އަހަރެމެންގެ ދިރިއުޅުމުގައި ތަފާތު އެކި ކަންކަމާއި ކުރިމަތި ލާން ޖެހޭނެއެވެ. ތަފާތު އެކި ހާލަތްތަކުގައި ތަފާތު އެކި މީހުންގެ ފަރާތުން ދިމައިވާ ތަފާތު ކަންކަމާއެވެ. މިއިން ކޮންމެ ފަހަރަކު އެއިން ކޮންމެވެސް މީހަކާއި ދޭތެރޭ ހިތްނުތަނަވަސްކަމެއް އުފެދެއެވެ. އަދި އެ ނުތަނަވަސްކަމުގައި އެ މީހަކާއި ދޭތެރޭ ނަފްރަތެއްވެސް އުފެދެއެވެ. މިއީ އިންސާނީ ޠަބީއަތެވެ. ނަމަވެސް އެމީހަކާއި އަބަދު ޖެހިގަނެގެން އުޅޭނަމަ އެއީކީ އަދި ދިރިއުޅުމުގައި މިދުނިޔެގާ އުޅެން ޖެހޭނެ ގޮތެއް ނޫނެވެ.

މީސްމީޑިޔާގައްޔާއި ކަންމަތީ ޖޯލިފަތިތަކުގައި އަބަދުވެސް ދެކެވެނީ ކޮންމެވެސް މީހެއްގެ ނުބައި ވާހަކަތަކެވެ. މިއީ އުޅުމެއްގެ ގޮތުން މުޑުދާރު އުޅުމެކެވެ. އާއްމު ގޮތެއްގައި މިކަން މިމަގުން ކުރެވެނީ އަނެކާ އާއި ދޭތެރޭ އުފެދިފައި އޮންނަ ހަސަދަ އަކާއި ރުޅިވެރިކަމަކާއި ނަފްރަތެއްގެ ބޮޑުކަމުންނެވެ. އަސްލަކީ މިގޮތަށް އުފެދޭ ނަފްރަތާއި ހަސަދަވެރިކަމަކީ އެކަމެއްގެ ވަގުތުގައި އުފެދި، ހަމަ އެވަގުތުގައި ނިމިދާން ޖެހޭނޭ ކަންކަމެވެ. އެމީހަކާއި އަބަދު ޖައްސާލައިގެން އުޅޭ އުޅުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.

އަނެއްބައި ހާލަތްތަކުގައި ވަކި މީހަކު ފެނުމުން ނުވަތަ ވަކި މީހަކު އެއްޗެކޭ ބުނުމުން އެމީހަކާއި ދޭތެރޭ ހިތްހަމަ ނުޖެހޭ މީހެއްނަމަ، އެމީހަކަށް ރަށްދު ދެއެވެ. އެމީހަކު އެ ބުނީ ސީދާ ކަނޑައެޅިގެން ކަން އޮތް ގޮތް ކަމުގައި ވީނަމަވެސް، އެމީހަކީ ތިމާ ހިތްހަމަ ޖެހޭ މީހެއް ކަމުގައި ނުވާތީވެ، ނުވަތަ އެމީހަކާއި ދޭތެރޭ އޮންނަ ޒާތީ ކަމަކުން އެމީހަކު ބުނި ބަހެއްގެ މައްޗަށް ބަސްބުނެވޭތަން އެބަ އާދެއެވެ. އަދި ހަގީގަތެއް އަސާސެއް ނެތް ވާހަކަތަކުން ރައްދުދީ، އެމީހަކާއި ޖެހިގަންނަތަން އެބަ ފެނެއެވެ. މިއީ ހިތާމަ ހުރި ކަންކަމެވެ.

ދެންއޮތީ މީސްމީޑިޔާގައި މީހަކު ކުރާ ޕޯސްޓެކެވެ. އިރެއްގައި ވިޔަސް ނުވަތަ އަދުގައިވިޔަސް، ތިމާ ހިތްމަ ނުޖެހޭ މީހަކު، ލިޔެފައި އޮންނަ ތިމާ ހިތްހަމަ ނުޖެހޭ އެއްޗެއްނަމަ އެމީހަކާ އެބަ ޖެހިގަނެއެވެ. މީސްމީޑިޔާގައި ގިނަ ބަޔަކަށް ފެންނަހެން ކޮމެންޓްކޮށް ހަދައެވެ. އެއީ އަދި އެމީހަކު ތިމާ އާއި ބެހިގެނެއްވެސް ނޫނެވެ. ޖުމުލަކޮށް އެމީހަކާއި ދޭތެރޭ ނަފްރަތެއް ތިމާގެ ހިތުގައި އުފެދިފައި އޮތީތީއެވެ. 

ހެޔޮނުވާނެއެވެ! މިހެން މިމަގުން ކަންތައް ނުކުރާށެވެ. މިއީ މިދުނިޔޭގައި އުޅެން ޖެހޭނޭ ގޮތެއް ނޫނެވެ. ތިޔަހެން އަބަދު ޖެހިގަނެގެން ނޫޅޭށެވެ! އަދި އެހެން އުޅެން ހިތަށްވެސް ނާރުވާށެވެ. ބަޔަކު އެހެން އުޅުނަސް ތިމާ އެހެން ނޫޅޭށެވެ. އެއީ ހަޑި ކަމެކެވެ.