ވިޔަފާރި ކުރުމަކީ ވަރަށް ޒާތެއްގެ ކަމެކެވެ. ބިރުވެރި ނުރައްކާތެރި ކަމެއް ވެސް މެއެވެ. އޭގެ ނާޒުކުކަން އިންތިހާއަށް ބޮޑު ކަމެކެވެ. ރިބާގެ ބިރު އިންތިހާއަށް ބޮޑު ކަމެކެވެ. މީހެއްގެ ހައްގަކަށް އަރައިގަނެވިދާނެ ކަމުގެ ބިރު ނިހާޔަތަށް އޮވެއެވެ. ނަހަމަ ގޮތުގައި ފައިސާ ހޯދިދާނެ ކަމުގެ ބިރަކީވެސް ވަކި ކުޑަ ބިރެއް ނޫނެެވެ. މިނެކިރުމުގައި ގޯހެއް ހެދިދާނެ ކަމުގެ ބިރަކީވެސް ހަމަ އެހާމެ ބޮޑު ބިރެކެވެ.

ބިރުވެރި އެތައް ކަމެއް ތަރުތީބުވެފައިވާ ކަމަކަށް ވިޔަފާރި ކުރުން ވެފައި ވީނަމަވެސް، މިއީ ގިނަބަޔަކު ބޫތުކައިފާ ކަމެކެވެ. ބިރުގެ ކަންފުޅެއްވެސް ނެތި ވިޔަފާރީގެ ތެރެއަށް ވަދެ ވިޔަފާރިތައް ކުރަމުން ދަނީ އާހިރަތާއި މެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.

ވިޔަފާރީގައި މަކަރާއި ހީލަތް ހެދުމާ އޮޅުވާލުމަކީ އެއްބައިމީހުން ގަސްތުގާ ކުރާ ކަންކަމެވެ. އަދި އެކަންކަން ފަސް އަޅާ ފޮރުވުމުގެ ގޮތުން ބަދަލުގައި ޒާތެއްގެ ހޭދައެއް ކޮންމެވެސް ވަރަކަށް ކޮށްލައެވެ. އެއްބަޔަކު ގަސްތުގައި ވިޔަފާރީގެ ތެރެއިން އޮޅުވާލުންތައް އޮޅުވާލަނީ، އަރާފައިވާ އޮޅުންތަކެއްގެ ސިފައިގައި ދައްކާ އަނދުން އަޅުވަމުންނެވެ. އެބައިމީހުންނާ ހީވާ ކަހަލައެވެ! މާތް ކަނލާނގެ ކިބަފުޅަށްވެސް އޮޅުވާލެނެއެވެ! އެހެނެއްކަމަކު ހަމަ ހިލާ އެކަމެއް އެހެނަކުން ނުވާނެއެވެ! އެބައިމީހުން ނުކުރިއެއް ކަމަކު، ހިތަށް އެރިނަމަވެސް މާތް ﷲ އެކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ.

އުމުރުން ދުވަސްވީ ބައެއް މީހުންނަށް، ނަހަމަ އަގުގައި މުދާ ވިއްކާ ހަދައެވެ. ކުރާހާވެސް ކަމަކީ އޮޅުވާލުމެވެ. އޮޅުވާލިކަން އެނގިއްޖެނަމަ ބުނާހާވެސް އެއްޗަކީ އޮޅުން އެރީ ކަމަށެވެ. ފަހުން ދިފާއުވާން ދައްކާ ވާހަކައަކީ ވިޔަފާރީގައި ބޭނުންވަރަކަށް ފައިދާ ލެވޭ ވާހަކައެވެ. ރަސޫލާގެ ސީރަތުގައިވާ، ބަކައްޓެއް ވިއްކާލި ހާދިސާގެ ވާހަކައެވެ. ދޮގެއް ނޫނެވެ. އެއީ އިސްލާމީ ތާރީޚުން އެނގޭ ހަގީގަތެކެވެ.

ފައިސާ ލިބިފައިވާ ބިލުތަކަށް ތަކުރާރުކޮށް ފައިސާ ހޯދަން ވެސް އުޅެނީ އޮޅުވާލައިގެންނެވެ. މުދާ ނެގުމަށްފަހު، ބިލު ފޮނުވާލަން ބުނުމުން، ނުނަގާ އެތައް މުދަލެއް ބިލަށް އެއްކޮށް ބިލު ފޮނުވަނީވެސް އޮޅުވާލައިގެން އިތުރު ފައިސާ ހޯދާށެވެ. އެހާބޮޑު ފަރުވާލެއް ނުބަހައްޓާ މީހާ އެ ބިލުތަކަށް ފައިސާ އެބަ ޖަމާކުރެއެވެ. އެހާރުން އޮޅުވާލި ވިޔަފާރިވެރިން ތިބެނީ އުފަލުން ފުރިފައެވެ. ނަމަވެސް އެކަންކަން އެނގި ފަޅާ އަރާ ހިސާބުން އޮޅުވާލި ވިޔަފާރިވެރިޔާ ކޮންމެސް އެހެން މީހެއްގެ ބޮލަށް އެކަންތައް ޖަހާ، އެއީ އެރި އޮޅުމެއް ކަމަށް ބުނެއެވެ. އާދޭހެވެ! އޮޅުން އަރާފާނެތާއެވެ! ތަކުރާރުވެސް ވެދާނެއެވެ! އެހެނެއްކަމަކު އެއީ އާދައެއް ކަމުގައި ވާނަމަ، އެއީ އަރާ އޮޅުންތަކެއް ނޫނެވެ. އެއީ ގަސްތުގައި އޮޅުވާލަން ކުރާ ކަންކަމެވެ. 

ވިޔަފާރި ހަރުގައި ހުންނަ އަގާއި، މުދަލުގައި ޖަހާފައި ހުންނަ އަގާއި ސިސްޓަމުގައި ހުންނަ އަގުގައި ތަފާތުތަކެއް ހުރެއެވެ. މިއީވެސް ގަސްތުގައި ކުރާ ކަންކަމެވެ. އެކަން މީހަކަށް ރެޔަކާލައިފިނަމަ އެއީވެސް އަރާފައި ހުންނަ އޮޅުންތަކެވެ. އަޖައިބަކަށް މިކަމުގައި ވަނީ ދުވަހަކުވެސް ސިސްޓަމުގައި ހެޔޮ އަގެއް ނީންނަ ކަމެވެ. ހަރުގައި ހުންނަ އަގާއި މުދަލުގައި ހުންނަ އަގަށްވުރެ، ލާރިއެއްވެސް ސިސްޓަމުގައި ހުންނަ އަގުން ހެޔޮވެފައި ހުރީތީ ދުވަހަކުވެސް މީހަކަށް ނުފެނެއެވެ. އެހާރުން ދެކޭ މީހުން ދެންވެސް އެއީ އަރާ އޮޅުންތަކެއް ކަމުގައި ދެކިގެން ހުންނަން ވީ ހެއްޔެވެ. ނުވަތަ އެއީ ގަސްތުގައި އޮޅުވާލުން ކަމުގައި ދެކެންވީހެއްޔެވެ؟

އާނއެކެވެ! ވިޔަފާރި ކުރުމަކީ ބުރަ ކަމެކެވެ. ގިނަބަޔަކު ގޮވައިގެން ބުރަ ވިޔަފާރިއެއް ކުރާނަމަ އޮޅުން އަރާފާނެއެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ވިޔަފާރީގެ ޠަބީއަތެކެވެ. އެހެނަސް ޠަބީއަތަކަށް ނުވަނީ އެކަން އާދައަކަށް ވުމެވެ. އެހާރުން އެ ވަނީ އޮޅުވާލުމާ މަކަރުގެ ޠަބީއަތަކަށެވެ. އެއަށް ވިޔަފާރިއެކޭ ނުކިޔާނެއެވެ. 

ެޮއޮޅުވާލައިގެން ވިޔަފާރިކޮށް ނުހައްގު މުއްސަނދިކަން ހޯދައިގަތީ ކިތައް މީހުން ތޯއެވެ. ޤާރޫނުގެ ވާހަކައިން އިބުރަތެއް ލިބުން އެބައިމީހުންނަކަށް ނެތެވެ. ވާނީވެސް އެހެންތާއެވެ. އީމާންތެރިކަމަށް ވުރެ މުދަލަށް އޮންމަ ލޯބި މާ ބޮޑެވެ.