ރާއްޖެތެރޭގެ ރަށެއްގައި ކުޑަވަރެއްގެ މަސައްކަތެއް ފެށީމެވެ. ކަމަށް ބޭނުންވާ ބައެއް ކުދިކުދި ސާމާނު ރަށުން ގަތީމެވެ. އަގުތަކަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. އެހެނީ ކަމަކީ އަމިއްލަ ކަމަކަށް ވީމައެވެ. ކޮންމެއަކަސް އެ މަސައްކަތް ފަށާ މަސައްކަތުގެ ތެރޭގައި އެބަ އުޅެވެއެވެ.
ކަންކަން ވަމުން ދިޔަގޮތުން ކޮންމެހެންވެސް މާލެއަށް ދާން ޖެހުނެވެ. މި މަސައްކަތުގެ ކަމަކު ނޫނެވެ. ނަމަވެސް އަމިއްލަ ބޭނުމެއްގައެވެ. އާދޭހެވެ! ކޮންމެއަކަސް މާލެ ދިޔައީމެވެ. ކުރަންދިޔަ ކަމެއް ކޮށް ނިންމާލާފާ ލިބުނު ހުސްވަގުތުގައި މާލޭގެ ފިހާރަތަކަށްވެސް ހިނގާލީމެވެ. ރަށުގައި ކުރަން ފަށާފައި ހުރި މަސައްކަތަށް ބޭނުންވެދާނޭ ސާމާނެއް ހުރިތޯ ބަލާލާ، ގަތުމަށެވެ.
ތަފާތު އެކު ފިހާރަތަކަށް ވަދެވުނެވެ. އެކިފިހާރަތަކުގައި އެކި އަގުތައް ހުއްޓެވެ. ނަމަވެސް ޖުމުލަކޮށް ރަށުކޮޅަށްވުރެ އަގު ހެވެއެވެ. ނަމަވެސް ހައިރާން ކުރުވި ކަންތައްތަކެއްވެސް ފެނުނެވެ. އެއީ މާލޭގައި އެވްރެޖްކޮށް ފަސް ރުފިޔާއަށް ހުރި އެތި ރަށުގައި ވިއްސަށް، ފަންސަވީހަށް ހުރި ކަމެވެ. މާލޭގައި އެވްރެޖްކޮށް ތިރީސް ރުފިޔާއަށް ހުރި އެތި ރަށުގައި ނުވަދިހަ އަށް ސަތޭކައަށް ހުރި ކަމެވެ. މާލޭގެ އެ ފިހާރަތަކުގެ ސޭޓުންކުރެން އަސްލު އަގުތޯ އަހާލީމެވެ. ޖަވާބުގައި އެއީ ރީޓެެއިލް އަގު ކަމަށް ބުންޏެވެ. ހޯލްސޭލްކޮށް ދެންޏާ އަދި ކުޑަވާނެއޭ ބުންޏެވެ.
ހިތަށް އެރިއެވެ. ރަށްރަށުގައި އެހާ އަގުބޮޑުވަނީ ކީއްވެބާއެވެ؟ އަގު ބޮޑު ތަނަކުން އެމީހުންނަށް ގަނެވެނީ ބާވައެވެ. ނުވަތަ މާލޭ، ކޮޅުން ގަނެގެން ރަށުކޮޅަށް ގެންދެވޭއިރު، ހިނގާ ހަރަދު އެއްކުރުމުން އެހާވަރަށް އަގު އުފުލެނީ ބާވައެވެ. ނުވަތަ ފައިދާ ލުމުގައި ބޮޑު ފައިދާ ލަނީ ބާވައެވެ. ކަން ވަނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.
އާދޭހެވެ! ވިޔަފާރީގައި ފައިދާ ލުމަކީ ވިޔަފާރިވެރިޔާގެ އިހްތިޔާރުގައިވާ ކަމެކެވެ. އެ ވިޔަފާރިވެރިޔަކު އެ އެއްޗެއް ވިއްކަން ބޭނުން އަގެއްގައި ވިއްކިދާނެއެވެ. ވިއްކާ މީހާއާއި ގަންނަ މީހާ އެ އަގަަށް ރުހި، އެ މުދަލެއް ގަންނަ ނަމަ، އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.
ތަކެތީގެ އަގު އުފުލުމުގައި ދުނިޔޭގެ ބާޒާރުތަކުގައި މުދަލުގެ އަގަށް އަންނަ ބަދަލުތަކަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ގައުމެއްގެ ދައުލަތުން ނަގާ ޓެކްސް ފަދަ ތަކެތި ބޮޑުވުމަކީވެސް އަގު އުފުލިދާ ކަމެކެވެ. ނަމަވެސް ހައިރާން ކުރުވީ ހަމަ އެކައްޗެއް، މާލޭގައި އެހާ އަގުހެޔޮކޮށް ހުރެފައި، ރާއްޖެތެރޭ ރަށެއްގައި އެހާ އަގުބޮޑުކޮށް ހަމަ އެ އެތި ހުރީމައެވެ. މިއީވެސް ހަމަ ދުނިޔެއެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލެއްވިއްޔާ ރާއްޖެތެރޭގެ އެރަށަކަށް އެކަނި އެބަދެއް އަންނަންވީ ކީއްވެތޯއެވެ؟ އަދި ކިއެއް މިއީ ދިވެހި ރާއްޖެއެވެ. ޓެކްސް އެއް ނަގާނަމަ، އޭގައިވެސް މާލޭ ވިޔަފާރިތައް ބާކީވާ އުސޫލެއް އޮންނަކަމަކަށް އެނގިފައެއް ނުވެއެވެ. އެ ވިޔަފާރިތަކުންވެސް ޓެކްސް ނަގާނެތާއެވެ. ރާއްޖެތެރެ ރަށްރަށަށް މުދާ ގެންނަނީ މާލޭ ފިހާރަތަކުން ރީޓެއިލްކޮށް ގަނެގެންނެއް ނޫނެވެ. ގަންނަނީ ހޯލްސޭލުކޮށެވެ. ގަނޑުކޮށެވެ. އެއްބަޔަކު މާލޭގެ އަގުތައް ބޮޑުކަމުން ސީދާ ރާއްޖެއިން ބޭރުންވެސް މުދާ އެތެރެކޮށްގެން ވިއްކައެވެ. ރީޓެއިލް އަގަށްވުރެ، ހޯލްސޭލް އަގު ހެޔޮ ވާއިރު، ރާއްޖެއަށްވުރެ ބޭރުންގެންނަ މުދަލުގެ އަގު ހެޔޮވާއިރު، މާލޭގައި ހުންނަ މުދަލާއި ރާއްޖެތެރޭ ރަށްރަށުގައި ހުންނަ މުދަލުގެ އަގު މިހާ ބޮޑުވަނީ ކީއްވެހެއްޔެވެ؟ މިއީ ދައުލަތުގެ ގަވާއިދުތަކާއި އުސޫލުތައް ބައްޓަން ކޮށްފައި ހުންނަ ގޮތުން ވާ ކަމެއް ހެއްޔެވެ؟ މިއީ ނިޒާމުގެ މައްސަލައެއް ހެއްޔެވެ؟
ތަކެތީގެ އަގު ބޮޑުވުމުގައި ވިޔަފާރިވެރިންގެ ދައުރު ވަކި ކުޑައެއް ނޫނެވެ. އާދޭހެވެ! އެމީހަކު ބޭނުން ވަރަކަށް ފައިދާ ލާންވީއެވެ. އެކަމުގާ އަނެކާއަކަށް ބަހެއް ނުކިޔޭނެއެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ މުދަލާ ހިދުމަތުގެ އަގު ބޮޑުވުމުގައި ނިޒާމުގެ ކަންކަމަށްވުރެ ބޮޑު ދައުރެއް އަދާ ކުރަނީ ވިޔަފާރިވެރިން އެއަށް އެއްކުރާ ފައިދާ އެވެ. މިއީ ބަޔަކު ގަބޫލު ނުކުރަން އުޅުނެއްކަމަކު ހަގީގަތެވެ. ހުރިހާ ހާލަތެއްގައި މިކަން މިހެން ނުވެދާނެއެވެ. ނަމަވެސް މިއީވެސް ވަރަށްގިނައިން މެދުވެރިވާ ހާލަތެކެވެ. ވިޔަފާރިވެރިން މުދަލަށް އެއްކުރާ ފައިދާ ބޮޑުކަމުން ތަކެތީގެ އަގު އުފުލޭ ކަމީ ހަގީގަތެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން