އިންސާނާގެ ކިބައިގައިވާ މުދާވެރިކަމާއި ތަނަވަސްކަމަކީ އޭނާގެ އަމިއްލަ މިލްކެއް ނޫނެވެ. އެއީ މާތް ﷲ މިލްކެކެވެ. އެ އިލާހުގެ ފުރިހަމަ މިލްކެކެވެ. އެހެންކަމުން، އެ މުދަލުން އިންސާނާ ކުރަންޖެހޭނެހާވެސް ކަމަކީ މާތް ﷲ އެންގެވި މަގުން އެ މުދަލަކުން އިސްތިއުމާލު ކުރުމެވެ.

އާދޭހެވެ! ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ މި ބަސްފުޅަށް ވިސްނާލާށެވެ. ނޫރު ސޫރަތުގެ 33 ވަނަ އާޔަތުގެ މާނާގައި ވެއެވެ. "---އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!--" މި އާޔަތުގައި އެވާ " ތިޔަބައިމީހުންނަށް ދެއްވާފައިވާ ﷲ ގެ މުދަލުން" އޭ އޮތުމުން ދޭހަވަނީ އަހަރެމެންގެ އަތުގައިވާ ތަނަވަސްކަމަކީ އަހަރެމެންގެ ޙައްޤެއް ނޫނެވެ. އެއީ މާތް ﷲ ގެ ޙައްޤެއް ކަމެވެ.

އިންސާނާއަށް ތަނަވަސްކަން ދެއްވަވަނީ އެމީހަކު ބޭނުންހަރަދެއް ކުރާކަށް ނޫނެވެ. ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށެވެ. ތިބާގެ އަތުގައި އެތަނަވަސްކަންވަނީ އެ އިލާހުގެ އަމާނާތެއްގެ ގޮތުންނެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވަނީ، "ޤިޔާމަތް ދުވަހު ތިބާގެ ގަނޑުވަރު އުސްކޮށް ފުރިހަމަކުރަން ބޭނުންނަމަ އެހެން މީހުންނަށް އެހީތެރިވުން ގިނަކުރާށެވެ."

އިންސާނާ ދުނިޔެއަށް އުފަންވަނީ އެއްވެސް އެއްޗެއް އަތުގައި ނެތިއެވެ. އޮރިޔާންވެސް ނިވައިކޮށްލާނޭ ތަނަވަސްކަމެއް ނެތިއެވެ. ދުނިޔެ ދޫކޮށްފައި ދާންޖެހޭނީވެސް ހަމަ އެހާލުގައެވެ. އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ މުދަލުން ކޮށްފައިވާ ދެމިހުންނަނިވި ޞަދަގާތަކުންނެވެ.

މުދަލުން ޞަދަޤާތެއް ކޮށްގެން އެއްވެސް ގެއްލުމެއް ނެތެވެ. މާލީ ހާލަތު ދަށްވެދާނޭ ކަމުގެ ވަސްވާސްތައް ހިތުގައި ގިލަންވެރި ކުރަމުން ދިޔަނަމަވެސް، އިމާންތެރިކަމުގެ ވާރޭއިން އެ ވަސްވާސްތައް ފުހެލާށެވެ. މީސްތަކުންނަށްޓަކައި ދީލަތި މީހަކަށް ވާށެވެ. އެއީ އިންސާނާގެ މުދަލުގައި ބަރަކާތް ލައްވާނޭ ކަމެކެވެ. މާތް ﷲަ ބަރަކާތް ލެއްވެވި މުދަލަކީ، ގެއްލިގެން ދާނޭ އެއްޗެއް ނޫނެވެ. އަދި ކިއެއް އެއީ އިތުރުވެދާނޭ އެއްޗެކެވެ.

ޟުޙާ ސޫރަތުގެ 10 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާއަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!" މާޢޫން ސޫރަތުގެ 7 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. " އަދި ހިފާ ގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހާއެވެ."

އާދޭހެވެ! މި އާތްތަކުން އަހަރެމެންނަށް އެނގި ހާމަ ވަނީ މުދަލުން ހޭދަކުރުމާއި އެކު ކަންކަމަށް ބޭނުންވެފައިވާ މީހުންގެ ހާޖަތްތައް ފުއްދައި ދިނުމަކީ ވާޖިބެއް ކަމެވެ. އެ މީސްމީހުން އެދޭ އެދުމެއް ނުވަތަ ބޭނުންވާ މުދަލެއް، ތިމާގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހޭދަކޮށް ދޭންވާނެއެވެ. ނަމަވެސް އަދުގެ މުޖުތަމައުތަކުގައި އުޅޭ ބައެއް މީހުންނީ، އެމީހުންނަށް ދުނިޔެމަތީ މާލީ މަންފާއެއް ނުވާ ކަމެއްގައި އެއްވެސް ހޭދައެއް ނުކުރާ ނުވަތަ ކުރަން ބޭނުން ނުވާ މީހުންނެވެ. މިއީ ވަރަށްވެސް ގޯސް ވިސްނުމެކެވެ. އާންމުގޮތެއްގައި މިފަދަ ވިސްނުމުގައި ފާލަން އަޅަމުންދާ މީހުންނީ އެމީހުންގެ އަތުގައިހުރި މުދަލުގައިވާ ފަގީރުންގެ ޙައްޤު، (ޒަކާތް) އަދާ ކުރުމަށްވެސް ފަސްޖެހި ޝަކުވާ ކުރެވޭ މީހުންނެވެ.

އިންސާނާއަށް ލިބިފައިވާ ތަނަވަސްކަމުން ހޭދަކުރާށެވެ. އިސްރާފު ނުކުރާށެވެ. މުއްބާރު ނުކުރާށެވެ. ދަހިވެތި ނުވާށެވެ. މާތް ﷲ ނުރުއްސަވާ ކަންކަމަށް ހަރަދު ނުކުރާށެވެ. އެހެން ނޫންނަމަ، އިންސާނާގެ އަތުގައިވާ އެ އިލާހުގެ މިލްކު، އެ އިލާހު، އެ އިންސާނެއްގެ އަތުން އަތުލައްވަފާނެއެވެ. މިކަންކަމުގައި ވިސްނާ ފިކުރުކުރާ މީހުން މޮޅުގޮތާއި ފަލާޙު ލިބިގަންނާނޭކަން ޔަގީނެވެ.