ކޮންމެ މީހަކީވެސް ކުރިއެރުމަށް ލޯބިކުރާނެ މީހެކެވެ. ކުރިއަރަން ބޭނުންވާނެ މީހެކެވެ. އެހެންކަމުން އެކަމުގައި އެއްވެސްމީހެއްގެ ނުރުހުމާއި ނަފްރަތު ލިބުމަކީ އެއްގޮތަކަށްވެސް ހެޔޮވާނޭ ކަމެއް ނޫނެވެ. ކަންމިހެން ހުރި ނަމަވެސް އަނެކާއަށް މޮޅެއް ނުވަތަ ކުރިއެރުމެއް ލިބުމަށް ނޭދޭ މީހުން އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. އެކަމުގެ މައްޗަށް ހިތާމަކޮށް ކަރުނައަޅަން ޖެހޭފަދަ ދެރަވަރު ކަންކަމެވެ.
އަބަދު ތިމާއަށް މޮޅު ގޮތް މެދުވެރި ނުވެދާނެއެވެ. އަބަދު ތިމާއަށް ކާމިޔާބު ނުވެދާނެއެވެ. އަބަދު ތިމާއަށް ނޭނގިވެސް ހިނގައިދާނެއެވެ. މިއިން ކޮންމެ ފަހަރަކު، މޮޅުވާ މީހާއަށް ނުވަތަ ކާމިޔާބުވި މީހާއަށް ނުވަތަ އެނގުނު މީހާއަށް ނަފްރަތު ނުކުރާށެވެ. އެމީހަކު ދެކެ ރުޅި ނާންނާށެވެ. އެމީހަކަށް ޒާތީގޮތުން ޖައްސާނުލާށެވެ. އެހެންބަޔަކާ މެދުވެސް ހިތްހަމަ ނުޖެހުން އިސްނުކުރާށެވެ.
ބައެއް މީހުންނީ މިފަދަ ހާލަތްތަކުގައި ރަށުތެރޭގައްޔާއި މީސްމީޑިޔާގައި އަނެކުންގެ އަބުރު ކަތިލާ، އަނެކުންގެ މަސް ކައި، އަނެކުންގެ ބޮލުގައި ބޮޑެތި ބުހުތާނު ދޮގު އިލްޒާމުތައް އަޅުވާ، އަނެކާ ފަޟީހަތްކޮށް އުޅޭ މީހުންނެވެ. ފާޅުގައްޔާއި ސިއްރުގައި މި ހަސަދަވެރިކަމުގެ މޫތައް ފަތުރަނީ ހަމަ އެއްމެ ސަބަބަކާއި ހުރެއެވެ. އެއީ އަނެކާއަށް ހެވެއް ލިބެން ނޭދޭތީއެވެ. އަނެކާއަށް މޮޅެއް ލިބެން ނޭދޭތީއެވެ. އަނެކާއަށް ކާމިޔާބީއެއް އުފާވެރިކަމެއް ހަމަޖެހުމެއް ލިބުމަށް ނޭދޭތީއެވެ. ދަންނާށެވެ! މިއީ އުޅުމެއްގެ ގޮތުން ނަޖިސްކަން ބޮޑު، މުޑުދާރު އުޅުމެކެވެ.
ހައްތަހާވެސް ވާހާގޮތަކީ ހަސަދަވެރިވަނީއެވެ. ބޮޑާކަމާ ކިބުރުވެރިކަމުގައި އިންސާނާ ހަލާކުވެ ދަނީ ހަސަދަވެރިކަމުން ފެންވަރަމުންނެވެ. ދަންނާށެވެ! އަނެކާއަކީވެސް ތިބާ ފަދަ ނުވަތަ ތިބާއަށްވުރެވެސް ދަތި ހާލުގައި އުޅޭ އިންސާނަކަށް ވެދާނެނޫން ހެއްޔެވެ؟ އެއީވެސް ތިބާ ފަދަ އިންސާނެއް ނޫން ހެއްޔެވެ؟ މުސްލިމެއް ނޫންހެއްޔެވެ؟ ދިވެެއްސެއް ނޫން ހެއްޔެވެ؟ ދަންނަ، ގާތް މީހެއް ނޫން ހެއްޔެވެ؟ ނަމަވެސް އިސްކުރަނީ ހަސަދަވެރިކަމެވެ. އަނެކާއަށް މޮޅެއް ވާން ނޭދޭތީ އުފެދޭ ހަސަދަވެރިކަމެވެ. ޖީލުތައް ހަލާކުވެ، ފަނާކުރަނިވި ވިސްނުންތަކައިގެން ފަނާކުރަނިވި ފަލްސަފާތަކާއި އެކު މި ބިން ފަސާދަ ކުރަނީވެސް ހަސަދަވެރިކަމުގެ ނުބައި ސިފައިގެ ސަބަބުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން