ރައްޓެހިވެގެން އުޅޭއިރު ނުވަތަ އިނދެގެން އުޅޭއިރުވެސް، ސަމާލުކަން ނުލިބިގެން ބައިވެރިޔާގެ ކައިރީގައި ޝަކުވާ ކުރާނީ ގިނައިން އަންހެން ކުދިންނެވެ. ނަމަވެސް ލޯބިވާކަން އެންމެ ރަނގަޅަށް ދެއްކޭނެ އެއް ގޮތަކީ ވެސް ސަމާލުކަން ދީގެންނެވެ. އެހެންކަމުން، މިފަހަރު މި ކިޔައިދެނީ ބައިވެރިޔާއަށް ސަމާލުކަން ދެވިދާނެ ގޮތްތަކެވެ.

1. ބައިވެރިޔާ ތިބާއާ ވާހަކަ ދައްކާއިރު ފޯނާ ކުޅެން އިނދެގެން ނުވާނެ. މިއީ މިހާރު ވަރަށް އާއްމުވެފައިވާ ކަމެއް. އެކަމަކު އެހެން ހެދުމުން އޭނާއަށް ހީވާނީ އޭނާ ދައްކާ ވާހަކައަށް އެއްވެސް ޝައުގުވެރިކަމެއް ނުހުންނަނީ ކަމަށް.

2. ބައިވެރިޔާ ކުރާ ކަންކަމުގައި ހިތްވަރުދީ، އެއްބާރުލުން ދިނުން. މިސާލަކަށް، ކުޑަ ވިޔަފާރިއެއް ފައްޓައިގެން އޮންލައިން ކޮށް އެއްޗެހި ވިއްކާނަމަ، އޭނާގެ ޕޯސްޓުތައް ޝެއާ ކޮށްދިނުން. ނުވަތަ އޭނާ ކުރިއަށްދާން ބޭނުންވާ އެހެން ދާއިރާއަކުން ދިއުމަށް ހިތްވަރުދިނުން.

3. ވާހަކަ ދައްކާއިރު ކަނުލައި އަޑުއެހުން. މީގެ މާނައަކީ، އަމިއްލަ ހިޔާލުތަކުން ދުރުވެ އޭނާ ދައްކާ ވާހަކައާ ވެގެން އަޑުއެހުން. އަދި އަޑުއަހާކަން ހާމަކުރުމުގެ ގޮތުން އެ ވާހަކައިގައި ބައިވެރިވެ ތިބާގެ ހިޔާލުވެސް ދެވިދާނެ ނޫނީ ސުވާލު ކުރެވިދާނެ.

4. އޭނާގެ ކަންތައްތަކާ ބެހޭގޮތުން އިސްވެ ސުވާލުކުރުން. މިސާލަކަށް ދުވަސް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން، ނުވަތަ އެވަގުތަކު އޭނާގެ އިހުސާސްތައް ހުރިގޮތް އެހިދާނެ. ކޮންމެ ކަމެއް އޭނާ އަމިއްލައަށް އައިސް ކިޔައިދޭން ދެން މަޑުނުކުރާތި.

5. ކިތައްމެ ބުރަކޮށް އުޅެމުން ވެސް ބައިވެރިޔާއަށް ކޮންމެވެސް އެއް ވަގުތެއް ހުސްކުރުން. އޭރުން އޭނާއަކީ ތިބާގެ ދިރިއުޅުމުގައި މުހިއްމު މީހެއްކަން އިހުސާސް ކުރެވޭނެ. އަދި ދެމީހުންގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެ. 

6. މުނާސަބަތަކާ ގުޅުވައިގެން ހަދިޔާއެއް ގަންނައިރު، އެވެނި މިވެނި އެއްޗެއް ނުގަނެ، އޭނާ ގަޔާވާފަދަ އެއްޗެއް ގަންދިނުން. މިގޮތަށް ކަންތައް ކުރެވޭނީ އޭނާ ރަނގަޅަށް ދަސްކޮށްގެން.