ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިޔަށްގެންދިޔަ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ތިނަދޫގެ 14 މަގެއް ހިމެނޭހެން މުޅި ޖުމްލަ 6555.82 މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ. އަދި، އޭގެއިތުރުން ކުރިން ހަދަންފަށާފައި ނުނިމިހުރި 5 މަގެއްގެ މަސައްކަތް ވެސް އާރްޑީސީ އިން ވަނީ ނިންމާލައިފައެވެ.

މީގެ ތިން އަހަރުކުރީން، 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައި އާރްޑީސީ އިން މި މަސައްކަތްކުރުމަށް ހަވާލުވީ، 78.8 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް ނިންމުމަށްޓަކާ މަސައްކަތްކޮށްދެއްވި އެންމެހާ މުވައްޒަފުންނަށާއި ތިނަދޫ ސައިޓްގައި އިސްކޮށް މަސައްކަތްކުރެއްވި މުވައްޒަފުންނަށް އާރްޑީސީގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.