ތަދަކީ އެކި މީހުންނަށް އެކި ވަރަށް އިހުސާސް ކުރެވޭ އެއްޗެކެވެ. އެކަން ހުރިހާ އެއްމެންވެސް ދަންނަން ވާނެއެވެ. ނަމަވެސް ދެރައީ ބައެއްމީހުނަށް އެކަން އިހުސާސް ނުކުރެވޭ ކަމެވެ. ތިޔައީ ހާދަ ފިނޑި މީހެކޭ ބުނެ އަނެކާ ދެރަކޮށްލެވޭއިރު، އެ ތަދުގެ އިހުސާސް އެކިމީހުނަށް ކުރެވެނީ އެކި ވަރަށްކަން ދަންނަން ވާނެއެވެ. ހަމަ މިގޮތަށް ބައެއް ތަދުތަކަކީ އެމީހަކު އެއީ ތަދެއްކަމުގައި ދެކޭނަމަ، ތަދަކަށް ވެދާ ތަދުތަކެވެ. 

ކޮންމެވެސް ކަހަލަ އުނދަގުލެއް ނުވަތަ ވާން ކަމެއް ނުވަތަ ބުރަކަމެއް ނުވަގަ ބަރުކަމެއް އިހުސާސް ކުރެވިފައި ހުރުމަކީ އިންސާނުގެ ސިއްހަތުގައި އާދައެކެވެ. ބައެއްފަހަރު މިފަދަ ގޮތަށް ވެފައި ހުންނަ ބައެއް ކަންކަމަކީ އެއީ ބޮޑު ކަމެއްގެ އަލާމާތެއް ކަމަށް ހީކުރެވޭނަމަ އެ ކަންކަމަކީ ނުފިލާ ހުންނަ ތަދެއް ކަމަށް ހީވެދާނެއެވެ. ނުވަތަ އެއީ ވަރަށް ބޮޑު އުނދަގުލެއްކަމަށް ހީވެދާނެއެވެ. އެހެންކަމުން މިފަދަ ބައެއް އުނދަގޫތަކާމެދު މާބޮޑަށް ވިސްނާ ކަންތައް ބޮޑު ނުކުރާށެވެ.

މިސާލަކަށް ބަނޑަށް އުނދަގުލެއް ވެފާ ހުރެދާނެއެވެ. ނަމަވެސް އެކަމާ މެދު މާ ބޮޑަށް ވިސްނާ، ފިކުރުކޮށް ހަދާނަމަ އެ އުނދަގުލުން ކުރާ އިހުސާސް ބޮޑުވާނެއެވެ. އެއާއި އެކު އަނެއްކާ އެކަމާ ދޭތެރޭ ވިސްނޭ ވިސްނުން ބޮޑުވެގެން ދެއެވެ. އަނެއްކާވެސް އެ އުނދަގުލެއްގެ އިހުސާސް ބޮޑުވެގެންދެއެވެ. ހަގީގަތަކީ އެ ވެފާ ހުންނަ އުނދަގުލެއް ބޮޑުވަނީކީ ނޫނެވެ. އެކަން އިހުސާސް ކުރެވޭ މިންވަރު ބޮޑުވަނީއެވެ. މިއީ ނަފްސާނީގޮތުން އެމީހެއްގެ ސިކުނޑީގައި ދައުރުވާ މެސެޖުތަކެއްގެ ބަރޯސާވުމަކުން ހިނގާ ކަމެކެވެ.

އާދަވެ ކޮންމެ ވެސް ކަމެއް ނުވަތަ ދަތެއް އިހުސާސްކުރަން ޖެހުމަކީވެސް ގޯސް ކަމެއް ނޫނެވެ. އިންސާނާގެ ހަށިގަނޑުގެ މަސައްކަތްތައް ފަރުމާވެފައިވާ ގޮތުން އެކަމުގައި އިންސާނާގެ އަމަލުތައް ހުންނަ ގޮތުން، އެ މަސައްކަތްތަކުގެ ނިޒާމަށް އަރާ ކޮންމެވެސް ބުރުލަކުން މިފަދަ ތަދުތައް އިހުސާސް ކުރަން ޖެހިދާނެއެވެ. އެއީ އާންމު އާދައިގެ ކަންކަމެވެ. އެފަދަ ތަދުތައް އާންމުގޮތެއްގައި 24 ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ފިލާ ދެއެވެ. އަދި އެއަށްވުރެ އަވަހަށް ފިލައިގެންދާ ތަދުތަކާއި އެއަށްވުރެ ދިގުލައިގެންދާ ތަދުތައްވެސް ހުރެދާނެއެވެ. 

މިކަންކަމުގައި އިންސާނާގެ ވިސްނުން އަދާކުރަނީ ވަރަށްބޮޑު ދައުރެކެވެ. އާދޭހެވެ! ހަމަ ހަގީގަތުގައި ނުރައްކާތެރި ކަމެއްވެސް ދިމައިވެދާނެއެވެ. ނަމަވެސް މި ދަންނަވާ ވާހަކަ އަކީ ބައެއްކަހަލަ ކުދިކުދި ކަންކަމާމެދު މިސްފިކުރުކޮށް، ފިކުރު ބޮޑުކުރާނަމަ އެފަދަ ކުދިކުދި ކަންކަމަކީވެސް ބޮޑެތި ކަންކަމޭ ހިތަށް އަރާ ބިރު ހީވެ ހާސްވެ ނުތަނަވަސްވާ ގޮތް ދިމައިވެދާނެ ވާހަކައެވެ.