އިރު އޭގެ ވާޖިބު އަދާކުރާ ފަދައިން ޒަމާންވެސް އޭގެ ވާޖިބު އަދާކުރަމުން ދެއެވެ. ޒަމާން ގެނުވި ބަދަލުތަކަކީ ދުނިޔޭގެ ތަރުތީބުވާ ނިޒާމުގެ ތެރެއިން އައި ބަދަލުތަކެކެވެ. މިބަދަލުތަކުން އިންސާނީ އުއްމަތަށް މަންފާއާއި ގެއްލުންވެސް ކުރުވިއެވެ. އަަޅުގަނޑުމެންގެ ކުޑަކުދިންގެ ދިރިއުޅުމަށް އައި ބަދަލަކީ ހެޔޮ ނުވަތަ ނުބައި ބަދަލެއްތޯ ވިސްނާލުން މުހިންމެވެ.

އެކުދީންގެ އިއްޔެ ތަސްވީރު ކުރެވެނީ ގުދުރުރަތީ ތާސީރުގައި ނަށަ ނަށާ ތިއްބައެވެ. ރުއްގަސްގަހުގެ ހިޔަލުގައި ދޮން ހުދު ފަސްގަނޑުމަތީ ވެއްޔާ ހިނަން ތިއްބައެވެ. އަވައްޓެރިކުދިންނާއެކީ މަގުމަތީ ހިނިތުންވެ އެކަކު އަނެކަކާ ސަމާސާކޮށް ސަކަރާތްޖަހަން ތިއްބައެވެ. އަތްފައިން ކޮންމެވެސް ކަމެއް ކޮށްލަ ކޮށްލާ ތިއްބައެވެ. ދިވެހިންނަށް ޚާއްސަ ދިވެހިންގެ ދެނަމާދުދޭތެރޭ ހަތިމުން ޤުރުއާން ކިޔަވަން ތިއްބައެވެ. ކުކުޅުހާލާ އެކީ ނިދަން އޮއްވައެވެ. ބޮޑު ފަތިހާ ހޭލާ އިރުއަރާ މަންޒަރު ދެކެން ތިއްބައެވެ. އަތިރި މަތީ ދެކޮޅު ދެކޮޅަށް ދުވަން ތިއްބައެވެ. ރާޅުފެނުގައި ފައި ތެންމައިގެން، މޫދު ދޮށުގައި މަސްހިފަން ތިއްބައެވެ. ވަގުތު ޖެހުމުން ކާފަ ފަހަތުން މާމަ ފަހަތުން މިސްކިތަށް ހިނގަ ހިނގާ ތިއްބައެވެ. ބޮލުގާ ރުމާލެއް އައްސައިގެން ވޮށިފިލާ ހިފައިގެން އެދުރުދައިތަ ކައިރިއަށް އަކުރުއަޅަން ގޮސް ތިއްބައެވެ. މި ފަދަ ކިތަންމެ ކިތަންމެ މަންޒަރެއްގެ ކުލަ މިއަދު ވަނީ ފަނޑުވެފައެވެ. އެތަކެއް އާދައެއް ވަނީ ފުހެވިފައެވެ. މިފަދަ އެތަަކެއް މަންޒަރުތަކެއް މިއަދު ވަނީ ގެއްލިފައެވެ. އެކުދީންގެ މި ރީތި އާދަތަކަށް ޒަމާން ގެނުވި ބަދަލު އަދުގެ ދުނިޔެއިން ފެންނާން އެބަ އޮތެވެ.

އެކުދީންގެ "މިއަދު" ތަސްވީރު ކުރެވެނީ ސިމެންތި ފާރުތަކުގެ ތެރޭގައި މުޅި ދުނިޔެއަށް ލޯހުޅުވިފައި ތިއްބައެވެ. ދުނިޔޭގެ ކަންކޮޅުތައް ގާތްކޮށް މުށުތެރެއަށް ލައިގެން އުޅެނިކޮށެވެ. ޒަމާނީ ޓެކްނޮލޮޖީގެ ކުލަތަކުގައި އެކުދިން ތެމިފައި ތިއްބައެވެ. ފަރަންޖީ ބަހަށް އެކުދިންގެ ދޫތަކާއި އަތްތައް ފަރިތަވެފައި ތިއްބައެވެ. އެކުދިންގެ އަމިއްލަ ދުނިޔެއެއްގެ ތެރެއަށް ޣަރަގުވެފައި ތިއްބައެވެ. ތަފާތު އެކި ސިފަ ސިފައިގައި އުޅޭ ގޮތްނޭނގޭ ކުރެހުންތަކެއް، ބަތަލުންނަށް ހަދާ އުޅެނިކޮށެވެ. ނުދަންނަ ބައެއްގެ ވިސްނުމަށް އެކުދިންގެ ވިސްނުން ފެތި ނިމެން ދަނިކޮށެވެ. މިއީ އިއްޔެއާއި މިއަދުގެ ތަފާތެވެ.

ކުޑަކުދީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ޒަމާން ގެނުވި މި ބަދަލަކީ ހެޔޮ ބަދަލެއްތޯއެވެ؟ ތިބޭފުޅުން މިންކުރައްވާށެވެ.