ކިޔުމާއި ލިޔުމާއި އަދި ޅެންވެރިކަމަކީ ވަރަށްގިނަ މީހުންގެ އެކަނިވެރިކަމާއި އެކަހެރިކަން ފިލުވާލަދިނުމަށް އެހީތެރިވެދޭ ކަންކަމެވެ. އަދި މިއީ ހާސްކަމާއި ނުތަނަވަސްކަން ފިލުވާލުމަށްވެސް ކުރެވުދާނެ ވަރަށްވެސް ބޭނުންތެރި އަދި އެހާމެ ފައިދާހުރި ކަމެއް ކަމަށް އެން.ޓީ ޔުނިވާސިޓީގެ ދިރާސާއަކުން މި ވަނީ ހާމަވެގެން ގޮސްފައެވެ.

ޕޮލިމައުތް ޔުނިވާސިޓީ އާއި އެން.ޓީ ޔުނިވާސިޓީ ގުޅިގެން އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ މި ދިރާސާއަކީ އެގައުމުގެ އާރޓްސް އެންޑް ރިސާޗް ކައުންސިލްގެ މަދަދާއި އެކު ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. ކޯވިޑް-19 އަށްފަހު ކުރެވުނު މި ދިރާސާއިން ދައްކާ ގޮތުގައި ޅެންވެރިކަމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ފަރުވާއެކެވެ.

މިއީ 4000 މީހުން ބޭނުން ކޮށްގެން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ކޮންމެ ބައިވެރިއަކަށްވެސް އެކި އިހްތިޔާރުތައް (އެކަކަށްވުރެ ގިނައިން) އިހްތިޔާރު ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވި ބައިވެރިންގެ ތެރެއިން %51 މީހުން ބުނަނީ ޅެން ކިޔުމާއި ލިޔުމުން، ސިކުނޑިތަކަށް ހަމަޖެހުން ލިބޭ ކަމަށެވެ. އަދި %50 މީހުން ބުނާގޮތުގައި މިއީ އެކަނިވެރިކަމާއި އެކަހެރިކަމާއި ހާސްކަމާއި ނުތަވަސްކަމުން އެމީހުން ދުރުކޮށްދޭ ކަމެއް ކަމަށެވެ. %45 މީހުން ބުނާގޮތުގައި ޅެން އަޑުއެހުމަކީ ދިރިއުޅުމުގައި ދިމައިވާ އަޑިގުޑަންތަކުން އަރައިގަތުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. ދިމައިވެފައިވާ ހާލަތަކާއި ގުޅުވައިގެން އެ ހާލަތަކަށް ހިތްވަރު ލިބޭ ގޮތަށް ހަދާފައި ހުންނަ ޅެންތައް އެ ހާލަތުގައިވާ މީހާ އަޑު އެހުމުން، އޭނާއަށް އިތުރު ހިތްވަރެއް ލިބޭކަމަށެވެ.

މި ދިރާސާގެ ބައިވެރިންގެ ތެރެއިން %17 މީހުން ބުނާގޮތުގައި ޅެން ކިޔުމުން، ލިޔުމުން އަދި އަޑު އެހުމުންވެސް އެމީހުން އެ އުފުލާ ނަފްސާނީ ތަކުލީފުތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި %11 މީހުން ބުނާގޮތުގައި ނަފްސާނީގޮތުން ބަލިކަށިވެފައިވާ މީހާ، އެފަދަ ޅެމެއް އަޑު އިވުމުން، އިތުރަށް މާޔޫސްވެ، ގޮތް ހުސްވެ، ހައްތަހާ އެ ބަލިކަށިކަމުގައި އިތުރަށް ބަލިބޮޑުވެގެންދާ ކަމަށެވެ.

މިއީ މި ދިރާސާގެ ނަތީޖާގެ ކުރު ހުލާސާއެކެވެ. މި ނަތީޖާތަކަށްބަަލާ، އެން.ޓީ ޔުނިވަސީޓީގެ ޕްރޮފެސަރުން ނިންމި އެއް ގޮތަކީ ނުވަތަ ނެރުނު އެއް ނަތީޖާ އަކީ ޅެންވެރިކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް ގެނެސް ދެވިދާނެ ކަމެއް ކަމުގައެވެ. އަދި މިއީ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމެއް ކަމުގައިވެސް ފާހަގަކޮށްފައި ވެއެވެ.

ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދީ އަދި މޮޅިވެރިކަން ވެރިވެފައިވާ ހިތްތަކަށް ހިތްވަރެއް ގެނެސްދޭނަމަ، އެއީ އެ ހިތްތަކަށް ފަރުވާއެކެވެ. އެއީ މީހަކު ކިޔައިދޭ ވާހަކައެއް ނަމަވެސް މެއެވެ. ލިޔެފައި އޮތް ލިޔުމެއް ކަމުގައި ވިޔަސް މެއެވެ. މި އުސޫލުގެ މަތިން، ޅެންވެރިކަމަކީވެސް ނަފްސާނީ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެހެނީ ޅެމަކީ އޭގެ މާނަ ފުން، އޭގެ އަސަރު ގަދަ، އޭގެ ޖަޒުބާތު އުތުރި އަރާ ޝައިރީ އިބާރާތްތަކަކާއި ލަފުޒުތަކެކެވެ. މިއީ އިންސާނާގެ ހިތުގެ އެއްމެ ފުނަށް، އަސަރު ކުރުވާ، ސިކުނޑީގެ އެއްމެ އަޑިއަށް ވާސިލްވާ އެއްޗެކެވެ. ކަން މިހެން ހުރިނަމަވެސް، އަހަރެމެން ދިވެހިންނީ މުސްލިމުން ކަމުގައި ވީ ހިނދު، ކީރިތި ޤުރުއާނަކީ، ޅެންވެރިކަމުގެ ކުރިއަށް މި ކަމުގައި އިސްކުރަންވާނެ އެއްޗެކެވެ!

 

ހަވާލާ: އެން.ޓީ ޔުނިވާސިޓީ - ސްކޫލް އޮފް އާރޓްސް އެންޑް ހިޔުމަނިޓީސް 2023