ޑައިޓު ކުރާ މީހުން އެކަން ކުރާނީ ގަދަ ޢަޒުމަކާއެކު، ވަކި ނަތީޖާއެއް ނެރުމަށެވެ. ކާ ހިތްވާ އެތައް ކެއުމެއް ޤުރުބާން ކޮށްގެން އެކަން ކުރެވޭނީ ވަރަށް ވެސް ކެރިގެންނެވެ. އެކަމަކު، ޑައިޓު ކުރުމުގެ މާނައަކީ، ތިމާ ކާ ހިތްވާ އެއްޗެއް ދޭތެރެއަކުން ނުކެވޭނެ އެކޭ ނޫނެވެ. މިގޮތަށް ކެއުމަށް ކިޔަނީ "ޗީޓު މީލް" ނެގުމެވެ.

ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ހުރަސް އެޅިދާނެ ކަމަށް ބިރުން ޗީޓު މީލް ނަގަން ނުކެރިފައި ބައެއް މީހުން ތިބެއެވެ. އެކަމަކު މިއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. ޗީޓު މީލް ނަގަންޖެހޭ ގޮތަށް ނެގުމުން، އޭގެން ލިބޭ ފައިދާ ވެސް ހުރެއެވެ. އެގޮތުން: 

މެޓަބޮލިޒަމް އަވަސްކޮށްދިނުން:

ކާ އެއްޗެހީގެ ކެލޮރީ އަށް ބަލައިގެން ކާ މީހުން، ގިނަ ދުވަސްތަކެއް ވަންދެން އެގޮތަށް ކެލޮރީ މަދުން ކާ ނަމަ، މެޓަބޮލިޒަމްގެ ދުވެލި މަޑުވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ދޭތެރެއަކުން ކެލޮރީ ގިނައިން ހުރި އެއްޗެއް ކާލުމުން، މެޓަބޮލިޒަމް ގެ ދުވެލި އަވަސް ކޮށްދީ، އެ ދުވެލި ވަކި ވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މެޓަބޮލިޒަމް އަކީ، ހަށިގަނޑަށް އެތެރެވާ ކާ އެއްޗެހި، ހަކަތައަށް ބަދަލުކުރުމަށް ސެލްތަކަށް އަންނަ ކެމިކަލް ރިއެކްޝަނަށް ކިޔާ ނަމެވެ. 

ނަފްސާނީ ގޮތުން ވެސް ރަނގަޅު:

ތިމާ ވަރަށް ބޭނުންވާ އެއްޗެއް ނުލިބި، އަބަދާއި އަބަދު އޭގެ ފަޅުކަން އިޙުސާސް ވުމަކީ މީހާއަށް ނަފްސާނީ ގޮތުން އަސަރު ކުރުވާ ކަމެކެވެ. ހަމަ އެގޮތަށް، ވަރަށް ބޮޑަށް ކާހިތްވާ އެއްޗަކުން އެއްކޮށް މަހުރޫމު ވެގެން ހުރުމަށްވުރެ، ދޭތެރެ ދޭތެރެއިން އެ އެއްޗެއް ކާލުމުން، ނަފްސާނީ ގޮތުން ސިކުނޑި ތާޒާ ކޮށްދީ، ސެރޮޓޮނިން ލެވެލް މަތިކޮށްދެއެވެ. އަދި މިކަމުން މީހާގެ މޫޑަށް އަންނަ ބަދަލު ވެސް ފެނިގެންދާނެއެވެ. 

ޑައިޓުގައި ދެމިހުރުމަށް ހިތްވަރެއް:

ކުރިން ވެސް ބުނި ހެން، ވަރަށް ބޮޑަށް ކާހިތްވާ އެއްޗަކުން އަބަދުގެ އަބަދަށް މަހުރޫމު ވެގެން ހުރުމަކީ އުނދަގޫ ކަމެކެވެ. އެގޮތަށް އަބަދު ހުންނަން ވެއްޖެނަމަ، ވަކި ހިސާބަކުން ޑައިޓު ކުރުމުގެ ހިތްވަރު ގެއްލި، ޑައިޓު ދޫކޮށްލާ މީހުންވެސް މަދެއް ނޫނެވެ. އެހެންކަމުން، ޑައިޓު ކުރަން ވާނީ، އެ މީހަކު ކާ ހިތްވާ އެއްޗެއް ވެސް ކޮންމެވެސް ވަރަކަށް ކައިގެންނެވެ. މިކަން މިގޮތަށް ކުރުމުން، ޑައިޓު މަތީގައި ދެމިހުރުމަށް ހިތްވަރަކަށް ވެގެން ދާނެއެވެ. 

"ކްރޭވިންގްސް" އަންނަ ވަރު މަދު ވާނެ:

އެވެނި އެއްޗެއް ކާ ހިތްވެގެން، އޭގެ މަތިން ހަނދާން ނައްތާ ނުލެވިގެން އުޅުމަށް މި ކިޔަނީ "ކްރޭވިންގްސް" އެވެ. ނުވަތަ އަހަރެމެން ދިވެހިން އާދައިގެ ބަހުން ކިޔާ ނަމަ "ކަވައިގަތުމެވެ". ޑައިޓަށް ބުރޫ ނާރާނެ ހެން ޗީޓު މީލް ނަގާ މީހުން، "ކްރޭވިންގްސް" އާ ހެދި އުނދަގޫ ވެގެން އުޅޭވަރު މަދު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ، ހަފްތާގެ ވަކި ހިސާބަކުން، އެ ކާ ހިތްވާ އެއްޗެއް ކެވޭނެ ކަން ސިކުނޑިއަށް އެނގޭތީއެވެ. އަދި އެ ދުވަސް އަންނަންދެން ޑައިޓުގައި ދެމިހުރުމަށް "މޯޓިވޭޓް" ވާނެއެވެ.

ޗީޓު މީލް ގެ މުޙިއްމުކަމުގެ ވާހަކަ ދައްކާއިރު، އޭގެ އެންމެ މުޙިއްމު ކަމަކީ ވަކި ހަމައަކާއި އުސޫލެއްގެ މަތިން އެކަން ކުރުމެވެ. ދުވާލަކު އެއްފަހަރު ޗީޓު މީލް ނަގަން ވެއްޖެ ނަމަ، ޑައިޓުގެ ބޭނުމެއް ނެތެވެ. އޭގެ ބަދަލުގައި ވަކި ތާވަލެއް ހަދައިގެން އެކަން ކުރުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. މިސާލަކަށް ހަފްތާއަކު އެއް ފަހަރު، ނުވަތަ ދެ ހަފްތާއިން އެއްފަހަރު ޗީޓު މީލް ނެގުމަކީ މައްސަލައެއް ނޫނެވެ. މިގޮތަށް ކާ އިރުވެސް، ބައިވަރު އެއްޗެހި ތަކެއް އެއްފަހަރާ ކެއުމަށް ވުރެ، ކާ ހިތްވާ އެއްޗެހި އެކި ދުވަސް މަތިން ކެއުމަށް ބަހާލައި، ތާވަލުގައި ހިމަނާލެވިދާނެއެވެ.