މުދަލާ ފައިސާ އަކީ އަހަރެމެން ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް، ﷲ ދެއްވި އަޅަކަށް، ދެއްވި މިންވަރަކުން މިންވަރު ކުރައްވާ ނިޢުމަތެކެވެ. މިކަން މިމަގުން ހުއްޓެއް ކަމަކު، އިމްތިހާނު ކުރެއްވުމަކީވެސް އިލާހީ ސުންނަތެއް މެއެވެ. އެހެންކަމުން މި އިންސާނާ އިމްތިހާނު ކުރެއްވުމަށްޓަކައި ދުނިޔެމަތީގައި އިންސާނުންނަށް ތަނަވަސްކަން ދެއްވައެވެ. އެކި އިންސާނުންނަށް އެކި ގޮތްގޮތުންނެވެ. ހަނދާނުގައި ބަހައްޓަންވީ އެއިން ހަމަ ކޮންމެ ނިޢުމަތަކީ ﷲ ދެއްވި ނިޢުމަތެއް ކަމެވެ.
އަދުގެ މި ދުނިޔޭގައި އެތައް ގޮތަކުން އެތައް ބަޔަކު އެތައް ފައިސާއެއް ހޯދައެވެ. ހަލާލު މަސައްކަތްތަކުން އާމްދަނީ ހޯދާ މީހުންނާއި، ހަރާމް އެތައް ގޮތަކުން ފައިސާ ހޯދާ މީހުންނެވެ. ފައިސާ ހޯދާ މަގަކީ ހަރާމް މަގެއްތޯ ނުވަތަ ހަލާލު މަގެއްތޯ ބަލާ މީހަކު މިއަދު މަދެވެ. އެހެނީ އެތައް މަގަކުން އެތައް ގޮތަކަށް މިއަދު ފައިސާ ލިބެން އެބަ ހުރެއެވެ.
ފައިސާ ލިބޭ މަގުގެ މައްޗަށް ހިޔާލުކޮށް ފިކުރުކޮށް އެކަމަކީ ހަލާލު ކަމެއްތޯ ނުވަތަ ނޫންތޯ ހޯދާ ބަލާ، އެކަމުގެ މައްޗަށް ބިރުވެތިވާ އެތައް ބަޔަކު ތަނަވަސްކަމުގެ ރަހަ ނުލިބި އެބަ ތިއްްބެވެ. ނަމަވެސް އެކަމުގެ މައްޗަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ، ލިބުނު އެއްޗެއް ލިބުނު ގޮތަކުން ލިބުނު ތަނަކުން ހޯދާ މީހުން ތަނަވަސްކަމުގައި މި ދުނިޔޭގައި އެބަ އުޅެއެވެ. ސުވާލަކީ މި ތަނަވަސްކަމަކީ ހަމަ ހެޔޮ މަގުން ލިބުނު ތަނަވަސްކަމެއް ތޯއެވެ؟ ހެޔޮ މަގުން ލިބުނު ތަނަވަސްކަމެއްނަމަ، ހާދަހާވާ ރަނގަޅެވެ. ނަމަވެސް އެއީ ހުއްދަ ނޫން ގޮތެއްގައި ލިބުނު ތަނަވަސްކަމެއް ނަމަ، ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީ ވާނީ ކޮން ގޮތަކުން ހެއްޔެވެ؟
އެހެންކަމުން ތިބާ ފައިސާ ހޯދާ ހުރިހާ ގޮތެއްގެ މައްޗަށް ތިބާ ވިސްނާ ފިކުރު ކުރަންވާނެއެވެ. ހަލާލު ގޮތުގައި ފައިސާ ހޯދަން އަބަދުވެސް ސަމާލުވެ ފަރުވާތެރިވާން ޖެހޭނެއެވެ. ހަރާމް ގޮތުގައި ހޯދާ ފައިސާއިން، މި ދުނިޔެމަތީގައި އޭގެ ދިލަ އަލިފާނުގެ ހޫނު ނުވިނަމަވެސް، އެ ހޫނު ވާނެ ދުވަހެއް އޮތްކަން ހަނދާން ކުރަންވާނެއެވެ! މުސްލިމުންގެ މަގަކީ މިއީއެވެ. އިސްލާމުންގެ އުސޫލަކީ މިއީއެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން