މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުން ނިންމާލަން ޖެހެނީ، ކޮންމެވެސް ނޭދެވޭ ކަންތައްތަކެއްގެ ސަބަބުންނެވެ. އެގޮތުން ލޯބިވެރިޔާ ބޭވަފާތެރިވުން، ދޮގު ހެދުން، ނުވަތަ އެކަކު އަނެކަކަށް މާ ބޮޑަށް ދަސްނުވުން ފަދަ ކަންކަމުގެ ސަބަބުން ގުޅުމެއް ނިންމާލަން ޖެހިދާނެއެވެ.

ނަމަވެސް، ރުޅިވުމަށްފަހު ވެސް، ދެވަނަ ފުރުސަތަކަށް އެދިގެން އަންނަ މީހުން އުޅެއެވެ. އަދި އެ ފުރުސަތު ދިނުމުން، ދެވަނަ ފަހަރަށް ވެސް ކަންތައް ކޮށްލާނީ ކުރިއެކޭ އެއްގޮތަށެވެ. އެހެންވިޔަސް، އޭނާ ދެކެ މާ ބޮޑަށް ލޯބިވާތީ އަނެއްކާވެސް ފުރުސަތެއް ދެވެނީއެވެ. ނަމަވެސް މިއީ ނަފްސާނީ ގޮތުން ތިބާ ބަލިކަށި ކޮށްލާ ކަމެއްކަން އެނގެން ޖެހެއެވެ. 

ވީމާ، ކުރީގެ ލޯބިވެރިޔާ އަލުން މެސެޖުކޮށް ގުޅުން ބާއްވަން އުޅޭނަމަ، އެއަށް ރައްދު ދިނުމުގެ ކުރިން އަމިއްލަ ނަފްސާ މި ސުވާލުތައް ކޮށްލާށެވެ.

1. ކުރީގެ ލޯބިވެރިޔާ ތިބާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަށް ހެއްޔެވެ؟ ނޫންނަމަ، ތިބާގެ ޖަވާބެއް އޭނާއަށް ޙައްޤު ހެއްޔެވެ؟

2. އެއީ އަމިއްލަ ކުށް ޤަބޫލު ކުރެވޭ ވަރުގެ މީހެއް ހެއްޔެވެ؟ ނޫނީ، ރައްޓެހިވެގެން އުޅުންއިރު އޭނާ އަބަދުވެސް ބެލީ ތިބާގެ ބޮލުގައި ކަންކަން އަޅުވަންނަމަ، ދެން ވެސް އޭނާ ކަންތައް ކުރާނީ އެހެންނެވެ.

3. ތިބާ މިހާރު އުޅެނީ މޫވް އޯން ކޮށް އެހެން މީހަކާ ރައްޓެހިވެގެން ނަމަ، ކުރީގެ ލޯބިވެރިޔާގެ މެސެޖުތަކަށް ރައްދު ދިނުމުން، މިހާރުގެ ލޯބިވެރިޔާ އެކަމާ ހިތްހަމަނުޖެހިދާނެ ހެއްޔެވެ؟ މިހާރުގެ ލޯބިވެރިޔާއާ އެކީ ރިއްޗަށް އުޅެން ބޭނުންވާނަމަ، އޭނާ ދެކޭ ގޮތަށް ވެސް އިޙުތިރާމު ކުރަންވާނެއެވެ. 

4. މާފަށް އެދިފައި މެސެޖު ފޮނުވިޔަސް، އެ މެސެޖުގެ ކޮންމެވެސް ހިސާބެއްގައި ތިބާ ކުށްވެރި ކޮށްފައި އެބައޮތް ހެއްޔެވެ؟ އެހެންނަމަ، އޭނާ މާފަށް އެ އެދެނީ ހިތުގެ އަޑިންނެއް ނޫނެވެ. އޭނާގެ ނަޒަރުގައި ކުށްވެރިއަކީ އަދިވެސް ތިބާއެވެ.

5. ކުރިން އޭނާ ކުރި ކުށަކަށް މާފުކޮށް ފުރުސަތެއް ދިނިން ހެއްޔެވެ؟ އެފަހަރު ކަންތައް ވީ ގޮތް ހަނދާން ކޮށްލާށެވެ. އެއީ އަމިއްލަ ކުށް ޤަބޫލުކުރުމާއެކު ވެސް، އެކަންތައްތައް ރަނގަޅުކޮށް، ބަދަލުވުމުގެ ޤާބިލުކަން ލިބިފައި ނުވާ މީހަކަށް ވެދާނެއެވެ. އެފަދަ މީހުންނާއެކީ ހަޔާތެއް ފަށަން ވަރަށް އުނދަގޫ ވާނެއެވެ.

6. ކުރީގެ ގުޅުމުގައި ގޯސް ހެދި މީހަކީ ތިބާނަމަ، އޭނާ އަދިވެސް ތިބާގެ މަތިން ހަނދާންކޮށް މެސެޖު ކުރުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ ބޮޑަށް އެހެން ވަނީ އޭނާ ތިބާދެކެ މާ ބޮޑަށް ލޯބިވާތީއެވެ. އަދި ހަނދާނުން ފުހެލަން އުނދަގޫ ވާތީއެވެ. އެހެންވެއްޖެ ނަމަ، ދެވަނަ ފަހަރަށް ރައްޓެހިވާން އެދި އޭނާ މެސެޖު ކުރުމުން، ތިބާއަށް އޭނާއެކީ މިފަހަރު ރީއްޗަށް އުޅެވޭނެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. 

7. ކުރީގެ ލޯބިވެރިޔާ މެސެޖު ކުރަނީ ފުރައްސާރަކޮށް އެއްޗެހި ކިޔަމުން ކަމަށްވާނަމަ، އެއީ އޭނާގެ ހިތުގައި ތިބާއާމެދު އޮތް ނަފްރަތާއި ހަސަދަވެރިކަން އަދިވެސް ނުފިލާތީއެވެ. އެކަހަލަ މީހުންގެ ނަންބަރު ބްލޮކް ކޮށްލާފައި ކުރިއަށް ދިޔުން ރަނގަޅު ވާނެއެވެ. އެވަރުންވެސް އުނދަގޫ ކުރުން ނުހުއްޓޭނަމަ، ނަންބަރު ބަދަލު ކުރާށެވެ. 

8. ތިބާ ތިހުރީ ހަޔާތުގެ ކޮން ހިސާބެއްގައި ހެއްޔެވެ؟ މިހާރުގެ އަމާޒަކީ ހަޔާތެއް ފައްޓައިގެން ކާމިޔާބު ދިރިއުޅުމެއް ނަމަ، ކުރީގެ ލޯބިވެރިޔާއާ އެކީގައި ތި ބޭނުންވާ ފަދަ މުސްތަޤުބަލެއް ލިބިދާނެ ކަމަށް ހީވޭ ހެއްޔެވެ؟ ޖަވާބަކީ ނޫނެކޭނަމަ، އަނެއްކާ އެ ގުޅުން ފަށައިގެން އަމިއްލަ ހަޔާތުގެ ވަގުތުތައް އަލުން ބޭކާރުކުރުމުގެ ބޭނުމެއް ނެތެވެ