އާއްމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު ހަމަވަމުން އަންނަކަން ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކޭނެ އިންތިޒާމުވާނީ 1 އޭޕްރިލް 2024 އިން ފެށިގެން ހަމަޖެހިފައި ކަމަށެވެ.

ޝަރުތު ހަމަވާ ކެޓަގަރީ އަކީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތަކުން (ޑޮމެސްޓިކް ކަސްޓަމަރުންނަށް) ޖޫރިމަނާ މަޢާފުކުރެވޭނެ ބިލުތައް ކަމަށާއި އެއީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތައް ކަމަށް ސްޓެލްކޯ އިން ބުނެއެވެ. 

ޖޫރިމަނާ މަޢާފުކުރެވޭ ގޮތަކީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާއި ނުލައި ދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައި ކަމަށާއި މިގޮތުން، ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށްވާނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމެނިފައިވާ ކަމަށް ބުނެއެވެ. އަދި، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 01 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެ ކަމަށް ވެސް ބުނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 ނުވަތަ billing@stelco.com.mv އަށް އީ-މެއިލް ކުރުމަށް ވަނީ އެދިފައެވެ.