ކޮންމެ މީހެއްގެވެސް އަގެއް ހުންނާނެއެވެ. އެ އަގު އަރުވާ މަތިކޮށް އެއްވަރެއްގައި ހިފެހެއްޓުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަ ޒިންމާއެކެވެ. އެ އަގު ދަށްވެ، ވެއްޓި، ނެތި ދިއުންވެސް ވަނީ އެމީހެއްގެ އުޅުމާއި ގުޅުމާއި ސީދާ ގުޅިފައެވެ. ނަމަވެސް ހަނދާން ކުރަންވީ މުހިއްމު އެއް ކަމަކީ، މި ދުނިޔޭގެ އެކި މާހައުލުތަކާއި ތަންތަނުގައި އިންސާނުން އަގު ކުރުމުގައި ތަފާތު މިންގަނޑުތަކެއް ގެންގުޅޭނެ ކަމެވެ. 

އެއްބައި ތަންތަނުގައި އެއްމެ ބޮޑު އަގަކީ ސަތޭކަ ކަމުގައި ވާއިރު، އަނެއްބައި ތަންތަނުގައި އެއްމެ ބޮޑު އަގަކީ ފަންސާސް ކަމުގައި ވެދާނެއެވެ. މިހެން ދިމައިވަނީ އެ ތަނެއްގެ ހާލަތަށް ރިއާޔަތް ކުރުމުންނެވެ. އެކި ތަންތަނުގެ ހާލަތު ތަފާތު ވާނެއެވެ. އެތަންތަނުގައި އުޅޭ މީހުން ތަފާތުވާނެއެވެ. އެމީހުންގެ އުންމީދުތަކާއި އެމީހުންގެ ދިރިއުޅުމުގެ ފެންވަރާއި އަގުވެސް ތަފާތުވާނެއެވެ.

މިކަން މިމަގުން ހިނގާކަމީ އިންސާނާގެ އަގު ވަޒަން ނުކުރެއޭ ބުނެ، ދުނިޔެމަތިން ފޫހި ނުވާންވީ ސަބަބެވެ. އެހެނީ ތަނެއްގައި ތިމާ އަގު ވަޒަން ނުކުރާކަމަށް ތިމާއަށް ހީވާނަމަ، ތިމާ ވިސްނަންވީ ތިމާއަށް މި ހުރެވުނީ ކޮން ފެންވަރެއްގެ ކޮން ގިންތިއެއްގެ ތަނެއްގައިތޯއެވެ. ތިމާގެ ކިބައިގައިވެސް އަގެއް ވާނެއެވެ. އެ އަގު ވަޒަންކުރާނެފަދަ، ނުވަތަ ކުރެވޭނެފަދަ ތަނެއްގައި ތިމާ ހުންނަނަމަ ހަމަ ޔަގީނުންވެސް ތިމާގެ އަގު ވަޒަންކުރާނެެއެވެ. އަގު ވަޒަން ނުކުރުމުގެ ސަބަބުން ދިމައިވާ މާޔޫސްކަމާއި ހިތްދަތިކަމެއް ދިމައެއް ނުވާނެއެވެ.

އެހެންކަމުން އިންސާނާއަށް އޮތީ އެ އިންސާނާގެ އަގު ވަޒަންކުރާނެ މާހައުލެއް ހޯދުމެވެ. ހަމަ ޔަގީނުންވެސް ކޮންމެ އިންސާނެއްގެވެސް އަގު ވަޒަން ކުރާނެފަދަ މުޖުތަމައެއް މި ދުނިޔޭގައި އޮންނާނެއެވެ. އެފަދަ މުޖުތަމައެއްގެ އަހުލުވެރިއަކަށް ތިބާ ވާށެވެ. ތިބާގެ އަގާ ނުބައްދަލު މުޖުތަމައެއްގައި ތިބާ އުޅެން ވިސްނައިފިނަމަ، ތިބާގެ އަގު ވަޒަންކުރާނޭ މީހަކު ނުހުންނާނެއެވެ. އެހާރުން މާޔޫސްކަމާއި ނުތަނަވަސްކަން ވެރިވެ ހާސްކަމާ ކަންބޮޑުވުމުގެ ތެރެއަށް އިންސާނާ ހިނގައިދާނެއެވެ.

އަނދިރި ހޮހޮޅައެއްގެ ތެރޭގައި އަލިކަމެއް ނުވާ ހިސާބުގައި، ގައުގަނޑަކާއި އަލިމަހެއްވެސް ފެންނާނީ އެއްގޮތަކަށެވެ. އަލިކަމެއް ނުވާ ތަނަކު އަލިމަހެއްކަމަކު، ވިދުމެއް ނުހުންނާނެއެވެ. އެ ހޮހޮޅައަކީ އަދި އެތަނެއްގައި އެ އިން އެއްމެ އަލިމަހެއް ފިޔަވައި އިތުރު ޖަވާހިރެއް ހުރި ތަނެއް ކަމުގައި ނުވިނަމަވެސް އެ އަލިމަހުގެ އަގު، އެ ހޮހޮޅައިގައި ވަޒަންކުރާނޭ މީހަކު ނުހުންނާނެއެވެ. އިންސާނާގެ ދިރިއުޅުމުގެ މިސާލަކީވެސް މިއީއެވެ.

ތިބާގެ ހަޔާތް އަލިކޮށް އުޖާލާކުރާނެ އަލިކަމެއް ހޯދާށެވެ. އަނދިރީގައި ކިތައްމެ އަގުބޮޑުމީހެއް ކަމުގައި ތިބާ ވިޔަސް ތިބާގެ އަގު ވަޒަންކުރާނޭ މީހަކު ނުހުންނާނެއެވެ. އޭގެ މާނަ އަކީ ތިބާ އަކީ އަގެއް ނެތް މީހެއް ކަމުގައި ވުމެއް ނޫނެވެ. އެ އަގު އަދާކުރާނީ އެ އަގު ފެންނަފަދަ އަލިކަމެއް ތިބާގެ މާހައުލުން ފެންނަ ނަމައެވެ. އެފަދަ ފުރުސަތުތައް ހޯދާ، ދިރިއުޅުމައިގެން ކުރިއަށްދަމާ ހިނގާށެވެ!