އެޗްޕީއޭގެ ވައިބާރ ގުރޫޕަށް އަންނަ މެސެޖުތަށް ހުއްޓުމެއްނެތި އަންނަމުން ދެއެވެ. އޭރުވެސް މިހާރުވެސް އެ ބައިމީހުން އެބައިމީހުންގެ ޒިންމާ އަދާކުރަމުން އެބަދެއެވެ. ނަމަވެސް އޭރާއި މިހާރު އަންނަ މެސެޖުތަކުގައި ތަރުތީބު ކުރެވިފައި ހުންނަ ބަސްތަކާއި ޖުމުލަތަށް މުޅިން ތަފާތެވެ. އުޑާއި ބިންހާ ތަފާތެވެ.

މިހާރު އަންނަ މެސެޖުތަކުގައި އަތް ދޮއުމަށާއި ގައިދުރުކަން އިސްކުރުމަށާއި ނުވަތަ މާސްކު އެޅުން ފަދަ ކަންކަމަށް އިރުޝާދެއް ނުދެއެވެ. މާނައަކީ އެކަން ކަން ނުކުރަންވީ އެއްނޫނެވެ. އެ މެސެޖުތަކަށް ޖާގަ ނެތީއެވެ. ރައްޔިތުންނާއި ހަމަޔަށް ތިލަކޮށްދޭންޖެހޭ އެހެން މުހިންމު މައުލޫމާތުތައް އަމުދުން ގިނައީއެވެ.

އެ ވައިބާރ ގުރޫޕަށް އަންނަ މެސެޖުތަކަކީ ހަމަ "މެސެޖު" ތަކެއް ނޫނެވެ. އެއިން ކޮންމެ މެސެޖަކުން ދެން ލިބިދޭ އަނެއް މެސެޖު މާ ބޮޑެވެ. ދިވެހި ބިމަށް އުފަން ދިވެހި ލޭ ހިނގާ، ދިވެހި ދަރިއަކު މި ދުނިޔެއާއި އަލްވަދާއު ކީ ކަމުގެ މެސެޖެކެވެ. އެއީ ކޮންމެވެސް މީހެއްގެ މަންމައެއް، ބައްޕައެއް، ބޭބެއެއް ނުވަތަ ދައްތައެއް ނުވަތަ އާއިލީ ކޮންމެވެސް މީހެކެވެ. މިއީ އެ އާއިލާތަކަށް ތަހައްމަލު ކުރަން އުނދަގޫ ވޭންދެނިވި މެސެޖުތަކެކެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި އެކަމަށް ފަރުވާލެއް ދޭ އިންސާނަކު އަމުދުން މަދެވެ. 

މީސްމީޑިއާގައި ޒާތްޒާތުގެ ޕޯސްކޮށް އުޅުނަސް ހަގީގަތުގައި ގިނަ ދިވެހިން ކޮވިޑާއި މެދު ފަރުވާލެއް ނުބަހައްޓައެވެ. މީސްމީޑިއާގެ ބައެއް ވަސީލަތްތައް ބަލާލުމުން، ފަރުދީ ޒިންމާ ނަގާ ވަރުބަލިވެއްޖެކަމާއި ދެނެއް އިތުރަށް ކެތްނުވާނެ ވާހަކަ ލިޔެފައި ހުއްޓައިވެސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ކާފިއު ހިންގުމާއި ދެކޮޅަށް އަމުދުން މާ ނުރުހުންތެރި ބަސްތަކެއް މޮށެ އުޅެނީ ވެސް މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިއީ މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ދިވެހިންގެ ބަސްމަގު ހުންނަންވީ މިސްރާބު ހެއްޔެވެ؟

ދައުލަތާއި ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ތިމާ ވެސް އިހުމާލުވާން އޮތް އުޒުރެއް އަދި ކިއެއްތަ ޝަރުތެއްވެސް ނޫނެވެ. އެބައިމީހުން ކުޅަ ކަމެއް އެބައިމީހުންނަށެވެ. ތިމާގެ ބަހާއި އަމަލު ސީދާ މަގުން ކަސިޔާރު ނުވެ ހިފެހެއްޓުން އަމުދުން މާ ބުއްދިވެރިއެވެ.

ހޮސްޕޓަލުގައި އެނދުމަތި ކުރެވިފައި ތިބި އުމުރުން ދުވަސްވީ މީހުންނަކީ ހަމަ ގައިމުވެސް ކޮފީތަކާއި ޕާޓީ ތަކަށްގޮސް ނާޗަރަންގީ ކުޅޭނޭ ބައެއް ނޫނެވެ. ބަސްއަހައިގެން، ކަމުގެ ހައްސާސްކަން ދެނެގެން ގޭގައި ތިބި ކާފައާއި މާމައަށް ބަލި ޖެއްސުމުގައި ތިމަ ތިމާމެންގެ އަތެއްވާނޭ ކަން ހަމަޔަގީނެވެ. މިއީ ހައްސާސީ ކަމެއް ކަމަށް ނުދެކި ދުނިޔޭގެ ކުލަ މަޖަލުގައި ނަށަ ނަށާފައި ގޮސް އެތިބަ މައުސޫމު މުސްކުޅިންގެ ގަޔަށް ބަލި ޖައްސަނީ މެއްސާ މަދިރި ފަދަ ސޫފާސޫފީގެ ދަރަޖައަށް މި އިންސާނާ ވެއްޓިގެންނެވެ. މިއީ މިހާ ތަހުޒީބުކަމަށް ދައުވާ ކުރާ މުޖުތަމައެއްގައި ފެނިގެންވާނޭ ފަދަ އަމަލުތަކެއް ހެއްޔެވެ؟

ގައުމުގެ "ގަޓު" ހުރި ޒުވާނުންގެ "ފޮނި" އަމަލުތަކުގެ ނަތީޖާއަކަށް ވެގެން ދަނީ މައުސޫމު ނިކަމެތި އެތަށް ފުރާނައެއް ނެތިގެން ދިއުމެވެ. އެފަދަ ޒުވާނުން ވިސްނަލާށެވެ. އެތިބަ ކާފަމެން މާމަމެން ނޭވައި ނުލެވިގެން އުޅޭ މަންޒަރު ތިބާ އަށް ނުފެނުނަސް އެމަންޒަރު ގާތުން ދެކޭ ބަޔަކު އެބައެޅެއެވެ. އެވެރިންގެ މެޔާއި އަރުތެރޭގައި އަޅާ ވޭން ބުނެ ނުދިނަސް އެވެރިންގެ މޫނުމަތިން އެކަން އިހުސާސް ކޮއްދެއެވެ. ކުށެއް ނެތް އެ މައުސޫމު ކާފައާއި މާމައަށަ އެ ހާލުޖައްސަން ހެޔޮވާނެހެއްޔެވެ؟

އެންމެރަނގަޅެވެ. ފަރުދީ ޒިންމާ ނަގަންވެސް ދެކޮޅު ހަދަނީއެވެ. އަމުދުން ކާފިއުއަށް ބޮޑުތަނުން ނަފްރަތު ކުރަނީއެވެ. ނަމަވެސް ހަނދާންބަހައްޓާށެވެ. އެޗްޕީއޭގެ ވައިބާރ ގުރޫޕަށް އެއަންނަ މެސެޖަކީ ހަމައެކަނި މެސެޖެއްނޫނެވެ. އެއީ މިދުނިޔެއާއި ވަކިވެގެންދާ ފުރާނައެއްގެ ހަބަރެވެ. އެ ހަބަރުން މިއަދު ތިބާގެ ހިތަށް އަސަރެއް ނުކުރިނަމަވެސް މާދަމާ ތިބާގެ އާއިލީ މީހެއްގެ މަރުގެ ހަބަރު ތިބާ އަށް ލިބުމުން ކޮއްލާނޭ އަސަރު ވަޒަން ކުރައްވާށެވެ.