މީސްމީޑިޔާގައި ތަފާތު ހިޔާލުތަކާއި ތަފާތު ވާހަކަތައް އަބަދުމެ ދައުރުވަމުން ހިނގައެވެ. މިއީވެސް އެފަދަ ވާހަކައެކެވެ. މީގެ ދުވަސްކޮޅެއް ކުރިން މީސްމީޑިޔާއި ދުށް ފަރަންޖީ ލިޔުމެއްގައި އޮތް އިބުރަތްތެރި ވާހަކައެކެވެ. ކެތްތެެރިކަމުގެ ވާހަކަ އާއި އަނެކާހެ ހާލުވެސް ދަތުމުގެ މުހިއްމުކަން ބަޔާންކޮށްދޭ ވާހަކައެކެވެ.

އެ ވާހަކައިގައި ވެއެވެ. އެއްދުވަހަކު ބޮޑު ސިނަމާއެއްގައި ފިލްމެއް އެޅުވުމަށް ތައްޔާރުވިއެވެ. އެތައް ހާސް ބަޔަކު އެ ފިލްމު ބެލުމަށް އެ ސިނަމާތެރެއަށް ވަދެ މުޅި ސިނަމާ ފުރާލިއެވެ. ދައްކާފައި ހުރި އިސްތިހާރުތަކާއި ފެނިފާ ހުރި ޕޯސްޓަރުތަކުން، އަޅުވަން މިއުޅޭ ފިލްމުގެ ފުރިހަމަކަށް ގިނަ މީހުންނަށް އިހުސާސް ކުރެވެއެވެ.

ޮކޮންމެއަކަސް ފިލްމު އަޅުވަން ކަނޑައަޅާފައި އޮތް ވަގުތު ޖެހިއްޖެއެވެ. ކުރިމަތީގައި ހުރި ބޮޑު ސްކްރީނަށް އަލިކަމެއް އަތުވެއްޖެއެވެ. އެ ސްކްރީނަށް މަންޒަރެއް އަރައިފިއެވެ. ފެނުނީ ހުސް ހުދު ސީލިންގެއްގައި ހަރުކޮށްފައި ހުރި ތިން ފިޔަ ލީ ފަންކާއެކެވެ. ނުއެނބުރި ހުރި އެ ފަންކާ އިރުކޮޅެއް ތެރޭ އެނބުރެން ފަށައިފިއެވެ. މަޑު މަޑުން އޭގެ އެނބުރުން ބާރުވާން ފެށިއެވެ. އޭގެ އެއްމެ ބާރު މިނުގައި އެނބުރެން ފަށައިފިއެވެ. އެ ސީލިންގް އާއި ފަންކާ ނޫން އިތުރު އެއްޗެއް އެ ސްކްރީނަކުން ނުފެނެއެވެ. އެ ފަންކާ އެނބުރޭތަން ދައްކާތާ ގާތްގަނޑަކަށް ދެތިން މިނެޓުވީފަހުން، ސިނަމާއަށް ވަދެ ތިބި މީހުން ހަޅޭލަވާ އަޑުގަދަ ކުރަން ފެށިއެވެ. ސިނަމާއަށް އައީ ފިލްމް ބަލަން ކަމަށާއި ވަގުތު ޖެހިގެން ދިޔަ އިރުވެސް ފިލްމު ނާޅުވާތީ އެކަމާ ޝަކުވާކުރަން ފެށިއެވެ. 

އިރުކޮޅެއްނުވެ އެ ސްކްރީނުގައި އަޅުވާފައި ހުރި މަންޒަރު ދައުރުވާން ފެށިއެވެ. މަޑުމަޑުން އެ ސްކްރީނުން ދައްކަަމުން ދިޔަ ފަންކާ އިން ކޮޓަރީގެ ފާރުން ފެށިގެން ތިރިއަށް ދައްކަން ފެށިއެވެ. ދެން ފެނުނީ އެ ކޮޓަރީގެ މެދުގައި ހުރި އެނދެއްގައި އޮތް ފިރިހެން ކުއްޖެކެވެ. ގާތްގަނޑަކަށް އުނުރުން 12 ވަރަކަށަ އަހަރުގެ ކުއްޖެކެވެ. ހަރަކާތް އުނަގަނޑުން މަތީގެ ހަރަކާތް ހުއްޓިފައި އޮތް އެ ކުއްޖާ އެސްފިޔަ ޖަހާލައެވެ. ކުޑަކޮށް ތުންވެސް ތަޅުވާލައެވެ. އެއާއި އެކު ސިނަމާގައި އަޑުގަދަ ކުރި މީހުންގެ އަޑު އެއްކޮށްމެ ކެނޑިއްޖެއެވެ.

ދެން އަނެއްކާ އެ ސްކީރުން ކުރިން ދެއްކި ފަންކާ ދައްކަން ފަށައިފިއެވެ. އަދި ސްކްރީނަށް ލިޔުމެއް އެރިއެވެ. އަދި ސްޕީކަރުތަކުން އެ ލިޔުން ކިޔަން ފެށިއެވެ. "މިއީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްގެ ހަޔާތުގައި އޭނާ ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތަކު ދެކޭ މަންޒަރެވެ. އެކްސިޑެންޓެއްގައި މައިބަދަ އަށް ލިބުނު އަނިޔާއެއްގައި ދެ އަތާއި ކަނދުރާގެ މަސައްކަތް ހުއްޓި ހަރުލާފައި ހުރުމުގެ ސަބަބުން ދާންމަތި ވެފައިވާ ކުއްޖެއްގެ ހަޔާތުގައި އޭނާ އަބަދުމެ ދެކޭ މަންޒަރެވެ. ކަލޭމެންގެ ހަޔާތުގައި ތިޔަ ފެނުނީ އެ ކުއްޖާގެ މުޅި ހަޔާތުގެ ތެރެއިން އެއްމެ 2 މިނެޓެވެ. ކަލޭމެންނަށް ތިޔަ ވީ ކިހިނެއް ހެއްޔެވެ؟ ކެތްތެރިކަން ކޮބާ ހެއްޔެވެ؟ އެއްމެ ދެ މިނެޓަށް އެއް މަންޒަރެއް ބަލަން ޖެހުމުން ކަލޭމެންގެ ކެތްތެރިކަން ފިލާ ދިޔައީއެވެ! ވިސްނާލާށެވެ. އެކުއްޖާގެ މުޅި އުމުރު ހޭދަކުރުން އޮތީ އެ މަންޒަރު ބެލުމުގައެވެ! އަހަރެމެންނަށް ޝަކުވާ ކުރުމުގެ އޮތީ ކޮން ހައްގެއް ހެއްޔެވެ! އަނެކާގެ ބޫޓަށް ނާރާހާ ހިނދަކު، އަނެކާގެ ހާލު އަހަރެމެންނަކަށް ނޭނގޭނެއެވެ!"

ދެން އެ ސްކްރީނަށް އެރީ، އެވަރުގެ ކެތްތެރިކަމެއް އެ ބެލުންތެރިންގެ ކިބައިގާ ނެތުމުން، އެދުވަހު އެ ބެލުންތެރިންނަށް އެ ފިލްމު ނުދައްކާނެ ވާހަކައެވެ!

އާދޭހެވެ! މިއީ ވަރަށް އިބުރަތްތެރި ވާހަކައެވެ. އަހަރެމެން ގިނަފަހަރަށް ޝަކުވާ ކުރަނީ އަސްލުގައި ޝަކުވާކުރަން ޖެހޭ ކަންކަމުގައެއް ނޫނެވެ. ތިމާއަށް އެއީ ފަހަރުގައު އުނި ކަމެއް ނުވަތަ ދެރަ ކަމެއް ކަމުގައި ހީވިޔަސް، އަނެކާއަށް ހަމަ އެކަންތައް އެއީ ބޮޑު ރަހުމަތެއް ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން އަނެކާގެ އިހުސާސްތައްވެސް ދަންނަން ޖެހޭނެއެވެ. މިއީ އުފާވެރި މުޖުތަމައެއް ބިނާކުރުމަށް މުޖުތަމައުގެ އެކި ދަރަޖަ ދަރަޖައިގެ މީހުން ވިސްނާ ފިކުރުކޮށް އަމަލުކުރުން މުހިއްމު ކަމެކެވެ.