ޓިކްޓޮކަކީ މީހުންގެ ފޮރުވިފައި ހުންނަ ހުނަރުތައް ދައްކައިގެން މަޝްހޫރުވާން ހަދާފައި އޮތް އެޕަކަށް ވިޔަސް، ދިވެހިންގެ ތެރެއިން އެއްބަޔަކު ޓިކްޓޮކް ބޭނުންކުރަނީ އެންމެ ނޭދެވޭ ގޮތަށެވެ. އެކަކު އަނެކަކަށް އޮންނަ ހަސަދަ ފިލުވައި، ލައިވް ތަކަށް އަރައިގެން ހަޑިހުތުރު ބަހުން ޒުވާބު ކުރުމަގައެވެ.

އެއްބަޔަކު އެކަހަލަ ލައިވްތައް ޓިކްޓޮކްގައި ހިންގާއިރު، ދެން ތިބޭ މީހުން ތިބެނީ ލައިވް އަޅުވާލައިގެން ކުޅި ބަލާށެވެ. ހުސް ވަގުތުގައި މުނިފޫހިފިލުވާލުމުގެ ގޮތުންނެވެ. ނަމަވެސް މިކަމުން ތިމާއަށް ނަފްސާނީ އަސަރުތަކެއް ކުރާކަން އެނގޭ ހެއްޔެވެ؟

އެއް ކަމަކީ، އިންސާނުންނަށް ޕޮޒިޓިވް އިޙުސާސްތައް ކުރެވޭ މިންވަރަށް ވުރެ ދެގުނަ ބޮޑަށް ނެގަޓިވް އިޙުސާސް ކުރެވޭ ކަމަށް ދިރާސާތަކުން ދައްކައެވެ. މިސާލަކަށް، ތިމާއަށް ތަނަކުން 100 ރުފިޔާ ފެނިގެން ވާ އުފަލެއް ވުރެ ބޮޑަށް، ތިމާގެ އަތުގައި އޮތް 100 ރުފިޔާ ގެއްލުމުން ވާ ދެރަ ބޮޑެވެ. ހަމަ އެގޮތަށް، އެހެން ބަޔަކު ހިންގާ ހަމަނުޖެހުންތަކުން މުނިފޫހިފިލާހެން ހީވިޔަސް، ސިކުނޑިއަށް އޭގެން ކުރާ ނޭދެވޭ އަސަރު މާ ބޮޑެވެ. 

ގަވައިދުން ޒުވާބުކުރާ ލައިވްތައް ބަލާ މީހުންނަށް މިކަން ފާހަގަ ވެދާނެއެވެ. ރޭގަނޑު ނިދަން އުޅޭ ވަގުތު ވެސް ބޮލު ތެރޭގައި ހިނގާނީ އެކަންތައްގަނޑެވެ. އެއީ އިޚުތިޔާރުގައި ވާ ކަމެއް ނޫނެވެ. އެހެނަސް ހިތް ނުތަނަވަސްވާކަމުގެ އިހުސާސް ކުރެވެއެވެ. އަދި ރޭގަނޑުގެ ނިދިން މަހުރޫމުވާ ހިސާބަށް ވެސް ދެއެވެ. 

ބިރުވެރި ފިލްމު ބަލާ މީހުންނަށް ވެސް ވަނީ ދާދި އެއް ކަހަލަ ގޮތެކެވެ. ފިލްމުގައި ސީދާ ވާ ކަންތައް ނޫނަސް، ހުވަފެނުން ބިރުވެރި ކަންކަން ފެނެއެވެ. އަދި ނިދިން ހޭލެވި، ހިތް ބިރުގަނެފައި ހުރެއެވެ. އެއީ ސިކުނޑިއަށް ކޮށްފައި ހުންނަ އަސަރަކުން ދިމާވާ ކަމެކެވެ.

އެހެންކަމުން، ރޭގަނޑު ނިދަން އުނދަގޫވެ، ހިތް ނުތަނަވަސް ވާހެން ހީވާ ނަމަ، ޓިކްޓޮކުން ބްރޭކެއް ނަގާށެވެ. އޭގެ ބަދަލުގައި، ހިތަށް ހަމަޖެހުން ލިބޭ ކަހަލަ އެއްޗެހި ބަލާށެވެ. އަދި އުފާވެރި ކަންކަމުން މީހާގެ ސިކުނޑި ފުރާލެވޭތޯ މަސައްކަތް ކުރާށެވެ.