ކޮންމެ އިންސާނަކީ ތަފާތު އިންސާނެކެވެ. ކޮންމެ އިންސާނެއްގެ އެއްމެ އަސާސީ އެއް މަސްދަރުކަމުގައިވާ ޖީންސް ނުވަތަ ޖެނެޓިކްވެސް ތަފާތުވެދެއެވެ. އިންސާނާ ހުންނަ ގޮތާއި ހަރަކާތްތައް ހުންނަ ގޮތާއި އެތެރެ ހަށީގެ ގުނަންތަކުގެ ސިފަތައްވެސް ތަފާތުވެދާނެއެވެ. މި ތަފާތުތަކާއެކު، އެކިކަހަލަ ބަލިބައްޔާއި، އެކިކަހަލަ ކަންކަމުގައި އިންސާނުންނަށް ކުރެވޭ އިހުސާސްތައްވެސް ތަފާތުވާނެއެވެ. ނަމަވެސް މިކަން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކަށް ނޭނގެއެވެ.

ތިމަންނާއަށް ވީ އެހެންނޭ ނުވަތަ މިހެންނޭ، އެހެންވިއްޔާ އަނެކާއަށް ވެސް ވާން ޖެހޭނީ ހަމަ އެހެންނޭ ނުވަތަ މިހެންނޭ އަހަރެމެންނަށް ހީކުރެވެއެވެ. އެއާއި އެކު އަނެކާ ކުރެން އެވާހަކަތައް އަހާ ކިޔައިދީ ހަދައެވެ. މިއީ މުޅިއަކުން ގޯސްކަމެއް ނޫނެވެ. އަދި މިފަދަ ތަޖުރިބާތައް ހިއްސާކޮށްދިނުމަކީ ތަކުލީފެއް އުފުލާ މީހަކަށް ހަމަޖެހުންވެސް ގެނުވަދޭނެ ކަމެކެވެ. ނަމަވެސް މިކަމުގައި ވިސްނަން ޖެހޭ ވަރަށް މުހިއްމު ކަމެއް ވެއެވެ.

އިންސާނުން އެކަކު އަނެކަކާ ތަފާތުވާނެ ކަމެވެ! މިއީ މިކަހަލަ ވާހައެއް އެހެންމީހެއްގެ ގާތުގައި ދައްކާއިރު އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމެކެވެ. ހާއްސަކޮށް ބަލިމީހެއް ކައިރީގައި މިކަހަލަ ވާހަކަ ދައްކާއިރެވެ. ހަމަ އެއްކަހަލަ ބައްޔެއްގައި އަނެކާ ތަޖުރިބާ ނުކުރާ އެތައް ކަމެއް ތިބާ ތަޖުރިބާ ކުރަން ކުރަން ޖެހިދާނެއެވެ. އަދި ތިބާ ތަޖުރިބާ ނުކުރާ އެތައް ކަމެއް އަނެކާ ތަޖުރިބާ ކޮށްފާނެއެވެ. އަނެކާއަށް އެވެނިމިވެނި ކަމެއް މެދުވެރިވުން ތަންކޮޅެއް އަވަސްވެފައި ނުވަތަ ލަސްވެދާނެއެވެ. މިހުންނަނީ ސިއްހީ އެހީތެރިން ނޫން ފަރާތްތަކަށް މާ ފަރަގު ބޮޑުކޮށް ކިޔައިދީ އެކަންކަމުގެ މައްޗަށް ކަންބޮޑުވުން އިސްކުރަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެހެނީ އިންސާނުން އެކަކު އަނެކަކާއި ތަފާތު ވެދާނެއެވެ.

މިފަދަ ވާހަކަ ތަކުގެ ސަބަބުން ބަލިމީހާގެ ބަލިހާލު އިތުރަށް ގޯސްވެގެންވެސް ހިނގައިދާނެއެވެ. ފިކުރު ބޮޑުވުމާއި ހާސްވުމާއި ނުތަނަވަސްވުން އިތުރުވެދާނެއެވެ. މި ބަލީގައި ނުވާ ގޮތެއް ވަނީކަމަށް ހީކޮށް އެކަމާ ބިރުން އުޅެފާނެއެވެ. މި ކަމެއްގައި އެހެންމީހުންނަށް ވާ ކަމެއް ނުވަނީ ކަމަށް ހީކޮށް އެކަމާވެސް ބިރުން އުޅެފާނެއެވެ. މިކަހަލަ ކިތައްމެ ކަމެއް، ކިތައްމެ ތަފާތުކަމެއް އިންސާނުންގެ މެދުގައި ހުރެދޭނެއެވެ. މިހުންނަނީ އެކަންކަމާ ފިކުރުބޮޑުކޮށް ހާސްވެ ނުތަނަވަސްކަން އިތުރުކުރަންވީ ކަންކަމެއް ނޫނެވެ.

އާދެހެވެ! މިކަންކަމުން ހިތުގައި ބިރުވެރިކަމެއް ނުވަތަ ހާސްކަމެއް އުފެދޭނަމަ، ކަމުގެ ހާއްސަ މީހަކާ ވާހަކަ ދައްކާލާށެވެ. އާއިލާ މީހުންނާ އެކުވެރިންނާ ރައްޓެހިން ދޭ އިރުޝާދާ ލަފައަށް އެކަނި ތަބައަ ނުވާށެވެ. އެމީހުންގެ ވާހަކަތައް އެކަނި އަޑުނާހާށެވެ. އެހެނީ ކޮންމެ އިންސާނަކީ ތަފާތު އިންސާނެކެވެ. އެ ތަފާތުތައް މޮޅަށް ދެނެގަނެ، އެ ތަފާތުތަކުގައި އެ ވާ ކަންކަމަކީ އާދައިގެ ކަންކަން ބުނެދޭން އެނގޭނީ ކަމުގެ ބާވަތުން، ކަމުގެ މާހިރުންނަށް އެކަންޏެވެ. އެހެންކަމުން އަބަދުވެސް އެފަދަ މީހެއްގެ ލަފާ ކަންކަމުގައި ހޯދާށެވެ!