އިންސާނުންގެ ބޭނުންތައް ފުއްދުމުގައި އެކަކު އަނެކަކަށް އަބަދުވެސް އަހަރެމެން ބަރޯސާ ވަމެވެ. އަދި ވާން ވެސް ޖެހެއެވެ. އިންސާނުން ޚަލްޤުކުރައްވާ މި ދުނިޔޭގެ ބިމުގައި ލެެއްވެވީ އެކަކު އަނެކެއްގެ ކިބައިން އެހީތެރިކަމާއި މަދަދު ބޭނުން ވާނޭ ގޮތަށެވެ. އެހެނެއްކަމަކު، މިކަމުގައިވެސް މިނެއް ހައްދެއް އިމެއް އޮންނާނެއެވެ. އެ އިމުން ބޭރުވުމަކީ އެއްވެސް އިންސާނަކަށް އޮތްކަމެއް ނޫނެވެ.
އަހަރެމެންގެ އާންމު ދިރިއުޅުމުގައި އަނެކުންގެ ތަކެތި ބޭނުން ކުރަމުއެވެ. އަނެކުން ބޮޑުއަގު ދީފަ ގަނެފަ ހުންނަ ކިތަންމެ އެއްޗެއް އަހަރުމެން ބޭނުން ކުރަމުއެވެ. ރަށްފުށުގެ ދިރިއުޅުމުގައި މިފަދަ ތަކެތި ބޭނުން ކުރެވެނީ މުޅިންހެން ހިލެއޭ ބުނުން ގޯހަކަށް ނުވާނެއެވެ. އެހެން އިބާރާތަކުން ބުނާނަމަ، އާރިޔާގެ ގޮތުގައެވެ. މިކަމުގައި ސަމާލުކަން ދޭން ޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ.
މީހެއްގެ އެއްޗެއް ބޭނުން ކުރުމުގައި ފުރަތަމައީ އެ މީހެއްގެ ހުއްދަ ހޯދުމެވެ. އެ އެއްޗެއްގެ ވެރިފަރާތުގެ ހުއްދަނެތި އެ އެއްޗެއްގެ ބޭނުން ކުރުމަކީ އެ އެއްޗެއްގެ ވެރިފަރާތުގެ ހައްގަކަށް އަރައިގަތުމެވެ. ނަމަވެސް މިފަދައިން ހުއްދަ ނުނަގާ ބޭނުން ކުރެވޭ ހާލަތްތަކުގައިވެސް، ރަށްފުށުގައި އެކަންކަން އޮންނަނީ މާފްކުރެވިފައެވެ. މާ ބޮޑަށް އަޅާލާ ކަމަކަށް ނުވެއެެވެ. ނަމަވެސް އެ ތަކެތި ބޭނުން ކުރާ ފަރާތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. އަނެކާގެ މުދާ އެގޮތަށް މާ ގިނައިން ހުއްދައަކާއި ނުލާ ތަކުރާރުކޮށް ބޭނުން ކުރުމަކީ އެ އެއްޗެއްގެ ވެރިފަރާތުގެ ހިތް މާ ރުހޭ ކަމަކަށް ނުވާނެއެވެ. ނުރުހުމުގެ ކުޑަ ނަމަވެސް ނަޒަރެއް އުފެދުމަކީ ގުޅުންތައް ހީނަރުވެދާފަދަ ކަމެކެވެ. ވީއިރު، އެ އެއްޗެއްގެ ހުއްދަ ހޯދާލުން އެއީ މިކަމުގައި އޮތް އެންމެ ރަނގަޅު އަދި މިކަން ކުރަންވެސް ޖެހޭ ގޮތެވެ.
އަނެއްކަމަކީ އެފަދައިން ބޭނުން ކުރެވޭ އަނެކާގެ މުދަލަށް ރައްކާތެރި ވުމެވެ. އާންމުކޮށް އެހެން ބޭނުން ކުރެވޭ ތަކެތި ގެއްލިގެން ދެއެވެ. ހަލާކުވެއެވެ. ނުވަތަ ކޮންމެވެސް ކަހަލަ މައްސަލައެއް ޖެހެއެވެ. މިކަމުގައި ފުރަތަމަ ބަލަންވީ އެއިން ކަމެއް މެދުވެރިވިޔަ ނުދީ ވޭތޯއެވެ. ތިމާގެ އަމިއްލަ މުދަލަށްވުރެ އަނެކާގެ މުދަލަށް ސަމާލުކަންދީ ރައްކާތެރިކަން އިސްކުރަން ވާނެއެވެ. އެފަދަ ގެއްލުމެއް ލިބިއްޖެ ނަމަ އޭގެ ބަދަލު، އޭގެ ވެރިފަރާތަކަށް ދޭން ވާނެއެެވެ. ގިނަ ފަހަރަށް މިފަދަ ހާލަތްތަކުގައި އަޅާނުލާ ހުރެވޭތަން ވަރަށް އާއްމުކޮށް ފެނެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.
އަނެކާ ބޮޑުއަގު ދީފައި ގަނެފައި ހުންނަ އަގުބޮޑެތި ތަކެތި މިގޮތަށް ބޭނުން ކުރާ އިރު ސަމާލުކަން ދޭށެވެ. ކޮންމެވެސް ވަރަކަށް ތަސައްރަފު ފުދިފައިވާ ބުއްދިއަކުން ވިސްނާލާށެވެ. އަނެކާގެ ހައްގަކަށް އަރައި ނުގަނެ ވޭތޯ ބަލާށެވެ. ތިމާ އާއި ދޭތެރޭ އަނެކާގެ ހިތުގައި ނަފްރަތެއް ނުވަތަ ރުޅިވެރިކަމެއް އުފެދިދާނޭ އެއްވެސް ކަމެއް ވިޔަ ނުދީ ވޭތޯ ބަލާށެވެ. މިކަމުގައި އެންމެ ބުއްދިވެރި ގޮތީ އަނެކާގެ ތަކެތި ބޭނުން ކުރުމުގެ ކުރިން ހުއްދަ ހޯދުމެވެ. އެހިސާބުން އޭގެ ފަހުގައި ހިނގާ ކަންކަން ނިމިދާނީ އަމާން ކަމާއި އޮމާން ކަމާއި އެކުގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން