރުން މަތީގައި ތިބެވޭ ބައެކެވެ. ކުރެވޭ ކުށްތަކަށް ތަޢުބާވުމާއި އެ ކުށެއް އެހެން އިންސާނަކަށް ރައްދުވާނަމަ މަޢާފަށް އެދުމަކީ އިންސާނާ ކުރަންޖެހޭ ކަންކަމެވެ. މިމަގުން އެހެން މީހުން ކުރެން މަޢާފަށް އެދުމަކީ އަހަރެމެން ވަރަށް އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ބައެއް މީހުން މަޢާފަށް އެދޭ ގޮތް ރަނގަޅެއް ނޫނެވެ. މަޢާފަށް އެދުމުގެ އަސަރާ ޖަޒުބާތެއް އެ މަޢާފުތަކަކު ނުވެއެވެ.

އެންމެ އާންމުކޮށް މަޢާފަށް އެދޭ އެއްބަޔަކީ ޚިދުމަތްދޭ ތަންތަނުގެ ކޯލް ސެންޓަރުތަކުގަ މަސައްކަތްކުރާ މީހުންނެވެ. ތިޔަ ކޯލް ގުޅައެއް ނުދެވުނޭ، ތިޔަ ގުޅުއްވި ނަންބަރު މިވަގުތު ވަނީ ނިއްވާލާފައޭ ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގައޭ ބުނެ މަޢާފަށް އެދޭ އަޑު ވަރަށް އާންމުކޮށް އަހަމުއެވެ. ކޮންމެވެސް ޚިދުމަތެއް ހޯދުމަށް އެދި ގުޅުމުން އެކަމުގައި ހުރި ކޮންމެވެސް ކަމެއްގެ ސަބަބުން މަޢާފަށް އެދެއެވެ. ޚިދުމަތަކަށް އެދިލައްވާ، އެ ޚިދުމަތެއް ނުލިބި ލަސްވުމުން، އެ ޚިދުމަތަކަށް އެދުނު ތަނަކަށް ގުޅުމުން އެކަމުގައި ކޮންމެވެސް މައްސަލައެއް އުޅޭ ކަމަށާ ލަސްވުމުން ދިމައިވެދާ ދަތިތަކަށް މަޢާފަށް އެދެއެވެ. އަދި ލިބެމުންދާ ޚީދުމަތެއް މެދު ކެނޑުމުން އެކަމުގެ ޚަބަރު ބަލަން ގުޅުމުންވެސް އެ ޚިދުމަތެއް މެދުކެނޑުމުން އެކަމަށް މަޢާފަށް އެދެއެވެ.

އެކުގައި އުޅޭ ބަޔަކު ކަމުގައި ވަނީނަމަ އެމީހުންގެ ތެރޭގައި ޖެހޭ އެކި އެކި މައްސަލަ ތަކުގައި އެކަކު އަނެކަކަށް މަޢާފަށް އެދެއެވެ. ޚާއްސަކޮށް ދެމަފިރިންނެވެ. ނުވަތަ ދެ ލޯބިވެރިންނެވެ. މިފަދައިން އެކަކު އަނެކަކަށް މަޢާފަށް އެދުމަކީވެސް އާންމު ކަމެކެވެ. އާދޭހެވެ! މަޢާފަަށް އެ އެދެނީ އެ ބައެއްގެ މެދުގައި އެ ޖެހުނު މައްސަލައެއް ނުވަތަ އެ ދިމާވި ކަމެއް ހައްލު ކުރުމުގައި އެއްމެ ޞުލްޙަވެރި ގޮތަކީ މަޢާފަށް އެދުން ކަމުގައި ދެކިގެން އަވަހަށް އެ މައްސަލައެއް ހައްލު ކުރުމަށެވެ.

މަޢާފަށް އެދުމުން މަޢާފު ކޮށްފިނަމަ އެ ހިސާބުން ދެން އެކަންތައް ހިތުން ފޮހެލަން ވާނެއެވެ. ހަގީގީ މަޢާފު ކުރުމަކީ އެއީއެވެ. އެހެންނަމަވެސް އަހަރެމެންގެ މުޖުތަމަޢުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. މަޢާފަށް އެދުމާ މަޢާފު ކުރުން ވެފައި ވަނީ ވަގުތީ ތަސައްލީއަކާއި ވަގުތީ ހައްލެއް ލިބޭ ކަމަކަށެވެ. އެކަމުގައި އެ ވަގުތު، ޞުލްޙައެއް ޤާއިމު ވެދާނެއެވެ. ނަމަވެސް ދެން ވާނީ ދުވަސްކޮޅެކެވެ. އަނެއްކާވެސް އެ ދެމީހުންގެ ދެމެދުގައި ޖެހިދާ ކޮންމެވެސް މައްސަލައަކާއި ހުރެ، މީގެ ކުރިން މަޢާފަށް އެދި މަޢާފުކޮށްފައި ހުންނަ ކަންތައް ތަކުގެ ވާހަކަތައް ކިޔަން ފަށައެވެ. އެކަމުގައި ދެމީހުންގެ ރުޅި އަނެއްކާ ގަދަވާން ފަށައެވެ. މިއީ ގިނަ ގުޅުންތައް ރޫޅި ދިއުމުގެވެސް އެއް ސަަބަބެވެ.

މަޢާފު ކުރާނަމަ މަޢާފުކުރަންވީ އޭގެ އަސަރާއި އެކުގައެވެ. ވަގުތީ ތަސައްލީއެއް ހޯދުމަށް، ކޮންމެހެން މަޢާފަށް އެދޭނެކަމެއް ނެތެވެ. މައާފު ކުރުމުގެ އަސަރަކީ އަބަދަށް ދެމިގެން ދާ އަސަރެކެވެ. ހަގީގީ މާނައިގާ މަޢާފު ކުރާ ބަޔަކަށް ވަމާ ހިނގާށެވެ.