"އަހަރެން މި މަސައްކަތް ކުރަނީ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް...ހަފްތާއަކު ހަތް ދުވަހު،" އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓާއެކު އެކީގައި ބާއްވާ ބިޒްނަސް ކޮންފަރެންސް ބީ20 ގަ ވީޑިއޯ ކޯލް މެދުވެރިކޮށް ދިން ސްޕީޗެއްގައި އީލޯން މަސްކް މިއަދު ބުނެފިއެވެ.
އުމުރުން 51 އަހަރުގެ ޓެކް ބިލިއަނަރު މިހެން ބުނީ، އޭނާގެ އޮޓޯ ފާމް ޓެސްލާ އިންކް މެނޭޖް ކުރަމުން މަޝްހޫރު ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓްވިޓަރ މެނޭޖްކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ޓްވިޓާ އާއި ޓެސްލާ ހިންގުމުގެ އިތުރުން މަސްކް ބަލަހައްޓަނީ ސްޕޭސްއެކްސް އާއި އޭނާގެ ޓަނަލިން ކުންފުނި ދަ ބޯރިން ކޯ އަދި ހިއުމަން ޓު ކޮމްޕިއުޓަރ ޓެކް ކުންފުނި ނިއުރަލިންކް ކޯޕަރޭޝަނެވެ.
މީގެ އިތުރުން މަސްކް ވަނީ ޓްވިޓާއިން ކުރިއަށްއޮތްތަނުގައި އުންމީދު ކުރާ ކަންކަމާއި ޓިކްޓޮކް އާއި ވީޗެޓް ފަދަ އެހެން ސޯޝަލް މީޑިއާ ޖަޔަންޓްތަކާ ކުރިމަތިލާން ގަސްތުކުރާ ގޮތާ ބެހޭ ގޮތުން ކުރިއަށް އޮތް ޕްލޭންތައް ވެސް ފާހަގަކޮށްފަ އެވެ.
"އަހަރެން ބޭނުންވަނީ ޓްވިޓާ އިން އިތުރު ވީޑިއޯ އާއި މިހާރަށްވުރެ ދިގު ވީޑިއޯވެސް ސަޕޯޓް ކުރާތަން ދެކެން. ބޭނުމީ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓްވިޓަރގައި ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން" މާ ބޮޑު ތަފްސީލެއް ނުދީ އޭނާ ބުންޏެވެ.
މަސްކްގެ މި ވާހަކަތައް އައީ ޓްވިޓާގައި ނަފްރަތު އުފެދޭފަދަ އަދި އެނޫނަސް އެހެނިހެން ގެއްލުން ހުރި ކޮންޓެންޓްތައް ޓްރެކްކުރާ ފަސްހާސް ކޮންޓްރެކްޓް މުވައްޒަފުން ހޮނިހިރު ދުވަހު އެއްވެސް ނޯޓިސްއަކާ ނުލައި ވަޒީފާއިން ވަކިކޯށްފައިވަނިކޮށެވެ.
ވަޒީފާއިން ވަކިކޮށްފައިވާ ބައެއް މުވައްޒަފުން ބުނީ ވަޒީފާއިން ވަކި ކުރިކަން އެނގުނީވެސް މަސައްކަތަށް ލޮގްއިން ނުވެވިގެން ޗެކްކުރުމުން ކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން