ބައެއްމީހުން ކަންކަން ކުރަނީ ކަމެއް ކުރަން ޖެހުމުން ނުކޮށް ނުވާނެތީއެވެ. އަނެއްބަޔަކު ކަންކަން ކުރަނީ ކޮންމެވެސް މީހަކު ބުނެގެންނެވެ. އަދި އަނެއްބަޔަކު ކަންކަން ކުރަނީ ތިމާގެ މޮޅުކަން އެހެން މީހުންނަށް ދެއްކުމަށެވެ. މި މީސްމީހުންނަށް ހަގީގަތުގައި ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭނެއެވެ. ނަމަވެސް އިހްލާސްތެރި ހިތަކާއި އެކު، އިހްލާސްތެރިކަމާއެކު ކުރާ ކަންކަމުގައި، އެކަންކަން ކުރާ ބަޔަކަށް އެ ކުރެވޭ ކަމަކާއި ނުކުރެވޭ ކަމެއް ސާފުކޮށް އިނގޭނެއެވެ. 

އާދޭހެވެ! ކަންމިހެން ހުރިނަމަވެސް ބައެއްމީހުންނީ ކުރެވޭ ނުކުރެވޭ ކަންކަން އެނގިހުރެވެސް ގަސްތުގައި ވިޔާނުދާކޮށް ކަންކުރާ މީހުންނެވެ. އެބައިމީހުން ކަން ކުރަނީ ކޮންމެވެސް މީހަކަށް ޖެއްސުމަށެވެ. ނުވަތަ ކޮންމެވެސް މީހަކާ ދޭތެރޭ އޮންނަ ޒާތީ ހަސަދައެއްގެ ސަބަބުންނެވެ. ނުވަތަ އަނެކާގެ ދިރިއުޅުން ބަރުބާދުކޮށްލާ ހަފުސްކޮށްލުމުގެ ނުބައި ނިޔަތުގައެވެ.

ދުނިޔޭގައި އިންސާނުން ދިރިއުޅޭއިރު، އަދި ކަންކަން ކުރަމުންދާއިރު، އަނެކުންނަށް އެމީހަކު އެކުރާ ކަމެއްގެ ނިޔަތް ސާފު ނުވާނެ ކަމަށް ހީނުކުރާށެވެ! "ތީރުން" ހޯދި ދުމުގައި، ހެޔޮ ނިޔަތުގައި ކުރާ ކަމެއްގެ ނިޔަތް، މަންޒަރު ދެކޭ މީހުންނަށް އެހާ ފުރިހަމައަށް ސާފުނުވެދާނެއެވެ. ނަމަވެސް ގޯސް ނިޔަތެއްގައި މީހަކު ކަމެއް ކުރާނަމަ، އޭނާގެ އުޅުމާއި ގުޅުމާއި އަދި އޭނާގެ ބަސްމަގުން، މަންޒަރު ދެކޭ މީހާއަށް އެކަން ސާފުވެއެވެ. އަދި އެގޮތަށް ސާފުވީ ނަމަވެސް މަންޒަރު ދެކޭ މީހުން، އެކަން ހާމަނުކޮށްވެސް ތިބެއެވެ. އެހެނީ މަސްލަހަތައް ޓަކައެވެ.

ޒަމާން ތަރައްގީވެފައިވާ މި ދުވަސްވަރުގައިވެސް މިފަދަ ނުބައި ނިޔަތުގައި ކަންކަން ކުރާ މީހުން މަދެއް ނޫނެވެ. ވިޔަފާރިވެރިން އަނެއް ވިޔަފާރިއެއް "ފުނޑާލަން" މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެއް އާއިލާއެއް ތެރޭގައިވެސް މިފަދަ މައްސަލަތައް ބޮޑެވެ. ކަންކަން ކުރުމުގައި އަނެކާގެ މަސައްކަތަށް "ކްރެޑިޓް" ނަގަން އަނެކާގެ މަސައްކަތް ދަމައިގަނެ ނުވަތަ ނަކަލުކޮށްގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. 

އާދޭހެވެ! މިހުރިހާ ކަމެއްވެސް ގުޅެނީ ދިވެހި އަދަބީބަހަކާއެވެ. އެއީ "ހިތް އޮންނާނީ ދެލިގަނޑެއްހެއްނެވެ. ކަން އޮންނާނީ ވެލިގަނޑެއްހެއްނެވެ!" މި ބަހަށެވެ. އާނއެކެވެ! ތެދެކެވެ! މިފަދަ އެތައް ބަޔަކު އަހަރެމެން ދެކެމެވެ! އަދި ކިއެއް އެއީ ކޮންކޮން ބައެއްކަންވެސް އެހެންމީހުންނަށް އެނގެއެވެ! ނޭނގޭ ކަމަށް ހީކޮށްގެން އެކަންކަން ތަކުރާރު ކުރުމުގައި އުމުރު ހޭދަ ނުކުރާށެވެ! ލިބޭނެ މޮޅެއް ކުރާނެ ފައިދާއެއް އާހިރުގައި ނޯންނާނެއެވެ!