ދުނިޔޭގައިވާ ކޮންމެ އެއްޗަކީވެސް އޭގައި ފުރިހަމަ ކަމަކާއި އުނިކަމެއް ވާނޭ އެއްޗެކެވެ. ބައެއް އެއްޗެހީގެ އުނިކަމަށްވުރެ ފުރިހަމަކަން މާބޮޑެވެ. އަދި އަނެއްބައި އެއްޗެހީގެ ފުރިހަމަކަމަށްވުރެ އޭގެ އުނިކަން މާބޮޑެވެ. މިއީ މި ދުނިޔޭގެ ނިޒާމެވެ. ދުނިޔެ ތަމްސީލުކުރާ ހަގީގަތެވެ.

އިންސާނާ އޭނާ ކުރާ ކޮންމެ ކަމެއްގައިވެސް އިހްލާސްތެރިވުމާއި ފަރުވާތެރިވުމާއި އަދިވެސް އަދިވެސް ކިތައްމެ ރިވެތި އާދައެއް ހިފަހައްޓަން ވާނެއެވެ. އެއީ ކޮންމެ މަސައްކަތެއް ކަމުގައިވީނަމަވެސް މެއެވެ. ކަންކަމުގައި އިސްކޮށް އުޅޭ، ޒިންމާދާރު ވެރީންނަކީ އަމުދުން މިކަންކަމަށް ސަމާލުކަން ދިނުން މުހިންމު ބައެކެވެ. އެހެނީ އެބައިމީހުން ކުޅަ ކަންކަމުގެ އަސަރު ފޯރާނޭ އެތަކެއް ބަޔަކު އުޅޭނެތީއެވެ.

އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި މިފަދަ ޒިންމާތައް އުފުލަމުން ގެންދާ ފަރާތްތަކާއި މެދުގައި އަބަދުވެސް ހިޔާލުތަފާތުވުންތައް އޮވެއެވެ. އެއްބަޔަކު އެބައިމީހުންގެ އަމަލުތަކަށް ތާއީދު ކުރާއިރު އަނެއްބަޔަކަށް އެކަމަށް ނުރުހިގެން ތިބެއެވެ. އަދި ކިއެއްތަ ނުރުހެންވީ ސަބަބެއް ސީދާ ފެންނަން ނެތަކަސް، އެބައިމީހުންގެ ކޮންމެވެސް އުނިކަމެއް ހޯދާ، އެކަމެއްގެ ވާހަކަ ދައްކާ އުޅެތެވެ. މިއީ ކޮންމެހެން އޭނާ އަދާކުރާ ޒިންމާ އަދާ ނުކުރެވިގެން ކުރާ ފަޟީހަތެއް ނޫނެވެ. ނަމަވެސް އޭނާ އާއި ދެމެދު ހިތުގައި އޮންނަ ނަފްރަތަކާއި ރުޅިވެރިކަމެއްގެ ސަބަބުން އަނެއް އިންސާނާއަށް ކުރެވޭ ކަމެކެވެ. މިއީ އެކަން ކަމާއި އަޅުގަނޑުމެން ދުރުވާން ޖެހޭނޭ ކަމެކެވެ. ކުށެއް ނުކުރެވޭ ތާހިރު ބަޔަކަށް އިންސާނުން ނުވާހިނދު، މީހަކަށް ކުރެވޭ ކުދިކުދި ކުށްތަކުގެ ވާހަކަ ދައްކާ އެވާހަކައިގައި ގަދައަށް ހިފާ ދަމަމުން އަނެކާގެ އަބުރާއި ކަރާމާތް ވެއްޔާއި މޮޑެލުމަށް ކުރެވޭ އަމަލު ތަކަކީ ހުތުރު އަދި ނަޖިސް އަމަލު ތަކެކެވެ. ތަހުޒީބު މި ޒަމާނުގައި މީސްމީޑިޔާގެ އެކި އެކި މަންސަތަކުގެ ބޭނުންކޮށްގެން މިފަދަ ކުދިކުދި ކަންތައްތަކުގައި ހިފާ އަނެކާގެ އަބުރު ކަތިލެވޭ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެކެވެ.

ކަންމިހެން ހުރުމާއިއެކު ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އަނެކާ އަދާކުރާ ޒިންމާއާއި އަނެކާ އުފުލާ ބުރައެއް ތިބާއަކަށް ނޭނގޭނެއެވެ. "އޮޑީގައި ހުރިވަރެއް އިނގޭނީ ކަނޑަށް ނުކެމެ ދުއްވާލީމައެވެ". ފިނި ކޮޓަރިތަކާއި ކޮފީ މޭޒުތަކުގައި ތިބެގެން އެވެރިންގެ ޒިންމާއާއި އަދި އެވެރިންގެ މަސައްކަތާއި ބެހޭ ވާހަކަ ދައްކާ ބުނެދޭކަށް ނޭނގޭނެއެވެ. އެހެންކަމުން ރިވެތި ގޮތަކީ އެބައިމީހުންނަށް ހެދޭ ކުދިކުދި ކުށްތަކުގައި އެވެރިން ބަދުނާމުނުކޮށް، އެވެރިންނަށް ހިތްވަރުދިނުމެވެ. ޒިންމާއެއް އަދާކުރާ ކޮންމެ މީހަކީ އެމީހެއްގެ ނަޒަރުގައި ފިނިފެންމަލެކެވެ. އަދި އަނެކުންގެ ނަޒަރުގައި އެއީ ޗަމަންގައި ފަރިވެފައި އިން އަމުދުން އޭގެ ފަރިކަން ފުރިހަމަ ފިނިފެން މަލެކެވެ. އެހެނީ އެ މަލާއި ނުލާ އެ ބަގީޗާ ފުރިހަމަ ނުވާނެތީއެވެ.

އާދޭހެވެ! މާމެލާމެލީގެ ޗަމަންއެއްގައި ފޮޅިފައި އިން ފިނިފެއްމްލެއްގެ ރީތިކަން ތިބާ ސިފަކުރައްވާށެވެ. އެ މަލުގައި އެހެރަ ރީތި ކުލައަކާއި، އަމުދުން މީރު ވަހެކެވެ. އެހެރަ ފުރިހަމަ ފިޔަތަކަށް ތިބާ ނަޒަރު ހިންގާލާށެވެ. ނަމަވެސް އެމަލުގައި ގުރުޑު ފިޔައެއް އެބައިނެވެ. އެއްވެސް މީހަކަށް އެފިޔައެއް މިއަދަކު ނުފެނުނެވެ. ކީއްވެތޯއެވެ؟ އެމަލަކީ ތިބާ ހިތްއެދޭ ފަދަ މަލަކަށްވާތީއެވެ. އެމަލުގެ ކުލަ ރީތިކަމުންނެވެ. ދުވާ ވަހުގައި ހުރި ހިތްފަސޭހަކަމުންނެވެ. ކަންމިހެން ހުރުމުން އެމަލުގައި އިން ގުރުޑުފިޔައަކުން އެމަލަކަށް އަދި ކިއެއްތަ އެމަލާއި ދިމާލަށް ބަލާ ބަޔަކަށްވެސް އުނިކަމެއް ނުދިނެވެ. އެހެންކަމުން "ފިނިފެންމަލެއްނަމަ އޭގައިވާ ގުރުޑު ފިޔައަށް ނުބަލާށެވެ".