ދިވެހިންގެ ދިފިއުޅުމުގައި ފިރިމީހާ ނުވަތަ ބަފައިންނަކީ ވަރަށް އަވަދިނެތި އުޅޭ ބައެކެވެ. އެކި ކަންކަމުގައެވެ. އާމްދަނީ ހޯދޭނެ އެކި އެކި މަގުތަށް ކޮށާ އެ މަގުތަކުގައި ހިނގުމުގައެވެ. މިފަދައިން އާއިލާތަކާއި ދުރުގައި އުޅޭ ބަފައިން ވަރަށްވެސް ގިނައެވެ. މިއީ އެބައިމީހުންނަށް މަޖުބޫރުކުރި ހާލަތަކެވެ. ނަމަވެސް މިއީ އެހާލަތުގައި ތިބި ކޮންމެ މީހަކުމެ، ވަރަށްބޮޑަށް ވިސްނާން ޖެހޭނޭ ކަމެކެވެ.

އާދޭހެވެ! ބައްޕަ އާއީމާ ދަރިން އެވާ އުފަލަކީ ވަރަށް ވަރުގަދަ އުފަލެކެވެ. ދުރުގައި އުޅޭ ބައްޕަ ލޮލަށް ފެންނަނީ މަދު ފަހަރަކު އެވެ. އެއިން ކޮންމެ ފަހަރަކުމެ، އެދަރިން ތިބެނީ އުފަލުން ފޮޅިފައެވެ. ދެފިޔަ ޖަހާ އުދުއްސައިގަންނަން ވެފައެވެ. އާނއެކެވެ! ބައްޕަ އައީމާ އެޔޮށް ވާ އުފަލެކެވެ.

ދަންނާށެވެ! ދަރިންގެ ތަރުބަވީ ހަޔާތުގައި ބައްޕައިންގެ ދައުރަކީ ބޮޑު ދައުރެކެވެ. ފަހަރުގައި އެ ދަރިންގެ މަންމަ އަދާކުރާ ދައުރާ އެއްވަރުގެ ދައުރެއް އަދާކުރެވުކަމުގައި ނުވިނަމަވެސް ދަރިން ތަރުބިއްޔަތު ކުރުމުގައި ބައްޕައިންގެ ދައުރު ވަރަށްވެސް ބޮޑެވެ. ދަރިންނާއި ދުރުގައި ވަޒީފާ އަދާކުރާ ބައްޕައިން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ވާނެއެވެ. ތިމާގެ ފިރިހެންދަރި، ބޮޑުވަމުން ދަނީ މިސްކިތް ލޮލަށް ނުފެނިއެވެ. މިއީ ހަގީގަތެވެ. މިފަދަ ކިތައްމެ ކުދިންނެއް ބޮޑެތިވަމުން އެބަ އާދެއެވެ. އެކުދިން ގޮވައިގެން މިސްކިތަށް ދާނޭ މީހަކު ނެތެވެ. ކޮންމެ ފަހަރަކު މަންމަ އަށް ގޮސް މިސްކިތް ދޮށުގައި އެކުދިން ގަންނަ ގަނޑެއް ބަލާކަށް ނުހުރެވެއެވެ. މިއީ ބަޔަކު މީހުން ގަބޫލު ނުކުރިނަމަވެސް ހަގީގަތެވެ. ހިތި ހަގީގަތެކެވެ.

މިހާލުގައި ބޮޑެތިވަމުން އަންނަ ކުދިން މިސްކިތްތަކާ ބީރައްޓެހި ބައެއްގެ ގޮތުގައި ވާތަން މިއަދު މި ދަނީ ފެންނަމުންނެވެ. މިމަންޒަރު ލޯމައްޗަށް ފެނި ހަގީގަތަކަށް ވަމުންދާތަން ވަރަށް ސާފުކޮށް އެބަ ތަމްސީލުވެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. މިކަންކަމާއި މެދު ވިސްނާ ފިކުރުކުރުމުން އެނގޭ ކަމަކީ މިއީ އެކުދިންގެ ތަރުބަވީ ހަޔާތުގައި ބައްޕައިންގެ ދައުރު ކުޑަވުމުން ދިމައިވާ ކަންކަމެވެ.

އާދޭހެވެ! ބައްޕަ އައީމާ އެކުދިން އެވާ އުފަލުގެ ސިއްރަކީ ކޮބާބާވައެވެ؟ އެކުދިން އެވާ ފޮނި ކަމުގެ އަސަރަކީ ކޮބާތޯއެވެ؟ އާދޭހެވެ! ފަހަރުގައި އެއީ އެކުދިންގެ ތަރުބަވީ ހަޔާތަށް ބަހާރު މޫސުމެއް އައުމުގެ އިހުސާސާއި އެކު ކުރެވޭ އުފާވެރިކަމުގެ އިހުސާސަކަށް ވެދާނެއެވެ. އެ ކުއްޖާ އަކީ އަންހެން ކުއްޖެއް ނަމަވެސް އަދި ފިރިހެން ކުއްޖެއް ނަމަވެސް އެކުއްޖާގެ ބައްޕަ ދުރުގައި ހުރެފައި އެކުދިންނާއި ބައްދަލު ކުރުމުން އުފާވެރިކަމުގެ ނެވާ އެކުދިން ލަނީ އެ ބައްޕަގެ ގައިގާ ތަތްލަވާފައިވާ ހާލުގައެވެ. ބައްޕަ އައުމުން، ބައްޕަގެ އަތުން ނޫނީ ކާއެތިކޮޅެއް އެކުދިން ނުކައެވެ. ފެންވާރަކަށް ނުދެއެވެ. މި އީ ބައްޕަ އައުމުން އެކުދިން ވާ އުފަލުގެ ފޮނި މީރުކަމެވެ.

މިކަން މިހެން އޮތްއިރު އެކުދިންގެ ތަރުބަވީ ހަޔާތުގައި ބައްޕައިންގެ ޒިންމާ އަކީ ބޮޑު ޒިންމާއެކެވެ. ކޮންމެ ތަނެއްގާ ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެ ޒިންމާ އަކުން އެއްވެސް ބައްޕައަކަށް ބަރީއައެއް ނުވެވޭނެއެވެ. އެކުދިންނަށް އަދި ހަރަދު ދީ އެކުދިންގެ ބޭނުންތަކަށް ފައިސާ ދިނުމަކުން އަދި ބައްޕައެއްގެ ޒިންމާ އަދާކުރެވުނީކީއެއް ނޫނެވެ. އެއަށްވުރެ ބައްޕައެއްގެ ޒިންމާ މާ ބޮޑެވެ.