އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި އަބަދުވެސް ޝަކުވާ ކުރެވުމަކީ އާދައެކެވެ. މި ޝަކުވާތަކުގައި ގިނަފަހަރަށް ޒިކުރު ކުރެވެނީ އަނެކުންގެ ގޯސް ވާހަކަ ތަކާއި އަނެކާގެ އަނދިރި ފަރާތުގެ ވާހަކަ ތަކެވެ. މީހަކަށް ތައުރީފުކޮށް އެ މީހެއްގެ މޮޅުކަމުގެ ވާހަކަ ދެއްކެނީ މަދުފަހަރަކުއެވެ. އަބަދާއި އަބަދުމެ ކުރެވޭހާވެސް ކަމަކީ އަނެކުންގެ ކުށް ހޯދާ އެ ކުށުގެ ވާހަކަ ދެއްކުމެވެ. މިއީ އުޅުމެއްގެ ގޮތުން ރީތި އުޅުމެއް ނޫނެވެ.

އާދޭހެވެ! އަބަދާއި އަބަދު އެހެން މީހުންގެ ގޯސް ވާހަކަތައް ދައްކަން ނުހަދާށެވެ! އެއީ އެމީހަކު ހުރި ތަނެއްގައި ވިޔަސް އަދި ނެތް ތަނެއްގައި ވިޔަސް މެއެވެ. ނެތް ތަނެއްގައި އެފަދަ ވާހަކައެއް ދެއްކުން ވެގެންދާނީ ޣީބަ ބުނުމުގެ ތެރޭގައިކަން ކަށަވަރެވެ. އަދި އެ މީހެއްގެ ކުރިމަތީގައި ވިޔަސް އޭނާގެ ގޯސް ވާހަކަތަކަކީ އަބަދު ޒިކުރު ކުރަންޖެހޭނޭ ވާހަކަ ތަކެއް ނޫނެވެ.

ހަނދާން ކުރާށެވެ! ތިމާ އަބަދު އެހެން މީހުންގެ ގޯސް ވާހަކަ ދައްކާ އުޅޭނަމަ ދެން ވާނެ ގޮތެއް އެނގޭ ހެއްޔެވެ؟ އާނއެކެވެ! ތިމާ އަކީވެސް އަނެކާ ފަދަ އިންސާނެކެވެ. ތިމާގެ ވެސް ކުށްތަކާއި ގޯސް އެތައް ކަމެއް ހުންނާނެއެވެ. ތިމާއީ އަބަދު އެހެން މީހުންގެ ގޯސް ވާހަކަތައް ދައްކާ މީހެއްނަމަ، އެހެން މީހުން ތިމާގެ ގޯސް ވާހަކަވެސް ހަމަ އެގޮތަށް، އަދި ކިއެއް، އެއަށްވުރެ ގިނައިން ދައްކާނެއެވެ. ތިމާ އާއި ދޭތެރޭ އެކަންކަން އެމަގުން ހިނގަން ތިމާ ރުހޭނަން ހެއްޔެވެ؟ ނޫނެކެވެ. ތިމާގެ ގޯސް ވާހަކަތައް އެހެން މީހަކު ދައްކާކަށް ތިމާއަކަށް ނުރުހެވޭނެއެވެ.

ކަން އޮތީ މިހެންނެވެ! ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެހެން މީހުންގެ ގޯސް ވާހަކަ ދެއްކުމުގެ ހައްގު އޮންނަނީ ހަމައެކަނި އެމީހުންގެ އަތުގައެވެ. އެއީ ބޮޑު ގޯހެކެވެ. ކިތައްމެ ބޮޑު މަގާމެއްގައި ހުއްޓަސް ކިތައްމެ އާރާ ބާރު އޮތަސް، އަދި ކިތައްމެ ތަނަވަސްކަމެއް ލިބި އޮތަސް، ތިމާ އެހެން މީހުންގެ ގޯސް ވާހަކަ ދައްކާނަމަ، އެންމެ ނިކަމެތި މީހާވެސް، ތިމާގެ ގޯސް ވާހަކަ ދައްކާނޭކަން ހަނދާން ކުރަން ވާނެއެވެ. ދުނިޔޭގައި އިންސާނާ މިނެކިރާނީ އެމީހަކު މިނުނު ނާޅިއަކުންނެވެ. 

އެހެންކަމުން އެހެންމީހުންގެ ގޯސް ވާހަކަތައް ޒިކުރު ކުރުމުގައި އުމުރު ދުއްވާނުލާށެވެ. އެހެނީ ހަމަ އެވަރަށް ތިމާވެސް ބޭޒާރުވެ ފަޟީޙަތް ވާނެތީއެވެ. އެހެން މީހުންނަށަ ތައުރީފު ކުރުމާއި ހިތްވަރުދިނުން އެއީ އާދައެއް ކަމުގައި ހަދާށެވެ. ކުށް ހޯދާ ބަދުނާމު ކުރުމާއި ދުރުވެގަންނާށެވެ. ސުލްހަވެރި އަމާން މުޖުތަމައެއްގެ ސިއްރަކީވެސް އެއީއެވެ.